ޓީޗަރުންނާއި ޕައިލެޓުން އަދި ޓޫރިޒަމް ދާއިރާގެ ބައެއް ވަޒީފާތައް ދިވެހިންނަށް ހާއްސަކުރަނީ

ބައެއް ދާއިރާތަކަކީ ދިވެހިންނަށް އެކަނި ހާއްސަ ކުރާ ވަޒީފާތަކެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެ ވަޒީފާތަކަކީ ކޮބައިކަން ކަނޑައަޅައި، އެ ވަޒީފާތަކަށް ދިވެހިން އުފެއްދުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފި އެވެ. އޭގެ ތެރެއިން ގިނަ ވަޒީފާތަކަކީ ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ވަޒީފާތަކެވެ.
ވީ ކިހިނެއް؟ - އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ނިންމުނަތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ބައެއް ކަންކަން ހާމަ ކުރައްވައިފަ އެވެ.
ބުނީ ކީކޭ؟ - ނާޒިމް ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް އިއްޔެ މިނިސްޓަރުން ހުށަހެޅި ނުވަ ކަރުދާހުގެ ތެރެއިން އެއް ކަރުދާހަކީ ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން ހުރި ދާއިރާތަކަކީ، ދިވެހިންނަށް މަސައްކަތްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހެކެވެ.
"އެ ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރުމަށް ފަހު، ވަރަށް ގިނަ ދާއިރާތަކެއް ވަކި ތާވަލްތަކެއްގެ މައްޗަށް ބަހާލެވިގެން، ދިވެހިންނަށް ހާއްސަ މަސައްކަތްތަކެއްގެ ގޮތުގައި ކަނަޑައެޅުމަށް ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވި އެވެ.
ތަފްސީލު - އޭނާ ވިދާޅުވީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރާނެ ކަމަށެވެ. އަދި އެއާ އެކު އޭނާ ވަނީ، ދިވެހިންނަށް ހާއްސަ ކުރާ ބައެއް ދާއިރާތައް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެދެއްވައިފަ އެވެ.
އެގޮތުން ނާޒިމް ހާމަ ކުރެއްވި ވަޒީފާތަކުގެ ތެރޭގައި ރާއްޖޭގައި ގިނަ އަދަދަކަށް އިންޑިއާގެ ރައްޔިތުން ވަޒިފާ އަދާ ކުރާ ޓީޗަރުންނާއި ނަރުހުން ހިމެނެ އެވެ. އޭގެ އިތުރުން ދެން ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ވަޒިފާތަކެކެވެ.
އޭނާ ވިދާޅުވި ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ:
ގެސްޓް ރިލޭޝަންސް އޮފިސަރު، ހައުސްކީޕިން މެނޭޖަރުން، ހިއުމަން ރިސޯސް މެނޭޖަރުން، ފްރޮންޓް އޮފީސް މެނޭޖަރުން، ޓުއާ ގައިޑް، ޑައިވާސް، 
އިންސްޕެކްޓަރުން، ސާވޭޔަރުން، ސައިޓް ސުޕްވައިޒަރުން
ފޮޓޯގްރާފަރުން
އެކައުންޓެންޓުން
ޕަލެޓުން
ހެއާ ޑްރްސާ، ބިއުޓީޝަނުން
އިލެކްޝްޓްރީޝަނުން، އިލެކްޓްރިކަލް އިންޖީނިއަރުން
ބޭބީ ސިޓާ
ޕާސަނަލް ޓްރެއިނާ
އިމާމުން
"މި ދާއިރާތަކަކީ ދިވެހިންނަށް ހާއްސަ ކުރެވިފައިވާ ދާއިރާތަކުގެ ގޮތުގައި ކަނޑައެޅުމަށް ވާން ޖެހޭ ތައްޔާރީތަކަށް ތާވަލެއް އެކުލަވާލައިގެން އެކަން ފުރިހަމަ ކުރުމަށް ކުރިއަށް ގެންދިޔުމަށް ކެބިނެޓުން އިއްޔެ ވަނީ... ނިންމަވާފައި،" އެ ތާވަލާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވި އެވެ. 
އެ ދާއިރާތަކުން ބިދޭސީ މުވައްޒަފުން ގެނައުމުން ނުވަތަ އެމީހުންނަށް އެ ދާއިރާތަކުން ވަޒިފާ ދިނުން ހުއްޓާލާނީ ސީދާ ކޮން އިރަކު ކަމެއް ނާޒިމު ވިދާޅެއް ނުވެ އެވެ.
ގުޅުން ހުރި - ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރާ ދިވެހި ޓީޗަރުން އިތުރު ކުރުމަކީ ކޮންމެ ސަރުކާރަކުން ވެސް އިސްކަން ދެއްވާ ކަމެއް ކަމަށް ބުނެ، އެ ސަރުކާރުތަކުގައި ބައެއް މަސައްކަތްތައް ފެށި އެވެ. ނަމަވެސް އަދި ވެސް އެ މައްސަލައަށް ހައްލު ނުލިބި، ޓީޗަރުންގެ ތެރޭގައި ގިނަ އަދަދަށް ބިދޭސީ މުވައްޒަރުން އެބަ ތިއްބެވެ. މި ސަރުކާރުގެ މި ނިންމުމަކާ އެކު މި މައްސަލަ ހައްލު ކުރެވިދާނެތޯ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ކުރި ސުވާލުގެ ޖަވާބުގައި ނާޒިމް ވިދާޅުވީ:
މި މައްސަލައަށް ހައްލު ހޯދުމަކީ ގޮންޖެހުން ހުރި މަސައްކަތްތެއް؛ މުހިންމީ މިކަން ސަމާލުކަމަށް ގެނެވި، ތާވަލެއް އެކުލަވާލެވިގެން ކުރިއަށް ގެންދިޔުން
އިއްޔެ ވަޒީރުންގެ މަޖިލީހުން އެ ނިންމީ އެގޮތަށް ތާވަލެއް އެކުލަވާލައިގެން، މިހާރު ތިބީ ކިހާ އަދަދެއްގެ ބިދޭސީ ޓީޗަރުންނެއްތޯ ދެނެގަނެ، ތާވަލާ އެއްގޮތަށް އަހަރުތަކަކަށް ބަހާލައިގެން މައްސަލައަށް ހައްލު ހޯދުން
ވަޒީރުންގެ މަޖިލީހުގައި ޓީޗަރުންނާ ގުޅޭ ގޮތުން ވަކި އަހަރެއް ތެރޭ އެކަން ހައްލު ހުކުމަށް ނިންމާފައި ނުވޭ
ފޮޓޯގްރްރަފީ ފަދަ މަސައްކަތްތަކީ މިހާރު ވެސް ދިވެހިންނަށް ހާއްސަ ވަޒީފާތަކަކެވެ. އަދި ރިސޯޓުތަކުގައި ވެސް ވަކި އިންސައްތައެއްގެ ވަޒީފާ ދިވެހިންނަށް ހާއްސަ ކުރަން ޖެހެ އެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން އެކަމަށް ހަލެއް ގެނެސްފައި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ