ކުރިއަށް އޮތް 24 ގަޑިއިރާއި 36 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ޕާކިސްތާނަށް އަސްކަރީ ހަމަލާއެއް ދޭން އުޅޭ ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިވާ ކަމަށް ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އިންފޮމޭޝަން މިނިސްޓަރު އަތާއުالله ތަރާރު މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ހަފުތާގައި އިންޑިއާ ފަޅީގެ ކަޝްމީރުގައި ދިން ހަމަލާއެއްގައި 26 މީހަކު މަރުވި ހަމަލާގެ ފަހަތުގައި ތިބި ހަނގުރާމަވެރިންނަށް ޕާކިސްތާނުން ތާއީދުކުރާ ކަމަށް އިންޑިއާއިން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ތަރާރު ވިދާޅުވީ ހަމަލާދޭން އުޅެނީ ދޮގު ބަހަނާއެއް ދައްކައިގެން ކަމަށާއި އިންޑިއާއިން އެފަދަ އަސްކަރީ ހަމަލާއެއް ދީފި ނަމަ ޔަގީނުން ވެސް ރައްދުގައި ހަމަލާދޭނެ ކަމަށެވެ.
ބީބީސީން ވަނީ އިންޑިއާގެ ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތްކޮށްފަ އެވެ.
ޓޫރިސްޓުންގެ މެދުގައި މަގުބޫލު، ޕަހަލްގަމް ކައިރީގައި ދިން މި ހަމަލާއަކީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި އާންމުންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
އިންޑިއާ އާއި ޕާކިސްތާނުން ވެސް އެ ސަރަހައްދުގެ މިލްކުވެރިކަމަށް ދައުވާކުރާ އިރު، އެ ސަރަހައްދުގެ މައްޗަށް ދެ ހަނގުރާމައެއް ވަނީ ކޮށްފަ އެވެ.
ފަހަކަށް އައިސް ބޯޑަރު ސަރަހައްދުގައި މެދުކެނޑުމެއް ނެތި ލުއި ހަތިޔާރުގެ ހަމަލާތައް ދެ ފަރާތުގެ ސިފައިން ދަނީ ކުރަމުންނެވެ.
މީގެ ފަސް އަހަރު ކުރިން، 2016 ވަނަ އަހަރާއި 2019 ވަނަ އަހަރު ދިން ނުރައްކާތެރި ހަމަލާތަކަށް ފަހު، ޕާކިސްތާނާ ދެކޮޅަށް އަސްކަރީ ހަމަލާތަކެއް ދޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
އިންޑިއާ ފަޅީގެ ކަޝްމީރުގައި މިދިޔަ ހަފުތާގައި ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި ސުވާލު ކުރުމަށް 1،500އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ފަހުން އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ އަދަދުތައް ސާފެއް ނުވެ އެވެ.
ހަނގުރާމަވެރިން ކަމަށް ތުހުމަތުކުރެވޭ 10 މީހެއްގެ ގެތައް ވަނީ ތަޅާލައިފަ އެވެ. އޭގެ ތެރޭގައި ބަޑީގެ ހަމަލާތައް ދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ހިމެނެ އެވެ.
ނިއުކުލިއާ ހަތިޔާރު ލިބިފައިވާ އިންޑިއާ އާއި ޕާކިސްތާނު ދެ ގައުމުގެ ގޮތުގައި 1947 ވަނަ އަހަރު ބައިބައިވި ފަހުން އެ ދެ ގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސް ކަމަކީ ކަޝްމީރެވެ.
އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި 1989 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ވެރިކަމާ ދެކޮޅަށް ހަތިޔާރު އެޅި ހަރުކަށި ފިކުރުގެ ހަނގުރާމަވެރިން ހަމަލާތައް ދެމުން އަންނަ އިރު، ސަލާމަތީ ބާރުތަކަށާއި އާންމުންނަށް އަމާޒުކޮށް ވެސް ހަމަލާތައް ދެމުންދެ އެވެ.
ޕަހަލްގަމްގައި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ އެއްވެސް ޖަމާއަތެއްގެ ނަން އިންޑިއާ އިން ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ ހަމަލާ ދިނީ ކޮން ބައެއް ވެސް ސާފެއް ނުވެ އެވެ. ހަމަލާތައް ދިން ކަމަށް އެންމެ ފުރަތަމަ ރިޕޯޓްކުރި ރެސިސްޓެންސް ފްރަންޓް ނަމަކަށް ކިޔާ ކުޑަކުޑަ ގްރޫޕަކުން ވަނީ އެކަމުގައި ބައިވެރިވި ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފްރަންޓަކީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ލަޝްކަރޭ ތައިބާއާ ގުޅިފައިވާ ޖަމާއަތެކެވެ.
ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ތެރެއިން ތިން މީހެއްގެ ނަން އިންޑިއާ ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެއީ ޕާކިސްތާނުގެ ދެ މީހަކާއި އިންޑިއާ އިން ވެރިކަން ކުރާ ކަޝްމީރު ފަޅީގެ އިންޑިއާ މީހެއް ކަމަށް އެ މީހުން ބުނެ އެވެ. ހަތަރު ވަނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.
ސަލާމަތްވި ގިނަ ބަޔަކު ބުނި ގޮތުގައި ހަތިޔާރު އެޅި މީހުން އަމާޒުކޮށްފައި ވަނީ ހިންދޫ ފިރިހެނުންނަށެވެ.
އެ ހަމަލާއާ ގުޅިގެން އިންޑިއާ އިން ވަނީ ރުޅިގަދަވެފަ އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހަމަބިމަށް ތިރި ކުރާނެ ކަމަށާއި ޝިކާރަކުރާނެ ކަމަށެވެ. އަދި އެ މީހުންނަށް އެ މީހުން ހީވެސް ނުކުރާ ވަރުގެ އަދަބު ދޭނެ ކަމަށެވެ.
އިންޑިއާއިން އަސްކަރީ ހަމަލާއެއް ދޭން އުޅޭ ކަމަށް ޕާކިސްތާނުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ