ސަރުކާރުން ހިންގާ މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ ކުދި ވިިޔަފާރިތައް އެކަހެރިކުރުން ނޫން ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މި ވޭތުވި ދެ މަހެއްގެ ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒަތަކާއި ޕޮލިސް ސްޓޭޝަންތަކާއި ސްކޫލްތައް އެޅުމުގެ އިތުރުން ވޭސްޓު މެނޭޖުމަންޓު ސެންޓަރުތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ފެނަކަ އާއި އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
މިކަމާ ގުޅިގެން ކުދި ވިޔަފާރިތަކަށް އަސަރު ނުކުރާނެތޯ ސުވާލުކުރުމުން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ މަަޝްރޫއުތައް ނުނިމޭ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ކުރިން ހަވާލުކުރި އެތައް މަޝްރޫއެއް ނުނިމި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެލެއްވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ މަޝްރޫއުތައް ނިންމޭނެ ކަން ކަށަވަރުކުރަން މި ގޮތަށް މަސައްކަތްތައް ހަވާލުކުރަން ކަމަށް ސައީދު ވިދާޅުވި އެވެ. އަދި މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ގެއްލުން ވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް ދެނެގަންނަން ވަރަށް ގާތުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) ފަދަ ވިޔަފާރިތަކާ ބައްދަލުކޮށް، ގަވާއިދުން ބިޒްނަސް ކައުންސިލުތަކުގެ ބައްދަލަވުންތައް ބާއްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތަކާ މަޝްރޫތައް ހަވާލުކުރުމުން ކުދި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށް ސައީދު ވިދާޅުވި ނަމަވެސް، ހުރިހާ މަސައްކަތެއް ސަރުކާރު ކުންފުނިތަކަށް ދޭތީ ވިޔަފާރިވެރިންގެ ކަންބޮޑުވުން އެބަހުއްޓެވެ. އަދި ސަރުކާރުން ދައްކަން ޖެހޭ ބިލުތަކަށް ފައިސާ އަދާނުކޮށް، ވިޔަފާރީގެ ފުރުސަތުތައް ނިގުޅައިގަތުމުގެ ގެއްލުން ބޮޑު ކަމަށް ސޯޝަލް މީޑިއާގައި ވެސް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ސަރުކާރު ކުންފުނިތަކަށް މަޝްރޫއުތައް ދިނުމަކީ ކުދި ވިިޔަފާރިތައް އެކަހެރި ކުރުމެއް ނޫން: ސައީދު ސަރުކާރު ކުންފުނިތަކަށް މަޝްރޫއުތައް ދިނުމަކީ ކުދި ވިިޔަފާރިތައް އެކަހެރި ކުރުމެއް ނޫން: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ