ސަރުކާރުގެ ސްކޮލާޝިޕް ސްކީމުތަކުގައި ރާއްޖޭން ބޭރުގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ޓިއުޝަން ފީ އާއި ސްޓައިޕެންޑު ފައިސާ ދޫކުރުމުގެ މަސައްކަތް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ކުރިއަށް އެބަދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 10 ވަނަ ދުވަހު ގެނެސްދިން ރައީސް މުއިއްޒުގެ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި އެ މަނިކުފާނު ވިދާޅުވީ، ތެލާއި ކާޑަށް ފައިސާ ދޫކުރުމުގެ ކުރިން، ސަރުކާރުގެ ސްކޮލާޝިޕް ސްކީމުތަކުގައި ރާއްޖޭން ބޭރުގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ޓިއުޝަން ފީ އާއި ސްޓައިޕެންޑު ފައިސާ ދޫނުކޮށް ހުރި ނަމަ އެ ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް އަންގަވާފައިވާނެ ކަމަށެވެ.
ތަފްސީލް - ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ހުސެން ޝާމް މިއަދު 'ދައުރު'އަށް ވިދާޅުވީ ރައީސް އެ ދުވަހު ވިދާޅުވި ގޮތަށް ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"މިހާރު ޕެންޑިންގައި ހުރި އެއްޗެހި ފިނޭންސްއަށް ފޮނުވާފައިވީ. ކޮންމެ ދުވަހަކު ވެސް ޕޭމެންޓްތައް ޕްރޮސެސްވާނެ،" އޭނާ ވިދާޅުވި އެވެ.
ޝާމް ވިދާޅުވީ ދަރިވަރުންގެ ލޯނާއި ސްޓައިޕެންޑް އަދި ޓިއުޝަން ފީގެ ކަންތައްތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ވެސް ބުނީ، ރައީސްގެ އެންގެވުމާ އެއްގޮތަށް އެންމެ އިސްކަމެއް ދެނީ ބޭރުގައި ތިބި ދަރިވަރުންނަށް ދޭންޖެހޭ ފައިސާގެ ކަންތައްތައް ހަމަޖެއްސުމަށް ކަމަށެވެ.
ސަރުކާރުގެ ސްކޯލާޝިޕްގައި ކިޔަވާ ކުދިންގެ ތެރެއިން ޓިއުޝަން ފީ އާއި ސްޓައިިޕެންޑު ލިބުން ލަސްވެގެން އެކަމުގެ ކަންބޮޑުވުން ހިއްސާކުރި ދަރިވަރަކު ވެސް ބުނީ މިހާރު އެ ފައިސާ ޖަމާވެފައިވާ ކަމަށެވެ.
ފާހަގަ ކުރެވޭ - ރައީސްގެ ޕޮޑުކާސްޓުގައި އެ މަނިކުފާނު ވިދާޅުވީ މި މަހުގެ ކުރީކޮޅު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވެސް ސްކޮލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ޝަކުވާތައް އެއްސެވި ކަމަށެވެ.
ދަރިވަރުންގެ ޝަކުވާތައް މައިގަނޑު ގޮތެއްގައި ހުރީ، ރައީސް ފާހަގަކުރެއްވި ގޮތުގައި:
ދަރިވަރުންގެ އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވުން
ސްޓައިޕެންޑައި ޓިއުޝަން ފީ ލިބުން ލަސްވުން
އެެ މައްސަލަތައް ހައްލު ކުރުމަށް މިހާރު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއް ކަމެއްގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްކޮލާޝިޕް ދީގެން ބޭރުގައި ދަރިވަރުން ތިބޭ ގައުމުތަކަށް ހާއްސަކޮށްގެން ކޮންމެ ގައުމަކަށް ވަޓްސްއެޕް ބިޒްނަސް ނަންބަރެއް ނަގާނެ. ދެން އެ ނަންބަރު މެނޭޖުކުރަން ވަކި ހާއްސަ ސްޓާފެއް ހަމަޖައްސާނެ،" ދަރިވަރުންނަށް މިނިސްޓްރީއާ ގުޅަން އުނދަގޫވާ މައްސަލަ ހައްލު ކުރުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވެފައިވެ އެވެ.
އެ ޒިންމާ މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓަރާ ހަވާލުކޮށްފައިވާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނާއި މިނިސްޓްރީއާ ދެމެދު އޮންނަންޖެހޭ ގުޅުން ރަނގަޅު ކުރުމަށް ވަޓްސްއެޕް މެދުވެރިކޮށް މުއާމަލާތު ކުރާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތަށް ދަރިވަރުންނަށް ފައިސާ ދޫކުރަމުންދޭ: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ