ކައުންސިލް ބައްދަލުވުމެއް ދެން ބޭއްވޭނީ މެމްބަރުން މައާފަށް އެދުމުން: މައުމޫން

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ދެން ބޭއްވޭނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގެންނެވި މެމްބަރުން ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އަރިހުން މައާފަށް އެދިވަޑައިިގަތުމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ ކައުންސިލް މެމްބަރުން ހިމެނިވަޑައިގަންނަވާ ވައިބާ ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ރައީސް މައުމޫން ވިދާޅުވީ އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ދެން ބޭއްވޭނީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުގެ ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެމަނިކުފާނާ ދެކޮޅަށް ބަޣާވާތްކޮށް ކައުންސިލުން ނުކުމެވަޑައިގެން ކައުންސިލްގެ ކޯރަމް ގެއްލުވާލައި ޕާޓީގެ އަގު ވެއްޓޭ ގޮތަށް މީޑިއާގައި ވާހަކަފުޅު ދެއްކެވި މެމްބަރުން އެކަން ކަމަށް މައާފަށް އެދިވަޑައިގަތުމުން ކަމަށެވެ. "ޕާޓީގެ ރައީސްގެ އަގު ވެއްޓޭ ގޮތަށް މީޑިއާގައި އެކަށީގެން ނުވާ ގޮތަށް ޕާޓީގެ ރައީސާ މުހާތަބު ކުރެއްވި އަދި ޕާޓީގެ ރައީސް ގޮވައިގެން ޝަރީއަތަށް ވަޑައިގެންނެވި މެމްބަރުން އެކަން ކަމަށް މައާފަށް އެދިވަޑައިގެން ޕާޓީގެ އަސާސީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ވައުދުވެ ވަޑައިގެންނެވުމުން ނޫނީ ކައުންސިލް ޖަލްސާއެއް ނުބޭއްވޭނެ ކަމުގައި ދަންނަވަން." ރައީސް މައުމޫންގެ މެސެޖުގައި ވިދާޅުވި އެވެ. ޕީޕީއެމްއިން ޖުލައި މަހުގެ ތެރޭގައި ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން: ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު ބާއްވަން ނިންމާފައިވާ މަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ކަމަށް އެ ޕާޓީން ވަނީ ރައީސް އޮފީހަށް އަންގާފައެވެ. ނަމަވެސް ރައީސް އޮފީހުން ޕީޕީއެމް އަށް އަންގާފައި ވަނީ މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުން ކަނޑައަޅަންޖެހޭނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށެވެ. ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ޕާޓީގެ ކައުންސިލުން ފާސްނުކުރާ ބޭފުޅުން މަޝްވަރާތަކުގައި ބައިވެރިނުކުރެވޭނެ ކަމަށެވެ. ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އެޕާޓީގެ ރައީސް މައުމޫން ޕާޓީގެ ކައުންސިލް ބައްދަލުވުން ބާއްވާފައި ވަނީ ޖުލައި މަހުގެ ތެރޭގައި އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ރައީސް ޔާމީނަށް ތާއީދުކުރައްވާ މެންބަރުން ކައުންސިލް ބައްދަލުވުން ދޫކުރައްވައި ބޭރަށް ނުކުމެ ވަޑައިގަތުމުން އެ ބައްދަލުވުމުގެ ކޯރަމް ގެލުމާއެކު ބައްދަލުވުން ވަނީ ނިންމާލައިފަ އެވެ. ކައުންސިލް ބައްދަލުވުން ދޫކުރައްވައި އެބޭފުޅުން ނުކުމެވަޑައިގަތް ސަބަބެއް ކަމަށް ވިދާޅުވީ ޕާޓީގެ ސުލޫކީ ކޮމެޓީން ފިވަޔަޅު އަޅާ، ޕާޓީން ވަކި ކުރައްވާފައިވާ ދެ ބޭފުޅުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުން ކަމަށެވެ. ޕީޕީއެމްގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނޭ ކަމުގެ އަޑުތަކެއްވެސް ފެތުރިފައިވީ ނަމަވެސް އެމަނިކުފާނު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ