ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މަޖިލިސް ރައީސް މުހައްމަދު އަސްލަމް ރިޔާސަތުގައި އިންނަވައި، އީވާ މަގާމުން ވަކި ކުރުމުގެ ގަރާރުގެ ބަހުސަށް މިއަދުގެ ޖަލްސާގައި ހުޅުވާލުމުން، ލިބިވަޑައިގެންނެވި ފުރުސަތުގެ ބޭނުން ހިއްޕަވައި އީވާ ވަނީ އެކަމަނާ މަގާމުން ވަކި ކުރަން އެމްޑީޕީން ގަދައަޅާ މަސައްކަތް ކުރާ ސަބަބު ވަރަށް ތަފްސީލުކޮށް ހިއްސާ ކުރައްވާފައެވެ.
އީވާ ވިދާޅުވީ އެކަމަނާ މަގާމުން ވަކި ކުރަން އުޅެނީ އެމްޑީޕީން ނެރުނު ވިޕްލައިނަކުންނެވެ. ސަބަބެއްގެ ގޮތުގައި އީވާ ފާހަގަކުރެއްވީ އެޕާޓީއަކަށްޓަކައި ހުރިހާ ކަމެއް ގުރުބާންކުރި އެމްޑީޕީން ވެރިކަމަށް އައިސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައިގެން ހިންގަވަން ފެއްޓެވި ސަރުކާރުގެ ނާގާބިލް ކަމާއި ކިބުރުވެރިކަމުގެ ވާހަކަ ދައްކަވަން ފެއްޓެވެމުން އެކަމުގެ އަދަބެއްގެ ގޮތުގައި ކަމުގައެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި ހިނގި އެންމެ ހަޑިހުތުރު އެއް ކޮރަޕްޝަން ކަމުގައިވާ، ކޯވިޑް 19 ގެ ހާލަތުގައި ރާއްޖެއަށް ގެންނަން ބުނި ވެންޓިލޭޓަރުތަކުގެ ވައްކަމުގެ މައްސަލައާ ގުޅިގެން އެދުވަސްވަރު އީވާ މަޖިލިސް އަށް ހުށަހެޅުއްވި ގަރާރު ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، އެގަރާރުގެ ސަބަބުން އޭރުގެ އޮޑިޓަރ ޖެނެރަލް ކުރެއްވި ދިރާސާއިން، އެ ވައްކަން ފަޅާއެރި ދުވަހު އެމްޑީޕީގެ ސަރުކާރުން އެކަމަނާއަށް އަދަބު ދޭނެކަން އެނގިވަޑައިގަންނަވާ ކަމުގައެވެ.
އެމްޑީޕީ ވެރިކަމަށް އައުމަށް ވައުދުވީ ފަދައިން ދައުލަތުގެ ދަރަނި އަލުން އެކުލަވާ ނުލުމުގެ ސަބަބުން އެކަމާ ގުޅިގެން މަޖިލިސްއަށް ގަރާރެއް ހުށަހެޅުއްވުމަކީވެސް އެމްޑީޕީން އެކަމަނާއަށް އަދަބުދޭން ބޭނުންވާ ކަމެއްގެ ގޮތުގައި އެކަން އީވާ ފާހަގަކުރެއްވިއެވެ.
އީވާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ބަލަން ބުނި އެއްވެސް މަރެއް ނުވަތަ ގެއްލުވާލުމެއްގެ އިންސާފާ ހަމައަށް ވާސިލް ނުވުމުގެ ސަބަބުން އެވާހަކަ ދައްކަވަން ފެއްޓެވެމުން އެމްޑީޕީ އާއި އަސްލަމް ނިސްބަތްވެވަޑައިގަންނަވާ ސަރުކާރުން އެމަނާއާއި ދިމާކޮށްގެން އުޅޭނެކަން އެނގިވަޑައިގަންނަވާ ކަމުގައެވެ. އަދި އެމްޑީޕީގެ ވެރިކަމުގެ ސުންގަޑި ހަމަވިއިރުވެސް، މާލެ ސަރަހައްދާއި ރާއްޖޭގެ މުޅި ޖުމްލަ ރައްޔިތުންގެ ބޯހިޔާވަހިމުގެ ވައުދަށް ހިލަމެއް ނުވެގެން 5 އަހަރު ވާންދެން އެވާހަކަ ހުއްޓާނުލަައްވާ ދެއްކުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އެކަމަނާ މަގާމުން އެކަހެރިކުރަނީކަން އީވާ ފާހަގަކުރެއްވިއެވެ.
ނާޖާއިޒު ކަންކަން ކުރާ މީހުންގެ ވާހަކަ ދެއްކުމުން، ބޭއިންސާފުން ކަންކަން ތަރުތީބުވެގެން ދިޔަ އެ ހާލަތުގައި، މަގާމުގެ ދިފާއުގައި ބޭއިންސާފުގެ ވާހަކަ ނުދައްކައި، ދޫ ބަންދުކޮށްގެން ހުންނެވުމަކީ އެކަމަނާ ދަސްކުރެއްވި ތަރުބިއްޔަތެއް ނޫންކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ އެމްޑީޕީއަށްޓަކައި ހަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވި އެ ޕާޓީ ދިރިގެން އައި އަސާސްތަކުގެ ތެރޭގައި އެންމެ މުހިންމު އެއް އަސާސަކީ ވައްކަމާ ދެކޮޅުވުން ކަމުގައެވެ. އަދި އިންސާފުވެރި ފަނޑިޔާރުގެއަކާއި ފަރުދުންގެ ހައްގުތައް ކަށަވަރުކުރުންފަދަ އަސާސްތަކުގެ މައްޗައް ޕާޓީ ފައްކާކުރަމުން އައި އައުން ރައްޔިތުން ބަލައިގަތީ 30 އަހަރުގެ ވެރިކަމަކާއި، ބަޣާވާތަކުން އަރައިގަނެގެން ކުރި ފޮނި އުންމީދާ އިތުބާރުގެ މައްޗައްކަން އީވާ ފާހަގަކުރެއްވިއެވެ.
އީވާ ހާމަކުރެއްވިގޮތުގައި އެކަމަނާ މަގާމުން ވަކިކުރަން ނިންމި ހިސާބަކީ، ވައްކަމުގެ ހާއްޔެއްގައި އެކަމަނާ ތާށިކޮށް، އެކަމުގެ ތެރެއަށް ގަންބާނުލެވުމެވެ.
ދިވެހިން ކުރި އިސްލާހީ މަސައްކަތުގެ ބޮޑު ހިއްސާއަކާއި ދައުރެއްގެ މާޒީއެއް އޮތް، އީވާ ވިދާޅުވީ އެކަމަނާގެ ޔުނިވާސިޓީ ހަޔާތާއި، ދަރިކަލުންނަށް އާލާސްކަންފުޅާ އުޅުއްވި ދުވަސްވަރުވެސް ހުންނެވީ މުޒާހަރާތަކުގެ ހަލަބޮލިކަމުގެ ތެރޭގައި ކަމުގައެވެ.
ފައްސިޔައިގަައި ނުވަތަ ޖެހޭ ވަޔާ އެއްކޮޅަށް ދާ އޮޑިއެއްގެ ދިރުބާކޮޅުގައި ހުރުމުގެ މިސާލު ނަންގަވައި އީވާ ވިދާޅުވީ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތާއެއްކޮޅަށް ނައިބު ރައީސް ކަމުގެ މަގާމުގައި ނުހުންނަވާނެ ކަމަށާއި، ”އައްޓަށް“ ފަސޭހަގޮތް އެކަނި ހެދުމަކީ އެކަމަނާގެ ”ހައްޓަށް“ ފަސޭހަފުޅު އަދި ދެނެވަޑައިގަންނަވާ ތަރުބިއްޔަތެއް ނޫން ކަމުގައެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި އެކަނި 70 ވަރަކަށް ބިލިއަން ރުފިޔާއިން ގައުމު ދަރުވާލިކަން ފާހަގަކުރެއްވައި އީވާ ވިދާޅުވީ ވެރިކަން ގެއްލުނީ ބަޔަކު ދެއްކި ވާހަކައަކުން ނޫން ކަމަށާއި ވެރިކަން ގެއްލުނީ ކުރެވުނު ކަމަކުން ކަމުގައެވެ.
މެންބަރުންގެ ހާޒިރީއާ ހުޅުވައި މުސާރަ ހަމަޖެއްސުމާއި ހަރަދު ކުޑަކުރުމާއި، ޔޫޓިއުބް ލައިވް އަދި ސައިން ލެންގުއޭޖާއެކު ޖަލްސާ ކުރާ އަދި ދެފުށް ފެންނަގޮތަށް ހިންގާ ތަނަކަށް މަޖިލިސް ހެދިފައިވާކަން ފަހުރުވެރިކަމާއެކު ފާހަގަކުރައްވަމުން އީވާ ފާހަގަކުރެއްވީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާގެ ”ވެން ދޭ ގޯ ލޯވ، ވީ ގޯ ހައި.“ ނުވަތަ މިއަދު އެމްޑީޕީން އެކަމަނާ އާއި މެދު އަމަލުކުރާ ބޭއިންސާފުގެ ކުރިމައްޗަށް ހިތްވަރާއި ކެރުންތެރިކަން ކުރިޔަށް ނެރެ، އެފަދަ ދަށު ދަރަޖައަށް ވެއްޓިވަޑައިނުގަންމަވާނެކަމުގެ ޔަގީންކަމެވެ.
އީވާ ވިދާޅުވީ، ކާމިޔާބީ އާއި ނާކާމިޔާބީއަކާ އެކި މީހުން މިނެކިރާނީ އެކިގޮތަށް ކަމަށާއި، ހިޔާނާތުގެ ކުރިމަތީގައި“ ތިމަންނާގެ މެންބަރު ދުވަހަކުވެސް ފަހަތަށް ޖައްސާނުލެވޭނެ.“ ކަން ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނަށް އޮތުމަކީ އެކަމަނާގެ އެންމެ ބޮޑު ކާމިޔާބު ކަމުގައެވެ.
އެކަމަނާ ހާމަކުރެއްވިގޮތުގައި ނަފްސުގެ ގަދަރާއި ކަރާމާތަކީ އެކަމަނާއަށް ދުވަހަކުވެސް މީގެ ކުރިން ލިބުނު ކާމިޔާބީ އެއް ނޫނެވެ. އަދިި މިއަދު އެ އުފާ އިހުސާސް ކުރައްވާ ކަން ފާހަގަކުރެއްވައި އެކަމަނާގެ ވާހަކަފުޅު ނިންމަވައިލައްވަމުން ރިޔާސަތަށް ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ. އެއާއެކު ބަހުސަކަށް ނުގޮސް އެމައްސަލަ ނިމުނީކަމަށް ރިޔާސަތުން އަންގައި، އައު ނައިބު ރައީސް ހޮވަން ބާއްވާ ޖަލްސާ މިރޭ 08:30 ގައި މަޖިލީހުގައި އޮންނާނެކަންވެސް އިއުލާން ކުރައްވަމުން ޖަލްސާ ނިންމަވައިލެއްވީއެވެ.
އީވާގެ އިސްތިއުފާ: ކާމިޔާބަކީ ހިޔާނާތުގެ ކުރިމަތީގައި ތިމަންނާގެ މެންބަރު ދުވަހަކުވެސް ފަހަތަށް ޖައްސާނުލެވޭނެކަން ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނަށް އޮތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ