ގާނޫނުތައް ލިޔަން އޭއައި ބޭނުންކުރާ ފުރަތަމަ ގައުމަކަށް ޔޫއޭއީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެ ގައުމުގެ ޤާނޫނުތައް ލިޔެ މުރާޖަޢާ ކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ ދުނިޔޭގެ ފުރަތަމަ ޤައުމަށް ވުމަށް ނިންމައިފިއެވެ. މި ނިންމުމަކީ އެ ޤައުމުގެ ޑިޖިޓަލައިޒޭޝަން މަސައްކަތުގެ ތެރެއިން އަންނަ ބަދަލެކެވެ. ޔޫއޭއީގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިކަން ކުރައްވާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވިދާޅުވީ މި އައު ނިޒާމުގެ ސަބަބުން ޤާނޫނު ހެދުމުގެ މަސައްކަތް އަވަސްވެ، އިތުރަށް ފުރިހަމަވާނެ ކަމަށެވެ. މި ނިޒާމުގެ ދަށުން ފެޑެރަލް އަދި ލޯކަލް ޤާނޫނުތަކާއި، ޝަރުޢީ ޙުކުމްތަކާއި، އިދާރީ އިޖުރާއާތުތަކާއި އަދި ޢާންމު ޚިދުމަތްތައް ވެސް ކޮމްޕިއުޓަރުން ލިޔާނެއެވެ. މި މަސައްކަތް ބެލެހެއްޓުމަށް ވޭތުވެދިޔަ ހަފުތާގައި ވަނީ "ރެގިއުލޭޓަރީ އިންޓެލިޖެންސް އޮފީސް"ގެ ނަމުގައި އައު ކެބިނެޓް ޔުނިޓެއް އުފައްދާފައެވެ. މި ނިޒާމުގެ ސަބަބުން ޤާނޫނު ހެދުމުގެ މަސައްކަތް ހަލުވިވެ، އިތުރަށް ފުރިހަމަވާނެ ކަމަށް ޝެއިޚް މުޙައްމަދު ވިދާޅުވިއެވެ. އެމިރޭޓްސްގެ ސިޔާސީ ދާއިރާގެ ކޮމެންޓޭޓަރެއް ކަމުގައިވާ ޢަބްދުލްޚާލިޤް ޢަބްދުﷲ ވިދާޅުވީ އޭއައި އަކީ އަރަބި ޤައުމުތަކުގެ ދުރު ރާސްތާގެ މަޝްރޫޢެއް ކަމަށެވެ. އޭނާ ވިދާޅުވީ ޔޫއޭއީ އިން އޭއައި އާ ގުޅޭ ގޮތުން ވަރަށް ސީރިއަސްކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ގައުމަކީ ޢާލަމީ ފައިނޭންޝަލް އަދި ލޮޖިސްޓިކްސް ހަބަކަށް ވެފައިވާ ފަދައިން ޢާލަމީ އޭއައި އަދި ޑިޖިޓަލް އިޤްތިޞާދީ ހަބަކަށް ވުމަށް ބޭނުންވާ ކަމަށެވެ. ދެހާސް ސަތާރަވަނަ އަހަރު ޔޫއޭއީއިން ވަނީ ދުނިޔޭގެ ފުރަތަމަ އޭއައި ވަޒީރު، ޢުމަރު ސުލްޠާން އަލްޢުލަމާ ޢައްޔަން ކޮށްފައެވެ. މިއީ ޔޫއޭއީގެ އާޓިފިޝަލް އިންޓެލިޖެންސް ސްޓްރެޓެޖީ ތަޢާރަފުކުރި ދުވަސްތަކެއްގެ ފަހުންނެވެ. މި ސްޓްރެޓެޖީއަކީ ސަރުކާރުގެ މަސައްކަތްތައް ރަނގަޅުކުރުމަށް އަމާޒުކޮށްގެން ޔޫއޭއީއިން ކުރިއަށްގެންދާ ދުރު ރާސްތާގެ މަޝްރޫޢުތަކުގެ މުހިންމު ބައެކެވެ. ޔޫއޭއީ އިން ލަފާކުރާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް އޭއައިގެ ޢާލަމީ މާކެޓް ވެލިއު 15.7 ޓްރިލިއަން ޑޮލަރު (11.8 ޓްރިލިއަން ޕައުންޑް)އަށް އަރާނެއެވެ. މީގެ ސަބަބުން ޔޫއޭއީގެ ޖީޑީޕީ 35 އިންސައްތަ އިތުރުވެ، ސަރުކާރުގެ ޚަރަދުތައް 50 އިންސައްތަ ދަށްވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫއޭއީގެ ޤާނޫނީ ވަކީލެއް އަދި ޤާނޫނު ޑްރާފްޓްކުރާ ފަރާތެއް ކަމަށްވާ ހިޝާމް އަލްރަފައީ ވިދާޅުވީ ޔޫއޭއީއިން ހަމައެކަނި ޤާނޫނު ލިޔުމަށް އޭއައި ބޭނުންކުރުމަށްވުރެ އިތުރު ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ޤާނޫނު ހެދުމުގެ އައު ގޮތެއް ތަޢާރަފުކުރުން ކަމަށެވެ. އާންމު ޕާލިމެންޓަރީ މޮޑެލްގައި ޤާނޫނުތައް ނިމުމެއް ނެތް ސިޔާސީ ބަހުސްތަކުގައި ޖެހި، ފާސްވުމަށް އަހަރުތަކެއް ނެގުމާއި، ޚިލާފަށް މި އައު ގޮތުން ޤާނޫނު ހެދުން އަވަސްވެ، ސާފުވެ، އަދި ޙަޤީޤީ މައްސަލަތައް ޙައްލުކުރުމަށް ބިނާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަލްރަފައީ ވިދާޅުވީ އޭއައި އަށް ކޯޓު ޙުކުމްތައް ދިރާސާކޮށް، މައްސަލަތައް ފާހަގަކޮށް، އަދި އެ ހުސްކަން ފުރާނެ ޤާނޫނުތައް ހުށަހެޅިދާނެ ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ރަނގަޅު ޤާނޫނުތައް ދިރާސާކޮށް، ޔޫއޭއީއަށް އެންމެ އެކަށޭނަ ގޮތަށް އެ ޤާނޫނުތައް ޑްރާފްޓްކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޔޫއޭއީގެ އާބާދީގެ 10 އިންސައްތަ އަކީ އެ ޤައުމުގެ ރައްޔިތުން ކަމަށްވެފައި، 200 އަށްވުރެ ގިނަ ޤައުމުތަކުގެ މީހުން ދިރިއުޅޭ ޤައުމެއްގައި ޤާނޫނުތައް ސާފުކޮށް އޮތުމަކީ މުހިންމު ކަމެއް ކަމަށް އަލްރަފައީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީގެ މާނައަކީ ޤާނޫނުތައް ސާފު، އާދައިގެ ބަހުރުވައިން، ޢަރަބި އަދި އިނގިރޭސި ބަހުންނާއި އެހެނިހެން ބަސްތަކުން ލިޔުން ކަމަށެވެ. ހުޅަނގުގެ ގިނަ ޑިމޮކްރަސީތަކާ ޚިލާފަށް، ޔޫއޭއީ އިން މި ގޮތަށް ޤާނޫނުތައް ލިޔުމުން ޢާންމު ރައްޔިތުންނަށް ވަކީލެއްގެ އެހީ ނެތި ޤާނޫނުތައް ދޭހަކުރެވޭނެ ކަމަށް އަލްރަފައީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ރައްޔިތުންނާއި ޤާނޫނާ ދެމެދު އޮންނަ ދުރުމިން ކުޑަކުރުމަށް ޔޫއޭއީ އިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ