ދުންފަތުގެ ބިލް ހުށަހެޅި މެންބަރަށް މަރުގެ އިންޒާރު ދިނުން މެންބަރުން ކުށްވެރިކޮށްފި

ދުންފަތުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވި ކިނބިދޫ ދާއިރާގެ މެންބަރު އަހުމަދު އަޝްރަގަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިނުމުން މެންބަރުން ކުށްވެރިކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ނޫހެއްގައި މެންބަރުގެ ފޮޓޯއާ އެކު ޝާއިއުކޮށްފައިވާ ބިލުގެ ހަބަރެއްގެ ލިންކު ފޭސްބުކްގައި ހިއްސާކޮށް، މެންބަރަށް މަރުގެ އިންޒާރުދިނީ ހަމީދު ނުޝްރާ ނަމަކަށް ކިޔާ އައިޑީއަކުންނެވެ.
ބުނީ ކީކޭ؟ - ދުންފަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ ބިލް ހުށަހެޅުއްވި މެންބަރު އަޝްރަގުގެ ފުރާނައަށް ނުރައްކާވާ ގޮތަށް އިންޒާރު ދިން މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
މުބާރަކް ދެކެވަޑައިގަންނަވާ ގޮތުގައި، މިހެން ދިމާވީ އޮންލައިން ނޫހުގެ ސުރުހީ ވެސް ހަގީގަތް އޮޅުވާލާ ގޮތަށް ޖަހާފައި އޮތުމުންނެވެ.
"އެ ހެޑްލައިން ގެނެސްފައި އޮތް ގޮތުން، ބިލުގައި އޮތް އެއްޗެއް ސާފުނުވާ ގޮތަށް ހެޑްލައިނެއް ޖެހުމުން މެންބަރަށާއި މެންބަރުގެ ފުރާނައަށް ގެއްލުންވާ ގޮތް މިއައީ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިން ނަމަވެސް މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަނެކާގެ އަބުރަށް އަރައިގަނެވިގެން ނުވާނެ. އެ ރަތް ރޮނގު ދަމަން ޖެހޭ،" ހުސްނީ ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއްގައި ބިލު ސްޕޮންސާކޮށްދެއްވި މެންބަރު އެ ބިލުގެ ޒިންމާ ފުރިހަމައަށް ނަގާކަށް ވެސް ނުޖެހޭ ކަމަށެވެ.
"ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިއްޔާ ބިލު ދިރާސާކުރުމުގެ ތެރޭގައި ބިލު އިތުރަށް އިސްލާހު ކުރެވޭނެ،" ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ ސަރުކާރުގެ ބިލް ސްޕޮންސާކޮށްދެއްވި މެންބަރަށް ސޯޝަލް މީޑިއާގައި އެކި ގޮތް ގޮތުން އިންޒާރު ދިނުން ބަލައިނުގަންނަ ކަމަށް ވެސް، ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ވިދާޅުވި އެވެ.
ބިލުގެ ހުލާސާ - ބިލުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވާ ކަންކަމަކީ:
ޖެނެރޭޝަން ބޭން ތަންފީޒުކުރާނެ ގޮތް
ވޭޕް މަނާކޮށްފައިވާތީ އެ ކަން ތަންފީޒުކުރަން ފުލުހުންނަށް އިތުރު ބާރު ދީފައިވާ މާއްދާތަކެއް
ދުންފަތް އުފެއްދުމަށް ބޭނުންކުރާ ތަކެތި އިތުރަށް މަނާކޮށް، ތަފްސީލްކުރުން
ފާހަގަކުރެވޭ - ދުންފަތުގެ ޖެނެރޭޝަން ބޭންއެއް ކަނޑައެޅުމަށް ކެބިނެޓުން ފާސްކުރި ގޮތަށް، 2007 އިން ފެށިގެން އުފަންވި އަދި އުފަންވާ ކުދިންގެ ޖީލަށް ދުންފަތް މަނާ ކުރުމަށް ބިލުގައި ހިމަނާފައިވެ އެވެ. އެ ގޮތުން:
ދުންފަތް ބޭނުންކުރުން މަނާކުރާ ޖީލުގެ މީހުނަށާއި އުމުރުން 21 އަހަރު ނުފުރޭ މީހުނަށް ދުންފަތް ވިއްކުން މަނާކުރުން
ދުންފަތް ވިއްކުމުގެ އެއްވެސް މުއާމަލާތެއްގައި ވެސް އެ ޖީލުގެ މީހަކު ބައިވެރިކޮށްގެން ނުވާނެ
ދުންފަތް ގަންނަނީ ކޮން ޖީލެއްގެ މީހެއް ކަން ކަށަވަރުނުވާނެ ގޮތަކަށް، އޮންލައިންކޮށް ދުންފަތް ވިއްކައިގެން ނުވާނެ
ދުންފަތް މަނާވާ ޖީލުގެ މީހަކު ދުންފަތް ވިއްކުން ހުއްޓުވުމަށް އަދި އޮންލައިންކޮށް ދުންފަތް ވިއްކާއިރު ކުރަން ޖެހޭ ކަންކަމުގެ ގަވާއިދެއް މިނިސްޓްރީން ހަދަން ޖެހޭ
ދުންފަތުގެ ބާވަތްތައް ވިޔަފާރިކުރާ ތަންތަނުގައި ދުންފަތް މަނާކުރާ ޖީލުގެ މީހުނަށް އެ ތަކެތި ނުވިއްކޭނެ ކަން އަންގައިދޭ ބޯޑެއް ބަހައްޓަން ވާނެ
ދުންފަތް ގަންނަން އަންނަ މީހުންގެ އައިޑީކާޑު ބަލައި، ދުންފަތް މަނާކުރާ ޖީލުގެ މީހެއް ކަން ނުވަތަ ނޫންކަން ޔަގީންކުރުމަކީ ދުންފަތް ވިއްކާ ފަރާތުގެ ޒިންމާއެއް
ކެބިނެޓުން ނިންމާފައިވަނީ އަންނަ 1 ނޮވެމްބަރުން ފެށިގެން ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުމެވެ.
ފަސްފަހަތް - މި ސަރުކާރުން ދުންފަތާ ދެކޮޅަށް ދަނީ ބޮޑެތި ނިންމުންތަކެއް ނިންމަމުންނެވެ. ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުމުން މަނާކޮށް، ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް އިތުރަށް ބޮޑުކޮށްފައި ވެސް ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ