ނިޝާން އިއްޒުއްދީންގެ ލަގަބު ލިބިވަޑައިގެންފައިވާ އަލްމަރުހޫމް އަލްއުސްތާޒު އަބްދުﷲ ހަމީދަކީ ދިވެހި ގައުމަށް ގެއްލިގެން ދިޔަ ޖަވާހިރެއް ކަމުގައި ކުރީގެ ރައީސް އަދި ހަމީދުގެ ބޭބޭ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ހަމީދުގެ ހަނދާނުގައި ރޭ ބޭއްވި ތައުބީންގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ މަރުހޫމް ހަމީދަކީ އަދަބިއްޔާތަށާއި ގައުމުގެ ހިންގުމުގެ ދާއިރާއިންނާއި އިޖުތުމާއި ހިދުމަތުގެ ދާއިރާއިން ގެއްލިގެން ދިޔަ ޖަވާހިރެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ހިދުމަތްތަކަކީ ދުލުން ބަޔާން ނުކުރެވޭނެ ވަރުގެ އަގުހުރި ހިދުމަތްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އަބްދުﷲ ހަމީދަކީ ދިވެހި އަދަބިއްޔާތުގެ ފަގީދެއް. ދިވެހި އަދަބިއްޔާތަށް ގެއްލިގެން ދިޔަ ވަރަށް ބޮޑު ޖަވާހިރެއް. އަބްދުﷲ ހަމީދަކީ ދިވެހި އިޖުތިމާއީ ހިދުމަތަށް އިދާރީ ހިންގުމަށް ރާއްޖޭގެ ސިޔާސީ ހިންގުމަށް އެމަނިކުފާނު ވަކިވެވަޑައިގަތުމުން ލިބިގެން ދިޔަ ގެއްލުން ފޫނުބެއްދޭ ވަރުގެ ޖަވާހިރެއް. އާދެ މިދެންނެވި ކަންތައްތަކުގެ ވެެސް ފަގީދެއް،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އަބްދުﷲ ހަމީދަކީ އަމިއްލަފުޅު މައުލޫމާތު މުއްސަނދި ކުރެއްވުމަށާއި އިލްމް ހޯއްދެވުމަށް އަބަދުވެސް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. ހަމީދަކީ ދުވަހަކު ވެސް ރާއްޖެއިން ބޭރުން ކިޔަވާ ވިދާޅުވި ބޭފުޅެއް ނޫން ކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ އެކަމަކު ހަމީދަކީ އަމިއްލަފުޅަށް އަރަބި ބަސް ކިޔަވާ ވިދާޅުވި އަރަބި ބަހަށް މޮޅު ބޭފުޅެއް ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނަށް ދިވެހި ބަހަށްވެސް އަގުހުރި މުހިއްމު ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްް ކަމަށްވެސް ވިިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މަރުހޫމް ހަމީދުގެ އެންމެ މުހިއްމު ސިފައަކީ ހަވާލުކުރައްވާ ކޮންމެ ކަމެއްވެސް ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އެކު ވީއެންމެ ފުރިހަމައަކަށް ކުރެއްވުން ކަމަށެވެ. ހަމީދު ޝަހްސިއްޔަތުގެ ތަޅުދަނޑިއަކީ ވެސް އެއީ ކަމަށް މައުމޫން ވިދާޅުވި އެވެ.
ރޭގެ މި ޖަލްސާގައި ހަމީދުގެ ކޮއްކޮ އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ހަމީދުގެ އާއިލީ ބޭފުޅުންނާއި ހަމީދުއާއި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ވަޒީރުންނާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ޖަލްސާގައި ވަނީ ހަމީދުގެ ތަގްރީރުތައް ހިމެނޭ ސީޑީއަކާއި އެމަނިކުފާނާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ފޮތަކާއި އެމަނިކުފާނުގެ ތައުބީންގެ ދަފްތަރުގެ ފޮތް ހަމީދުގެ އާއިލާއާ ހަވާލުކޮށްފަ އެވެ. ހަމީދުގެ އާއިލާއާ މިތަކެތި ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.
އަބްދުﷲ ހަމީދު އަވަހާރަވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އުމުރުފުޅުން 76 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެއްވަނިކޮށެވެ.
އަލްމަރުހޫމް އަބްދުﷲ ހަމީދު ވަނީ 56 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާފަ އެެވެ. ދައުލަތުގެ އެންމެ އާދައިގެ ވަޒީފާ ތަކުން ފެށިގެން ވަޒީރު ކަމާއި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް ކަންވެސް ކުރައްވާފައިވެ އެވެ.
ހަމީދަށް 12 ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެެ. އެއީ ހަ އަންހެން ބޭފުޅުންނާއި ހަ ފިރިހެން ބޭފުޅުންނެވެ. ހަމީދު އަވަހާރަވި އިރު ދުނިޔޭގައި ތިއްބެވީ 13 ބޭފުޅުންނެވެ.
ހަމީދަކީ ގައުމަށް ގެއްލިގެން ދިޔަ ޖަވާހިރެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ