އީރާނާއި އިޒްރޭލު ހަނގުރާމައަށް ފަހު މެދުއިރުމައްޗަށް އީރާނުގެ އޮފިޝަލަކު ކުރައްވާ ފުރަތަމަ ދަތުރުގައި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ސައުދީ އަރަބިއްޔާގެ ޖިއްދާގައި އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް)އާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އެސްމައިލް ބަގާއީ ވިދާޅުވީ ވަލީއަހުދު މުހައްމަދާއި ސައޫދީގެ އެހެން އޮފިޝަލުންނާ އެކު އަރަގްޗީ ކުރެއްވި މަޝްވަރާތަކަކީ އުފެއްދުންތެރި މަޝްވަރާތަކެއް ކަމަށެވެ.
އިޒްރޭލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައަށް ފަހު އީރާންގެ އޮފިޝަލަކު ސައުދީއަށް ކުރެއްވި މި ދަތުރުން ދޭހަވަނީ ހަނގުރާމައިގެ ސަބަބުން ތެހެރާނާއި ރިޔާޒުގެ ގުޅުން ހީނަރު ނުވާ ކަމެވެ. އެ ހަނގުރާމާގައި އެމެރިކާ އިން ބައިވެރިވެ، ވަނީ އީރާންގެ ތިން ނިއުކްލިއާ ފެސިލިޓީއަކަށް ބޮން އަޅާފަ އެވެ.
ސައޫދީ ރަސްމީ ނިއުސް އެޖެންސީ، އެސްޕީއޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަރަގްޗީ އާއި ވަލީއަހުދު މުހައްމަދާ ދެ ބޭފުޅުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި އެކަންކަމާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަންތައްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ ވާހަކަ ދައްކަވާފަ އެވެ.
ސައުދީ ނިއުސް އެޖެންސީން ބުނީ، ވަލީ އަހުދު ދެއްކެވި ވާހަކައިގައި ހަނގުރާމަ ހުއްޓާލުމުން ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން އިތުރުކުރެވޭނެ ހާލަތްތައް އުފެދިގެންދާނެ ކަމަށް ފާހަގަކުރެއްވި ކަމަށެވެ. އަދި ސައުދީން ދެކޭ ގޮތަކީ ހާރިޖީ ވަސީލަތްތައް މެދުވެރިކޮށް މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރުން ކަމަށް ވެސް އެ ތަނުން ބުންޏެވެ.
އަރަގްޗީ ވަނީ ސައުދީން "އިޒުރޭލުގެ ހަމަލާތައް ކުށްވެރިކުރީތީ" ޝުކުރު އަދާކުރައްވާފަ އެވެ.
އީރާނުގެ އިސް ޑިޕްލޮމެޓް ވަނީ ސައުދީ ޑިފެންސް މިނިސްޓަރު ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒާއި ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އާލް ސައުދާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އިޒްރޭލުން 13 ޖޫންގައި ވަނީ އިސްވެ އީރާނަށް ވަރުގަދަ ބޮމުގެ ހަމަލާތަކެެއް ދީފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާންމުންގެ އެތައް ސަތޭކަ ބަޔަކުގެ މަރުވުމުގެ އިތުރުން އަސްކަރިއްޔާގެ އިސް ވެރިންނާއި ނިއުކްލިއާ ސައިންޓިސްޓުން ވެސް ވަނީ އަވަހާރަވެފަ އެވެ.
އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއިން ހަމަލާ ދިނުމުން އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ ވައިގެ ބަނދަރަކަށް މިސައިލުން ރައްދުގައި ހަމަލާދީފަ އެވެ. އެ ހަމަލާ ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއި އިޒްރޭލާ ދެމެދު ކުރަމުން ދިޔަ ހަނގުރާމަ ހުއްޓާލިކަން އިއުލާން ކުރައްވާފަ އެވެ.
އީރާނުގެ ހާރިޖީ ވަޒީރާއި ސައުދީ ވަލީއަހުދު ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ