އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ބަދަލު ކުރީ ނަތަންޔާހޫއަށް ވެސް އެހެން ޕާސްޕޯޓެއްގައި ރާއްޖެ އާދެވޭ ގޮތަށް: މައުރޫފް އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ބަދަލު ކުރީ ނަތަންޔާހޫއަށް ވެސް އެހެން ޕާސްޕޯޓެއްގައި ރާއްޖެ އާދެވޭ ގޮތަށް: މައުރޫފް

އިޒްރޭލު ޕާސްޕޯޓު މަނާކުރަން އެމްޑީޕީން މަޖިލީހަށް ހުށަހެޅި ބިލަށް ޕީއެންސީގެ މެންބަރުން އިސްލާހު ގެނެސްފައި އޮތީ އެހެން ގައުމެއްގެ ޕާސްޕޯޓުގައި އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫއަށް ވެސް ރާއްޖެ އާދެވޭ ގޮތަށް ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހު ކޮމިޓީން ފާސްކުރި ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ އެ ބިލަށް ގެނެސްފައިވާ "ކޫސަނި ބަދަލުތަކާމެދު" ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ފަށާނަން ދެންމެ އިއްޒަތްތެރި މެންބަރު ފާހަގަކުރެއްވީ ބިލުގައި ކޫސަނި ކަންތައްތަކެއް އެބަހުރި، އެއީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އިއްޒަތްތެރި ރައީސް، އެ ކޫސަނި ކަންތައްތަކުގެ ސަބަބުން މިވާ ގޮތަކީ މިހާރުގެ އިޒްރޭލުގެ ބޮޑުވަޒީރު ވެސް އެހެން ޕާސްޕޯޓެއްގައި ރާއްޖެއަށް އާދެވޭ،" މައުރޫފް ވިދާޅުވި އެވެ.
"އެ ކޫސަނި ކަންތައްތަކުގެ ވާހަކައަކީ މިހާރުގެ އިޒްރޭލުގެ މިލިޓަރީ ކެބިނެޓަށް ވެސް އަދި މިލިޓަރީ ބޭފުޅުންނަށް ވެސް އެހެން ޕާސްޕޯޓެއްގައި ރާއްޖެއަށް އާދެވޭ، އެއީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ."
މައުރޫފް ވިދާޅުވީ ދިވެހިރާއްޖެއަށް އެތެރެވާ މީހުންގެ ޑުއެލް ޕާސްޕޯޓެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމުގެ ބާރު އިމިގްރޭޝަނަށް އޮންނާނެ ކަމަށެވެ. އަދި އެގޮތަށް ބަލާ ބެލުމުގެ ތެރެއިން ދޮގު ހަދައި އޮޅުވާލައިގެން ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު އެއްވެސް ގައުމެއްގެ ރައްޔިތަކަށް ނުލިބޭނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.
އެގޮތުން އޭނާ ވިދާޅުވީ ޑުއެލް ޕާސްޕޯޓެއް އޮންނަ މީހަކު، އޮޅުވާލައިގެން ރާއްޖެއަށް އެތެރެވެއްޖެ ނަމަ އެ މީހަކު ހައްޔަރު ކުރުމުގެ ބާރު ދިވެހިރާއްޖޭގެ ތަންފީޒީ އިދާރާތަކަށް އޮންނާނެ ކަމަށެވެ.
"ދިވެހިރާއްޖެއަށް ވެސް އެތެރެވާއިރުގާ ޑުއެލް ޕާސްޕޯޓެއް ނެތް ކަމަށް ވިދާޅުވެ އިޒްރޭލު މީހަކު ވަދެއްޖެ ކަމަށް ވާނަމަ، އެ މީހަކު ހައްޔަރު ކުރެވޭނެ، އެކަންކަން ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ،" މައުރޫފް ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން އެމްޑީޕީން މަޖިލީހަށް ބިލު ހުށަހެޅިއިރު، ޑުއެލް ޕާސްޕޯޓު އޮންނަ އިޒްރޭލު މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހަދަން ހިމަނާފައި އޮތެވެ. ނަމަވެސް އެ މައްސަލަ ދިރާސާ ކުރި ކޮމިޓީން ނިންމާފައި ވަނީ އެ ބައި ބިލު އުނި ކުރުމަށެވެ.
ކޮމިޓީން ފާސްކޮށްފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓައިލަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެއްވެސް މީހަކަށް ނާދެވޭ ގޮތަށެވެ. މިއަދުގެ ޖަލްސާގެ ވޯޓަށް އަހާ ވަގުތު އެ ބިލަށް ވޯޓަށް އެހުން އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ