އިންޓަ އޮތް ހާލަތަށް ބާސެލޯނާ އިން ވިސްނަން ނުޖެހޭ އިންޓަ އޮތް ހާލަތަށް ބާސެލޯނާ އިން ވިސްނަން ނުޖެހޭ

ބާސެލޯނާ (އޭޕްރީލް 30) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭގެ މެޗަށް ނުކުންނައިރު، އިންޓަ މިލާން އޮތް ހާލަތަށް ބާސެލޯނާ އިން ވިސްނަން ނުޖެހޭ ކަމަށް އެ ޓީމުގެ ކޯޗު، ހަންސީ ފްލިކް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބަޔާން މިއުނިކް އަތުން މޮޅުވި ފަހުން އިންޓަގެ ފޯމު ވަނީ ދަށްވެފަ އެވެ. އެ ގޮތުން، އިޓާލިއަން ލީގުގެ ދެ މެޗުން ބަލިވެ، ޗެމްޕިއަންކަން ހޯދަން ރޭހުން ފަހަތަށް ދިޔައިރު، އިޓާލިއަން ކަޕް ސެމީ ފައިނަލުން ވަނީ ކަޓައިފަ އެވެ.
އިންޓަގެ ފޯމު ދަށް ދަނޑިވަޅެއްގައި، އެ ޓީމާ ކުޅެން ޖެހުމާ ބެހޭގޮތުން، ފްލިކްއާ ސުވާލުކުރުމުން އޭނާ ވަނީ، އެއީ ވިސްނާ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
"އަހަރެން ތި ކަންކަމަށް ނުވިސްނަން. ތިއީ އަހަރެންގެ ވަޒީފާއެއް ނޫން. އަހަރެން ވިސްނަނީ، އަހަރެންގެ ޓީމާ މެދު. އަހަންނަށް ޔަގީންކަމެއް، 100 ޕަސެންޓް، އިންޓަ އިން ތައްޔާރުވާނީ އެ ޓީމަށް ވެވޭ އެންމެ ފުރިހަަމަ އަށް. އެ މީހުންގެ މެންޓަލިޓީ ހުންނާނެ މި މެޗަށް ތައްޔާރުވެ، މޮޅުވެވޭނެ ހުރިހާ ގޮތަކަށް މަސައްކަތް ކުރަން،" ފްލިކް ބުންޏެވެ.
އިންޓަ އަކީ މުޅި ޔޫރަޕަށް ބެލިޔަސް ޑިފެންސް އެންމެ އޮގަނައިޒްކޮށް ކުޅޭ އެއް ޓީމު ކަމަށާއި އެެހެން ކަމުން، ބާސެލޯނާ އިން ވިސްނުންތެރިކަމާ އެކު، މަސައްކަތް ކުރަން ޖެހޭ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.
ހަ އަހަރަށް ފަހު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަކަށް ނުކުންނަ ބާސެލޯނާ އިން މި މެޗަށް ނުކުންނައިރު، ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ތަށްޓެއް ހޯދުމަށް ފަހު މި މެޗާ ކުރިމަތިލުމެވެ. ބާސެލޯނާ އިން ވަނީ މި ހަފްތާގައި، ރެއާލް މެޑްރިޑް ބަލިކުރުމަށް ފަހު، ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އެންމެ ބޮޑު ވާދަވެރިޔާ، ރެއާލް އަތުން ކަޕް ފައިނަލެއްގައި މޮޅުވުމަކީ، ޓީމުގެ ކޮންފިޑެންސަށް ވެސް ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ފްލިކް ވަނީ ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ