ގާޒީ އުމްރާ ދަތުރު ކުރު ކުރައްވާފައި ވަޑައިގެން މިރޭ މައުމޫނުގެ ޝަރީއަތް ބާއްވަނީ

ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ފޯނު ފުލުހުންނަށް ނުދިން މައްސަލާގައި ކުރާ ދައުވާގެ އަޑު އެހުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.
މިރޭ 21:30 ގައި އެ ތިން ބޭފުޅުންނަށް ކުރާ ދައުވާގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވާ އިރު މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ވަނީ މި ރަމަޟާން މަހުގެ ފަހު 10 އެއްގައި އުމްރާވުމަށް ވެސް ވަޑައިގެންފައެވެ. ނަމަވެސް ވީއެފްޕީއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ގާޒީވަނީ އުމްރާ ދަތުރު ކުރު ކުރަްއްވާފައި ރާއްޖެ ވަޑައިގެންފައެވެ.
ފުލުހުންގެ ތަހުގީގަށް ފޯނު ދީފައި ނުވާތީ އެ ތިން ބޭފުޅުންގެ މައްޗަށް ކުރަނީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.
އެ މައްސަލައިގެ އަޑުއެހުންތަކެއް މީގެ ކުރިން ބާއްވާފައިވާ އިރު މިހާރު ކުރިއަށްދަނީ ދައުލަތުން އެ ތިން ބޭފުޅުންނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނެގުމެވެ.
އެ މައްސަލާގައި ރައީސް މައުމޫންނާއި ދެ ފަނޑިޔާރުންގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލުންވަނީ ތަނާޒުލުވެވަޑައިގެންފައެވެ.
އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި އެ ތިން ބޭފުޅުންނަށް ކުރާ ދައުވާ ކުރިން ބެއްލެވީ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި އާދަމް އާރިފެވެ.
އެ މައްސަލަ މިހާރު ބައްލަވާ ގާޒީ އުމްރާ ދަތުރު ކުރު ކުރައްވާފައި ވަޑައިގެންނެވި ނަމަވެސް، ގާޒީ އުމްރާ ދަތުރު ކުރު ކުރައްވާފައި ވަޑައިގެންނެވީ ކޮން ސަބަބަާ ހެދިކަން އެނގިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ