ރިޓަޔާމަންޓާއި ޕެންޝަނަށް ބިލިއަނެއް، ބަޖެޓުކުރި އަދަދުގެ 58 އިންސައްތަ ހުސްވެއްޖެ

ދައުލަތުގެ މުވައްޒަފުންގެ ޕެންޝަނާއި ރިޓަޔާމަންޓަށް ޚަރަދުކުރަން ބަޖެޓުކުރި 1.8 ބިލިއަން ރުފިޔާގެ 58 އިންސައްތަ ނުވަތަ 1.07 ބިލިއަން ރުފިޔާ އެ ކަމަށް މިހާތަނަށް ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގިއްޖެއެވެ. ދައުލަތުގެ ބައެއް މަގާމުތައް ފުރުއްވާ ބޭފުޅުންނަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ޕެންޝަނާއި ރިޓަޔާމަންޓަށް ޚަރަދުކުރާ މައްސަލައިގައި މި ފަހުން ފާޑުކިޔުން ބޮޑުވިއެވެ. ދައުލަތުގެ ބައެއް އިސް މަގާމުތަކުން ރިޓަޔާކުރެއްވުމުން ވަރަށް ބޮޑު އަދަދެއްގެ ފައިސާ އެއް ފަހަރާ ލިބެއެވެ. އެކަމަކު، އެ ބޭފުޅުން އެ ފައިސާއާއި ދައުލަތުގެ ޕެންޝަން ނަންގަވަމުން އެހެން ވަޒީފާތައް ވެސް އަދައިކުރައްވާ މައްސަލައާއި ޑަބަލް ޕެންޝަން ލިބޭ ގޮތަށް އޮންނަ އޮތުމާ ގުޅިގެން ސަރުކާރުން ވެސް މީގެ ކުރިން ކަންބޮޑުވުން ފާޅުކުރިއެވެ. އެ މައްސަލަ ހައްލުކުރަން ފިޔަވަޅުތަކެއް ވެސް އެޅިއެވެ. އެކަމަކު، ފަހުން އެ ފިޔަވަޅުތައް އަނބުރާ ގެންދިޔައީއެވެ. https://sun.mv/207561 ފިނޭންސް މިނިސްޓްރީން މިދިޔަ މަހު 26 އާ ހަމައަށް ހިނގި ޚަރަދާއި ލިބުނު އާމްދަނީގެ ތަފުސީލުތައް ވަނީ އާންމުކޯށްފައެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި ޕެންޝަނާއި ރިޓަޔާމަންޓަށް މިހާތަނަށް 1.07 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 81.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ޖުމުލަ ގޮތެއްގައި މުސާރައާއި އިނާޔަތްތަކާއި އަދި ޕެންޝަނަށް ކުރި ޚަރަދު ވެސް ވަނީ 669.6 މިލިއަން ރުފިޔާ އިތުރުވެފައެވެ. އެ ގޮތުން، މި އަހަރު މިހާތަނަށް މުސާރައާއި އިނާޔަތްތަކަށް 7.07 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު ބޮޑުވާއިރު މަޝްރޫއުތަކަށް ކުރާ ޚަރަދު މި އަހަރު ވަރަށް ދަށެވެ. https://sun.mv/205557 އެ ގޮތުން، އަހަރުގެ މިހާތަނަށް މަޝްރޫއުތަކަށް ޚަރަދުކުރީ 1.9 ބިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެހާ ބޮޑު ދަށްވުމެއް އައިއިރު ސަރުކާރުން ވަނީ މި އަހަރާއި އަންނަ އަހަރަކީ މަޝްރޫއުތައް ހިންގާ ނިންމާނެ ދެ އަހަރުގެ ގޮތުގައި މީގެ ކުރިން އިއުލާނުކޮށްފައެވެ. ޕެންޝަންގެ މައްސަލައާއި އެ ނޫން ވެސް ވަރަށް ގިނަ ކަންކަން އިސްލާހުކޮށް ޚަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް ބަޖެޓުގައި ހިމެނިއެވެ. އެކަމަކު، އާންމުންގެ ނުރުހުން އަމާޒުވެ، ގިނަ ކަންކަން ވަނީ ނުކުރަން ނިންމައިފައެވެ. އެހެންވެ، ސަރުކާރުން ބަޖެޓު ހުށަހެޅިއިރު އަންދާޒާކުރި ގޮތަށް ހިންގުމުގެ ޚަރަދު ކުޑައެއް ނުކުރެވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެހެންވެ ސަރުކާރުން މިހާރު ޚަރަދު ކުޑަކުރަން ނިންމާފައިވަނީ މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްގެން ވީހާ ވެސް ކުޑަ އަގެއްގައި އެ މަޝްރޫއުތައް ހިންގައިގެން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ