ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެކޮޅަށް ނިކުމެ އުޅުއްވާ ޕީޕީއެމްގެ ކައުންސިލް މެންބަރުން އެމަނިކުފާނާ މެދު އަމަލުކުރައްވާފައި ހުރި ގޮތްތަކާއި ދޭތެރޭ މައާފަށް އެދިވަޑައިނުގަންނަވާ ހިނދަކު ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ނުބާއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގެ ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިިދިނުމަށް ތަކުރާރުކޮށް ބައެއް ބޭފުޅުން އެދެމުންދާ ވަގުތެއްގަ އެވެ. ޕީޕީއެމް ވަިބާ ގްރޫޕްގައި ވިދާޅުވެފައިވަނީ ކައުންސިލް ބޭއްވޭނެ ގޮތްތައް ވިދާޅުވެ ދެއްވާ ޝަރުތުތައް ކުރިމަތިކުރައްވާފަ އެވެ.
މީގެ އިތުރުން އެމަނިކުފާނު ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް އެންމެފަހުން ބޭއްވުނު ދުވަސް ކަމުގައިވާ މިދިޔަ ޖުލައި މަހުގެ 19 ދުވަހު ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި އާއި އަދި އޭގެ ފަހުން ކައުންސިލްގެ ބައެއް ބޭފުޅުން އަމަލުކުރެއްވި ގޮތްތަކުގެ މައްޗަށް މައުމޫން ފާޑުވިދާޅުވެފައެވެ. އޭގެ ތެރެއިން ކައުންސިލް ބައްދަލުވުމުގައި އެމަނިކުފާނާ ދެކޮޅަށް "ބަޣާވާތްކުރައްވާ" އެބައްދަލުވުމުން ނިކުމެވަޑައިގެން ކޯރަމް ގެއްލުވާލައި އެމަނިކުފާނުގެ އަގު ވެއްޓޭ ގޮތަށް މީޑިއާގައި އެކަށީގެން ނުވާ ގޮތަށް ބައެއް ބޭފުޅުން އެމަނިކުފާނާ މުހާތަބު ކުރައްވާފައިވާކަމަށް މައުމޫނު ވިދާޅުވެފައިވެއެވެ.
އަދި އެމަނިކފާނާ ދެކޮޅަށް ކައުންސިލްގެ ބައެއް ބޭފުޅުން ވަޑައިގެންފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންވެ މިކަންކަމާ ގުޅިގެން އެ ބޭފުޅުން އެކަންކަމަށް މަޢާފަށް އެދިވަޑައިގެން، ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ވައުދުވެވަޑައިގަތުމުން ނޫނީ ކައުންސިލްގެ ޖަލްސާއެއް ނުބާއްވާނެކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މައުމޫނު މިހެން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި ޕާޓީ ތަކުން ބައިވެރިވާނެ ބޭފުޅުން އެޕާޓީއެއްގެ ކައުންސިލުން ފާސްކުރުމަށްފަހު ފޮނުވުމަށް ރައީސް އޮފީހުން ޕާޓީ ތަކުން އަންގާފައި ވަނިކޮށެވެ. ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވަޑައިގަންނަވާނެ ބޭފުޅުންގެ ގޮތުގައި ރައީސް މައުމޫން ކަނޑައަޅުއްވާފައިވަނީ އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއެވެ.
ޕީޕީއެމް ކައުންސިލް މެމްބަރުން މައާފަށް އެދިވަޑައިނުގަންނަވާ ހިނދަކު ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ނުބާއްވާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ