2007 ގެ ފަހުން އުފަންވި، އަދި އުފަންވާ ހުރިހާ އެންމެންނަށް ދުންފަތް މަނާކުރާ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު، އަލީ އަޝްރަގު ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަތީ 61 މެންބަރުންގެ ވޯޓާއެކު އެވެ. ބިލު ބަލައި ނުގަންނަން އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
އެ ބިލު ދިރާސާ ކުރަން ފޮނުވާފައި ވަނީ އެކަމަށް ހާއްސަކޮށް އުފެއްދި ވަގުތީ ކޮމިޓީއަކަށެވެ. އެ ބިލު ދިރާސާ ކުރަން ވަގުތީ ކޮމިޓީއަކަށް ފޮނުވަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ފަލާހު އެވެ.
ބިލުގައި ބުނެފައި ވަނީ ޖެނުއަރީ 1، 2007، ގެ ފަހުން އުފަންވެފައިވާ މީހުންގެ އިތުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ.
ދުންފަތް ބޭނުން ކުރުމުގެ ޖެނަރޭޝަން ބޭންއެއް ގެންނަން ރައީސް މުހައްމަދު މުއިއްޒު ނިންމެވީ އޭޕްރީލް 13، ގަ އެވެ. އެއީ ދުންފަތާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ބުނެ އެވެ.
މަޖިލީހަށް މިއަދު ބަލައިގެން ބިލުގައި ވާގޮތުން:
އެ ބިލުގައި ބުނެފައި ވަނީ، ބިލުގައި ހުރި ކަންކަމާ ހިލާފަށް އަމަލު ކުރާ މީހަކު 1000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރަން ފިޔަވަޅުތަކެއް ސަރުކާރުން މި އަޅަނީ ދުންފަތާ ބެހޭ މާސްޓާ ޕްލޭން ވުޖޫދުވުމުގެ ކުރިންނެވެ.
ދުންފަތާ ގުޅޭ މާސްޓާ ޕްލޭނެއް ހަދަން ރައީސް ކެބިނެޓަށް އެންގެވީ އޮކްޓޯބަރު 16، 2024، ގަ އެވެ. އެ މާސްޓާ ޕްލޭން ހަދަން ރައީސް ދެއްވި ސުންގަޑި ވެސް ވަނީ ހަމަވެފަ އެވެ. އެ މާސްޓާޕްލޭން ހެދުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން ދިން ސުންގަޑިއަކީ އޮކްޓޯބަރު 27، 2024، އެވެ.
ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި މާސްޓާޕްލޭން ހެދުމުގެ މަސައްކަތް ފެށީ ވެސް ސުންގަޑި ހަމަވިފަހުން ޑިސެމްބަރު، 2024، ގެ ތެރޭގަ އެވެ. އެ މަސައްކަތް ކުރަނީ ސަރުކާރުގެ ބައެއް އިދާރާތަކުގެ އިތުރުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާ ގުޅިގެންނެވެ.
ދުންފަތުގެ މާސްޓާޕްލޭނެއް ހަދަން ރައީސް މުއިއްޒު އެންގެވީ ދުންފަތާ ގުޅޭ ބޮޑެތި ނިންމުންތަކެއް ނިންމެވުމަށް ފަހެވެ. އެގޮތުން ސިނގިރޭޓަށް ނަގާ ޓެކްސް ބޮޑު ކުރުމާއި ވޭޕް މަނާ ކުރުން ހިމެނެ އެވެ.
2007 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި 2007 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ