ވާހަކަ: މިތުރާ މަގޭ - ވިހިވަނަ ބައި

ބުދަ ދުވަހުގެ ބަޔާ ގުޅޭ
ހަމްރާއު ލޯގަނޑާ ކައިރިވެލީ ހަރުކޮށްފައި އިން ނޯޓެއް
ފެނިގެން އެ ކިޔަންވެގެންނެވެ.
"ވިލް ބީ ބެކް ސޫން. އައިމް ލީވިން އަވާ ޑޯޓާ އަންޑާ
ޔޯ ކެއާ."
"ހެޕީ ހަނީމޫން ޑިއާ ހަޒްބެންޑް."
"ލޮޓްސް އޮފް ލަވް"
"ފަސްޓް ވައިފް"
ހަމްރާއު ނޯޓްކޮޅު ނަގައި މުށުތެރޭ ބޮނޑިކޮށްލާފައި
ރުޅިއައިސްގެން ބިންމައްޗަށް ޖެހި އެވެ.
***
ގޭގައި ހޫރައިން އިނީ ނާސްތާ ތައްޔާރުކޮށްގެން
އެކަނިމާއެކަނި އެއަށް އިންސާފު ކުރާށެވެ. ކައިރީގައި މޭޒުމަތީ ފޯނު ބާއްވާފައި
އޮތެވެ. ބަދިގެއިން ނިކުމެވޭ ގޮތަށް ހުރި ބެލްކަނިން ލުއި ވައިރޯޅިތައް އެތެރެއަށް
ވަންނަމުން ދިޔަ އެވެ. އެތާ ހައްދާފައިވާ ބަގީޗާ ގަސްތަކުގެ ފަރި ހަރަކާތްތަކާއި
ސާފު ނޫ އުޑުގައި ދަތުރުކޮށްފައިވާ ވިލާތަކަށް ނަޒަރު ހިންގާލައިފައި ދެން
އިރުކޮޅަކުން އޭނަ ބަލައިލަނީ ކައިރީގައި އޮތް ފޯނަށެވެ. ހަމަ ކިތަންމެ
އަވަހަކަށް ވެސް ހަމްރާއުގެ މެސެޖެއް ނޫނީ ފޯނެއް އަތުވެދާނެ ކަމުގައި އުންމީދު
ކުރެވެނީ އެވެ. ކިތަންމެ ބޭނުންވެފައި އިނަސް އިސްވެ ހަމްރާއުއަށް ގުޅާނެ
ހިތްވަރެއް ނެތެވެ. އޭނަގެ އެންމެ ކޯލަކުން ވެސް ހަމްރާއުއަށް އުނދަގުލެއް
ކުރިމަތިވެދާނެއޭ ހިތަށް އަރަނީ އެވެ.
ރައިނާ ހުންނާނީ ހިތްހަމަނުޖެހިފަ އެވެ. އޭނަ ގުޅާތަން
ފެނިގެން އެ ހިތްހަމަނުޖެހުން އިތުރުވެގެން ގޮސް ހަމްރާއުއަށް އިތުރު
މައްސަލަތަކާ ކުރިމަތިވެދާނެ އެވެ. އޭނަ ހަމްރާއުއާ ކައިވެނީ ކުރީ
ފަހަރެއްގައި ވެސް ހަމްރާއުގެ ދޮށީ އަނބިމީހާއާ އެކު އޮތް ދިރިއުޅުން ހަލާކުކޮށްލާކަށް
ނޫނެވެ. އެ އަނބިމީހާ ވެސް ހުއްޓާ ހަމްރާއުއާ އެކު އޭނަ ވެސް ވަކި، ރީތި ދިރިއުޅުމެއް
އާރާސްތުކުރާށެވެ.
ނާސްތާކޮށް ނިމިގެން ހޫރައިން ތެދުވެގެން ސިންކު ކައިރިއަށް
ހުއްޓި ތަށި ދޮންނަން ފަށައިފި އެވެ. ފޯނު ރިންގް ވާން ފެށި އަޑު އިވުނީ އޭނަ އަތް
ދޮވެލައިގެން އަތް ވެސް ނުފުހެވި ހުއްޓަ އެވެ. އަވަސް ކުރަންވެގެން އަތް ފުހެލެވުނީ
ލައިގެން ހުރި ހެދުމުގެ ފަސްބައިގަ އެވެ. އޭނަ އަވަހަށް ގޮސް ފޯނު ނަގާފައި
ވަގުތުން އެ މޫނުގެ ކުލަވަރު ބަދަލުވި އެވެ.
"ކީކޭ އީމާ؟" ހޫރައިން ޖަވާބުދީފައި ގޮސް ވަނީ
ދޮރު ހުޅުވާލައިފައި ކޮޓަރިއަށެވެ.
"ވަރަށް ބޮޑަށް ސޮރީ މިކަހަލަ ވަގުތެއްގަ އުނދަގޫ
ކުރެވުނީމަ. ހޭލާ ދޯ ތިއުޅެނީ؟" އީމާ ފުރަތަމަ ވެސް މާފަށް އެދުނެވެ.
"ހޭލާ ހުރީމަ ދޯ ފޯނުން މި ވާހަކަދެއްކެނީ."
ހޫރައިން އެނދަށް އަރައި ހަމަޖެހިލި އެވެ.
އެ ވަގުތު ވެސް އޭނައަށް ބަލައިލެވުނީ އެނދުގެ އަނެއް ފަޅިއަށެވެ.
ރޭގައި ހަމްރާއު އޮތް ފަޅިއަށެވެ. ހިތިފޮނި އިހްސާސަކާއެކު އެ ހިތް ތެޅިގަތެވެ.
ހަމްރާއުއަކީ މިހާރު އޭނަގެ ހައްގެކެވެ. އެކަމަކު ހަމައެކަނި އޭނަގެ މިލްކެއް
ނޫނެވެ. ހަމްރާއު މިހާރު ވެސް ވީ ރައިނާގެ ގޭގަ އެވެ. ރައިނާ ކައިރީގަ އެވެ. ރަނާ
މިހާރު ސުކޫލަށް ހިނގައިދާނެ އެވެ. އަދި މިހާރު ހަމްރާއު ރައިނާ ރުއްސަން
މަސައްކަތް ކުރާނެ އެވެ. ހަމްރާއު ކަހަލަ ރޮމެންޓިކް މީހެއްގެ އެތައް އުކުޅެއް ހުންނާނެ އެވެ.
އަދި ރައިނާއަކަށް ވެސް އެ ހުރިހާ އުކުޅަކުން ސަލާމަތެއް ނުވެވޭނެ އެވެ.
"ޝަޓްއަޕް،" ހޫރައިންއަށް ބުނެވުނެވެ.
ހަގީގަތުގައި އޭނަ އެހެން ބުނީ އަމިއްލަ ނަފްސަށެވެ. އެ ނަފްސް އޭނަ ހަސަދައިގެ
އަލިފާނުގެ ތެރެއަށް އެއްލައިލާ އަންދާލަން މަސައްކަތް ކުރަނީ އެވެ.
"ކިހިނެއްވީ؟ ހަމަ ހުއްޓާލަންވީ؟" އީމާ ސިހިފައި
އެހި އެވެ.
"ވަޓް؟ ނޯ... އީމާ ކީކޭތަ ތި ކިޔަނީ؟"
ހޫރައިންއަށް ހަމަހޭވެރިކަންވި އެވެ.
"އަހަރެން މި ކިޔާ އެއްޗެއް ނޭނގޭތަ؟ ރޭގައި ފެނުނު
ނުބައި ހުވަފެނެއްގެ ވާހަކައެއްނު ފެށިގެން މި ކީ. ކިޔާ ނިމެން އުޅެނިކޮށް ތި ކިޔަނީ
ހުއްޓާލާށޭ. އެކަމަކު އެންމެ މުހިންމުބައި އަދި އޮތީއޭ،" އީމާ ބޭނުންވީ
ކުރިއަށް ގެންދާށެވެ.
"އަހަރެން ނޫނެކޭ ބުންޏަސް އީމާ ހުއްޓާނެހެން
ހިއެއްނުވޭ،" ހޫރައިން ހިނިގަނޑެއް ޖަހައިލި އެވެ.
އީމާ ކިޔައިދިނީ ހުވަފެނުގައި ކޮންމެވެސް ސިހުރެއް
ޖެހިގެން ހޫރައިންއަށް ލިބުނު ބޮޑު ގެއްލުމުގެ ފަހަތުގައި ރައިނާ ހުރި ވާހަކަ އެވެ.
ހޫރައިން ގާތަށް އަނެއްކާވެސް ހިނިއަ އެވެ.
"އޭ، ހަމަ އަސްލުވެސް ވިސްނައިގެން އުޅޭތި. ސިހުރަކީ
ޖޯކެއް ނޫން. އިޓްސް ސީރިއަސް ބިޒްނަސް. އަހަންނަށް ވަރަށް ގާތުން ފެނިފަ ހުރި
ކަމެއްގަ ވާހަކަ މި ކިޔަނީ،" އީމާ ސީރިއަސްވި އެވެ.
"ކަމްއޯން ރައިނާ އިޒް ބެޓާ ދެން ދެޓް. އޭނަގެ
ކިބައިގައި ކޮންމެވެސް ކަމެއް ހުރެގެން ދޯ ހަމްރާއު އޭނަ ޗޫޒް ކުރާނީ. އެ ނޫނަސް
އަހަރުމެން ހެނދުނާއި ހަވީރުގެ ޒިކުރު ކިޔަނީ ކަމެއްވެއެއްނު. ބަޓް ތޭންކްސް.
އަހަރެން އުޅޭނީ ވިސްނައިގެން. ހެޕީ ނައު؟" ހޫރައިން އެކުވެރިޔާ
ހިތްހަމަޖައްސައިދޭންވެގެން ބުނެލި އެވެ.
ފޯނު ބާއްވާފައި ހޫރައިން އޮށޯވެލި އެވެ. ދެން އޭނައަށް
ހޭލެވުނީ ކޮންމެވެސް މީހަކު ގޮވާލިހެން ހީވެގެންނެވެ. ލޯ ހުޅުވާލައިފައި
ފުންމައިގެން ތެދުވެ އިށީނދެވުނެވެ. އެ ވަގުތު ހަމްރާއު އައިސް ދޮރު ހުޅުވާލައިފައި
ދޮރުމަތީ ހުއްޓުނެވެ.
"ކިހިނެއްވީ ހޫރައިން؟" ހަމްރާއު ސުވާލުކޮށްލީ
ކަންބޮޑުވެފަ އެވެ.
ނިތްކުރީގައި ހިފަހައްޓާލައިގެން އިނދެވުނުކަން ހޫރައިންއަށް
ރޭކައިލީ އެ ހިސާބުންނެވެ. އޭނަ އަވަހަށް އަތްތިރިކޮށްލި އެވެ.
"ކަމެއްނުވޭ. ދެންމެ ނިދިފަ އޮވެފަ މި ތެދުވެވުނީ.
ހަމްރާއު ގޮވިންތަ؟" ހޫރައިން ހިނިތުންވުމެއް ވެރިކޮށްލާފައި އެނދުން
ތެދުވި އެވެ.
"ފެންނަން ނެތީމަ ދެ ފަހަރަކު ގޮވާލިން،"
ހަމްރާއު އައިސް ކައިރިއަށް ހުއްޓިފައި ހޫރައިންގެ އުނަގަނޑުމަތީ ދެ އަތް އަޅުވާލި
އެވެ.
ނިކަން ފަރުވާތެރިކަމާއެކު އެ މޫނަށް ބަލަމުން އެއް އަތް
އުފުލާލައިފައި ހޫރައިންގެ ހޭވިފައިވާ އިސްތަށިގަނޑު ފަހަތަށް ފުނާ އަޅާލަދިނެވެ. އެ އަތުގެ
އިނގިލިތަކުގެ ނުފުށުން ހޫރައިންގެ ކޯތާފަތުގައި ބީއްސާލައިފައި ތިރިކޮށްލި ގޮތަށް
އަތްތިލައިގައި ހިފާލައިފައި އެދެމެދުން ނަގައި ބަލަން ފެށި އެވެ.
"ކީކޭ ނުބުނެވިގެން ތި އުޅެނީ؟" ހޫރައިންއަށް
އެއްޗެއް ހީވެގެން އެހި އެވެ.
"މިހާ އަވަހަށް އަހަރެންގެ މައިންޑް ރީޑްކުރަން ވެސް
ދަސްވީތަ؟" ހަމްރާއުގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވި އެވެ.
ހޫރައިން ގާތަށް ހިނިއަ އެވެ.
"މޮޅު ދޯ؟" ހޫރައިން ފޮނިވެލި އެވެ.
"މާބޮޑަށް ވެސް،" ހަމްރާއު އެއްބަސްވި އެވެ.
"ސޮރީ އެހާ ގިނައިރު ހަބަރެއްނުވެ ބޭރުގަ
އުޅެވުނީމަ،" ހަމްރާއު މާފަށް އެދުނެވެ.
"މުހިންމު ކަމެއްގައެއްނު ދިޔައީ،" ހޫރައިން
ކުރަން ބޭނުންވި ސުވާލު އޮއްބައިލީ ހިތުގަ އެވެ. ރައިނާ މައްސަލައެއް
ކުރިމަތިނުކޮށް ދެބަފައިންނަށް ހަމަޖެހިގެން ނާސްތާކުރެވުނުތޯ އަހަން ބޭނުންވި
ނަމަވެސް އެ ހިޔާލު ދޫކޮށްލީ އެވެ.
"އެ ވާހަކަ ދައްކަން މި އައީ. އެބަ ޖެހޭ ގެސްޓު ރޫމު
ރެޑީކޮށްލަން،" ހަމްރާއު ދުރަށް ޖެހިފައި ކޮޓަރިން ނިކުންނަން މިސްރާބު
ޖެހި އެވެ. ހޫރައިން ހުރީ ފަހަތުގަ އެވެ.
"ކާކު އަންނަނީ؟" ހޫރައިންއަށް ނާހައެއް ނުހުރެވުނެވެ.
"ރަނާ،" ހަމްރާއު އެ ސުވާލަށް ޖަވާބު ދެމުން
ޖެހިގެން ހުރި ކޮޓަރީގެ ދޮރު ހުޅުވާލި އެވެ.
"އެހެންވިއްޔާ އޯކޭ،" ހޫރައިން ހިފަހައްޓައިގެން
ހުރި ނޭވާ ދޫކޮށްލާފައި އަވަސް އަވަހަށް ބުނެލި އެވެ.
ހަމްރާއު ގާތަށް ކުޑަކޮށް ހިނިއަ އެވެ. އޭނަ އަވަހަށް
އެ ކުލަވަރު ބަދަލުކޮށްލާފައި އެތެރެއަށް ވަދެގެންދިޔަ އެވެ. ކުރިއްސުރެ އިތުރު
މީހަކަށް ނިދޭނެހެން ތައްޔާރަށް ހުރި ކޮޓަރިއަށް ހަމައެކަނި އިތުރު ކުރަން އޭނަ
ނިންމީ ބައެއް ކުޅޭ ސާމާނާއި ރަނާގެ އަންނައުނުގެ އިތުރަށް ކިޔަވާ ފޮތްތަކެވެ. ރައިނާ
ކަންތައް ކުރި ގޮތުގެ ވާހަކަ އޭނަ ކިޔައިދިނީ އެތަނުގައި ހުރެފަ އެވެ. އަދި ރަނާ އެތާ
މަޑުކުރާނެ ދުވަހެއް ނޭނގޭ ކަމާއި ހަނީމޫނު ދަތުރު ލަސްކޮށްލަން ޖެހޭކަން
ހާމަކުރި އެވެ. ހޫރައިން އެއްވެސް ޝަކުވާއެއްނެތި އެ ހާލަތު ބަލައިގަތެވެ. އޭނައަށް
ނޭނގުނީ ކުރިއަށް އޮތީ ކިހާ އުނދަގޫ ދުވަސްތަކެއް ކަމެވެ.
ސުކޫލު ނިންމާފައި ގެއަށް ނުވަދެ އަންނަން ފެށި ހިސާބުން
ރަނާގެ ސުވާލުތަކާ ކުރިމަތިވި އެވެ. ބައްޕަ އޭނަ ގެންދަނީ އައިސްކްރީމް ބޯންތޯ
އެހި އެވެ. ނޫނީ އެކުވެރިއެއްގެ ގެއަށް ކުޅެން ގެންދަނީތޯ ބަލަން ބޭނުންވި އެވެ.
ހަމްރާއު ނިންމީ ގެއަށް ވަދެފައި ރަނާއަށް ޖަވާބު ދޭށެވެ. އޭނަ ކޮންމެ ސުވާލަކަށް
ޖަވާބުދިނީ ސަޕްރައިޒެކޭ ކިޔައިފަ އެވެ.
ގެއަށް ވަދެވުމުން ހަމްރާއުގެ ހުރިހާ އުންމީދެއް ފެނަށްވި
އެވެ. ރަނާ އެ ގޭގައި ހުންނާކަށް ބޭނުމެއް ނުވި އެވެ. ހޫރައިންއާ ވާހަކައެއްނުދެއްކި އެވެ. ގެއަށް ދާން އެވަރަށް ބޮޑާހާކަން ފެށިއެވެ. މަންމަ
ހޯދަން ކިޔަން ފެށި އެވެ. މީގެ ކުރިން ބައްޕަ ހުރިއްޔާ މަންމަ ނެތަސް ރަނާ
މައްސަލައެއް ނުޖައްސާނެ އެވެ. އެކަމަކު ރައިނާއާ ހަމައަށް ފޯރާނެ ގޮތެއް ވެސް
ނޭނގުނު ދުވަހު ރައިނާ ހޯދަން އެ ކުއްޖާ އެދެނީ އެވެ. ހަމްރާއުގެ ބޮލުގައި ރިއްސަން
ފެށިއެވެ. ރުޅި ވެސް އާދެވުނެވެ. ތަންކޮޅެއް ބާރަށް އެއްޗެއް ބުނެވިގެން ރަނާ
ބާރަށް ރޯން ފަށައިފި އެވެ.
އުނދަގޫވެގެން އެ ކޮޓަރިން އޭނައަށް ނިކުމެވުނުއިރު
ބަދިގެއިން ނިކުމެ އެދިމާއަށް ބަލަހައްޓައިގެން ހޫރައިން ހުއްޓެވެ. ހޫރައިން ހުރީ
ދެރަވެފަ އެވެ.
ހަމްރާއު ގޮސް ސޯފާއަށް ވެއްޓިގެންފައި ނިތުގައި ދެ އަތުން
ހިފަހައްޓައިލިއެވެ.
"އަހަރެން އޭނައާ ވާހަކަދައްކަން ވަނަސް
އޯކޭތަ؟" ހޫރައިން ކައިރިއަށް އައިސްފައި ވާހަކަދެއްކި އެވެ.
ހަމްރާއު އަތުގެ އިޝާރާތުން ދިއުމުގެ ހުއްދަދިނެވެ.
ހޫރައިން ފުރަތަމަ ގޮސް ވަނީ ބަދިގެއަށެވެ. އޭނަ ނިކަން
އަވަހަށް ސޭންޑްވިޗެއް ހަދާލައިފައި މަތީގައި ކުޑަކުދިން ގަޔާވާ ކަހަލަ ހެވިފައި
އިން މޫނެއްގެ ޑިޒައިން ކުރަހާލި އެވެ. އަދި އިތުރަށް ކުޑަ އައިސްކްރީމް ތަށްޓެއް
ތަބަކުގައި ބެހެއްޓި އެވެ. ގޮސް ދޮރުގައި ޓަކި ޖަހާލައިފައި ވަންއިރު ހަމްރާއު
ބަލަން އިނީ އަދިވެސް އުނދަގޫވެފައި އިން ނަޒަރަކުންނެވެ. އެ މޫނުމަތީ އުންމީދުގެ
ކުޑަ ވެސް ކަންފުޅެއް ނެތެވެ. ހޫރައިންއަށް ކާމިޔާބު ވެދާނެ ކަމާ މެދު އޭނައަށް
ޝައްކެވެ.
ދިހަ ވަރަކަށް މިނިޓް ފަހުން ހޫރައިން އެ ކޮޓަރިން ނިކުތެވެ.
ހަމްރާއު އޭރު ވެސް އެ އިން ގޮތަށް ސޯފާގައި އިނެވެ. ހޫރައިން ފެނިގެން ހަށިގަނޑު
ތެދުކޮށްލެވުނެވެ. ހޫރައިން ގޮސް ކައިރިވެފައި އިށީނދެލީ ސޯފާ ކައިރީގައި ހުރި
ކުޑަ މޭޒުގައި ހަމްރާއުއާ ކުރިމަތިވާނެ ހެންނެވެ.
"ކިހިނެއް ދިޔައީ؟" ހަމްރާއު އޮޅުންފިލުވަން
ބޭނުންވި އެވެ.
"ނޭނގެ،" ހޫރައިން ދިނީ ހަމްރާއު ހީކުރި ކަހަލަ
ޖަވާބެއް ނޫނެވެ.
އެ އަޑު އަހާފައި އޭނައަށް ބުމަ ކައިރިކޮށްލެވުނެވެ.
ހޫރައިން މި ކިޔާ އެއްޗެއް ފަހުމެއް ނުވިއެވެ.
"ކީއްވެ ނޭނގެނީ؟" ހަމްރާއު ހޫރައިންގެ އަތުގައި
ހިފެހެއްޓި އެވެ.
"ވަރަށް ވާހަކަދައްކާފަ މި އައީ. ރުއިން ހުއްޓާލައިފި.
އެކަމަކު ނޭނގެ އަހަރެން ގެންދިޔަ އެއްޗެހި ކާނެ ކަމެއް ވެސް. އެތާ ބަހައްޓާފަ
މި އައީ. ބަނޑު ފުރުނީމަ ވެސް ހަމަޖެހިދާނެ. އެ ނޫނަސް އޭނަ ކުޑައިރު ދިމާވިއަސް
މިހާރު ހަނދާންނެތީމަ އެހާ ފަސޭހައިން އެކުވެރިއެއް ވެސް ނުވާނެއެއްނު،" ހޫރައިން
ކިޔައިދިނެވެ.
ހަމްރާއު އަނެއްކާވެސް މޫނު ފުހެލާފައި ސޯފާގައި ލެނގިލި އެވެ.
ހޫރައިން ކައިރީ އޭނަ އެދުނީ ފެން ތަށްޓެއް ގެނެސްދިނުމަށެވެ.
ހަވީރު ބައްޕައާ އެކު ޕާކަށް ދާން ނިކުތްއިރު ރަނާ ހުރީ
ހަމަޖެހިފަ އެވެ. ޕާކުގައި ކުޅެފައި އައި މަގުމަތީ ވެސް ނުލާހިކު ހީހީފައި މަޖާ
ވާހަކަ ކިޔެވެ. އެކަމަކު އިރު އޮއްސުނު ފަހުން ނިދަންވީ އިރަށް އަނެއްކާވެސް
ބޮޑާހާކަން ފެށި އެވެ. ގެއަށް ދާން ވެސް ކިޔަނީ އެވެ. މަންމަ ހޯދަން އެވަރަށް
އާދޭސްކުރެ އެވެ. ހަމަ އެއްގޮތަކަށްވެސް ނިދާކަށް ނޫޅެ އެވެ.
ރަނާއަށް ނިދުނީ ހަމްރާއުއާ އެކު ކާޓޫނެއް ބަލަން ސިޓިންރޫމް
ސޯފާގައި އިންދަ އެވެ. ހޫރައިން އިނީ ދުރުގަ އެވެ. ރަނާ އިންދާ އޭނަ ހަމްރާއުއާ
ވީހާވެސް ދުރުން އުޅެން އަމިއްލަ ނަފްސަށް ހަނދާންކޮށްދިނެވެ. ކޮންމެވެސް
ސަބަބަކާ ހުރެ ރަނާ އެކަމާ ނުރުހިދާނެކަމުގައި ހިތް އިންޒާރު ކުރީ އެވެ.
ރަނާއަށް ފެނިފަ ހުންނާނީ މުޅިންވެސް އޭނަގެ ބައްޕަ އާއި މަންމަގެ އެފަދަ ގާތްކަމެވެ.
ބައްޕަ އިތުރު އަންހެނަކާ އެކު އެފަދަ ގުޅުމެއްގައި ވަނިކޮށް އެ ކުއްޖާއަށް
ބަލައިގަންނަން ދަތިވެދާނެ އެވެ. ހަމްރާއު ވެސް ރަނާ ކައިރީ އޭނަ އެއީ ކާކުކަމެއް
ނުބުނެދެ އެވެ. އޭނަ ފަދައިން ހަމްރާއު ވެސް ރަނާއާ ދޭތެރޭ ވިސްނާފައި އަދި އިހަށް
މަޑުޖައްސައިލީ ކަހަލަ އެވެ.
"ހަމްރާއު. ރަނާ އަހަރެމެން ކޮޓަރީގަ ބާއްވަންވީނު،" ހަމްރާއު ރަނާ ނަގައިގަނެގެން ދާން އުޅެނިކޮށް ހޫރައިން އައިސް
ކައިރިވެފައި ވާހަކަދެއްކި އެވެ.
ހަމްރާއު ބަލައިލީ ކުޑަކޮށް ހައިރާންވެފަ އެވެ.
"އޭނައަށް ހޭލެވިގެން މާބޮޑަށް ބިރުގެންފާނެ އާ ތަނެއްގަ
އެކަނި ބޭއްވީމަ. ބެޓާ ޓު ނޮޓް ލީވް ހާ އެލޯން،" ހޫރައިން ސަބަބު ބުނެދިނެވެ.
ހަމްރާއު ބޯޖަހައިލުމުން އޭނަ ވަދެ ތަންމަތި އަޅައިދިނެވެ.
ރަނާ މެދުގައި ބާއްވާފައި ދެ މީހުން އިށީނދެލީ އެނދުގެ ދެފަރާތުގަ އެވެ. ދެ މީހުންގެ
ނަޒަރު ވެސް ހުރީ އެ ތުއްތު ކުއްޖާއަށެވެ. ނިދާފައި އޮތްއިރު ކިހާ މައުސޫމު
ހެއްޔެވެ؟ އެއްގޮތަކަށްވެސް އެއީ އެހާ ވަރަށް ބޮޑާހޭކި ކުއްޖެއްކަން ދޭހަވާ ފަދަ
އެއްވެސް ނިޝާނެއް ނެތެވެ.
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ