ޖިނާއީ ތުހުމަތެއް އަޅުވައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދު ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ހިދުފާ ފާއިޒް ވިދާޅުވެއްޖެ އެވެ.
އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ކުރެއްވި ޕޯސްޓެއްގައި ހިދުފާ ވިދާޅުވީ އޭނާގެ ފިރިކަލުން ޝަމްއާން ހައްޔަރުކޮށްފައި ވަނީ "ނުހައްގުން، ފްރޭމްކޮށްގެން" ކަމަށެވެ.
އޭގެ އިތުރަށް އެ މައްސަލައާ ގުޅޭ އިތުރު ވާހަކައެއް ޝަމްއާންގެ އަނބިކަނބަލުން ދައްކަވާފައެއް ނުވެ އެވެ. ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ފުލުހުން ޝަމްއާން ހައްޔަރު ކުރީ މާޗް 22، ގަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ބިދޭސީއަކު ހައްޔަރު ކުރުމަށްފަހު އޭނާގެ އަތުން ފައިސާ އަތުލި ކަމަށެވެ. އެ މައްސަލައިގައި އޭނާއާއެކު އިތުރު ބަޔަކު ވެސް ހައްޔަރު ކުރި އެވެ.
އޭގެ ފަހުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ހައި ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. ޝަމްއާނުގެ ފަރާތުން ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އޭނާއާމެދު އަމަލުކޮށްފައި ވަނީ އެހެން މީހުންނާމެދު އަމަލުކޮށްފައިވާ ގޮތަށް ނޫން ކަމަށެވެ.
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކޮށްފައިވާއިރު، މާ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި ބައެއް މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.
"މި ހުރީ މަނީ ލޯންޑަރިންގެ ހަތް ދައުވާ، ހިނގަމުން ދަނީ ކްރިމިނަލް ކޯޓުގައި، ބަންދަކު ނޫން ހުރީ، މަނީ ލޯންޑަރިންގެ ދެ ދައުވާ އަނެއް ބޭފުޅެއްގެ މައްޗަށް، ހިނގަމުން ދަނީ، ބަންދަކު ނޫން ހުރީ،" އިއްޔެގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ނޫރުއްސަލާމް ވިދާޅުވި އެވެ.
ޝަމްއާންއާމެދު ތަފާތު ކުރުމެއް ގެންގުޅޭ ސަބަބު ދައުލަތުން ހާމަކޮށްދޭންޖެހޭނެ ކަމަށް ވެސް ޝަމްއާންގެ ވަކީލު ވިދާޅުވި އެވެ.
"އެހެންވީމާ ދައުލަތުގެ ޒިންމާއެއް ކޮރަޕްޝަން މަނީ ލޯންޑަރިންގެ ތުހުމަތުތަކުގައި ހައްޔަރު ކުރާ ނުވަތަ ބަންދުކޮށްގެން ޝަރީއަތް ހިންގާ މީހުން ބަންދު ނުކުރުމުގެ އުސޫލާ ހިލާފަށް ޝަމްއާން ވަހީދަށް އެކަނި ތަފާތުކޮށް އަމަލު ކުރާ ސަބަބު ސާފުކޮށްދިނުން، ކިޔައިދިނުން، ދައުލަތުގެ ޒިންމާއެއް،" ނޫރުއްސަލާމް ވިދާޅުވި އެވެ.
ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވިދާޅުވެއްޖެ ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ