އަޅުގަނޑުމެން ގެންގުޅޭނީ ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ގެންގުޅުއްވާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ އިސްވެ، ގިނަ މީޑިއާތަކާ ގުޅިގެން މިރޭ ބޭއްވި "ރިޔާސީ ބަހުސް" ގައި ގާސިމް ވިދާޅުވީ ރައީސް މައުމޫންގެ ހާރިޖީ ސިޔާސަތު ގެންގުޅުއްވި ގޮތް ވަރަށް ކަމުދާ ކަމަށެވެ. އަދި އިތުރު ގައުމަކާ "ޖެހުމެއް" އަދި "ތަޅާފޮޅުމެއް" ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.
"ހުރިހާ ބަޔަކަށް ވެސް އިހްތިރާމް ކުރެވިގެން ބައިނަލްއަގްވާމީ އެޖެންސީތަކުގައި ވެސް ބައިވެރިވެގެން އަޅުގަނޑުމެން އައިސްފައިވަނީ. އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ހިފެހެއްޓި، އަދި އެއްވެސް ބައެއްގެ ދިދަ އަޅުގަނޑުމެން ހިފައިގެން އުޅެންޖެހޭ ސިފައެއްގައެއް ނޫން. އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގައި އޮންނާނީ ދިވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތު. އެއް ފުރަތަމަވެސް، ދެވަނައަށްވެސް، ތިންވަނައަށްވެސް. އޭގެ މާނައަކީ އިގްތިސޯދީ ކަންކަމުގައިވެސް، އިޖްތިމާއީ ކަންކަމުގައިވެސް ދާހިލީ ކަންކަމުގައިވެސް." ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ގާސިމް ވިދާޅުވީ ރާއްޖޭގައި ބޭރުގެ އެއްވެސް މިލިޓަރީ ބަޔަކަށް ތިބެވޭނީ ގާނޫޏުއަސާސީގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި މަޖިލިހުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.
އަދި އުތުރުތިލަފަޅުވިޔަސް، ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއްވެސް ދޫކޮށްލެވޭނީ ވެސް ގާނޫނުއަސާސީގައި ބުނާގޮތުގެ މަތީން، ފާސްކުރެވޭ ގާނޫނެއްގެ މަތީންކަމަށް ބުނެފައިވާ ހިނދު މިއަދުގެ ސަރުކާރުން އެކަމާއި ހިލާފުވެފައިވާކަން އެނގޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެއީ ކަނޑައެޅުގެން ކުރި ބޮޑު ކުށެއް. ކަނޑައެޅިގެން ގާނޫނުއަސާސީއާއި ހިލާފަށް އެކަން އެކުރައްވަނީ. ވެރިއަކު ވެރިކަން ކުރުމުގެ ބާރު ލިބިދެނީ ގާނޫނުއަސާސީގައި ވާގޮތުގެ މަތީން، ގާނޫނުގައިވާ ގޮތުގެ މަތީން ވެރިކަން ކުރުމަށް. އެހެންވީމަ މިސަރުކާރުން ކަނޑައެޅިގެން ގާނޫނުއަސާސީއައި ހިލާފުވެފައިވާކަމަށް އަޅުގަނޑު ގަބޫލުކުރާތީ އަޅުގަނޑު މިގޮތަށް ނުކުމެ މި މަސައްކަތް ކުރަނީ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭނާާ ނުކުމެ ހުންނެވީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ގެއްލިގެން ދާތަން ފެނިވަޑައިގަންނަވާތީ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ އިތުރު ތިލަފަޅުގެ އެއްބަސްވުމެއްވެސް ނުފެނުނޭ. އަދި މޮރިޝަސްގެ ޕަރްއިމް މިނިސްޓަރު ފޮނުއްވި ސިޓީއެއްވެސް ނުފެނުނޭ. އެއްވެސް ހާލެއްގައި ގާނޫނުއަސާސީއާއި ހިލާފަށް މަސައްކަތް ކުރެވިގެން ދާކަށް އެއްވެސް ވެރިއަކަށް ބާރެއް ނެތް. އެއީ ކަނޑައެޅިގެން ބޮޑު ކުށެއް." ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ