ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ލަސްކަމަށް މުނައްވަރު ވިދާޅުވެއްޖެ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ލަސްކަމަށް މުނައްވަރު ވިދާޅުވެއްޖެ

މާލޭގެ އުސް އިމާރާތެއްގެ މަތިން އޭޕްރިލް 18، ގައި ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގު ލަސްކަމަށް އެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީގެ ކުރިން ބަންޑާރަ ނައިބުކަން ވެސް ކުރެއްވި މުނައްވަރު ވިދާޅުވީ ފުލުހުން ހިންގާ ތަހުގީގު ލަސް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ހާދިސާ ތަހުގީގު ކުރުމުގައި ލަސް އެބަވޭ. އެ ގަބޫލުކުރަން އެނގޭތޯ. އެކަމަކު މި ކޮމިޝަން އުފައްދައިގެން މީގެ މަސައްކަތް ގެންދަން ޖެހޭ ގޮތާއި، ތިބޭފުޅުން ވެސް ތި ވިދާޅުވީ މިހާރު ކިހިނެއްހޭ ހަދާނީ. ފުލުހުން ވެސް ތަހުގީގު ކުރަނީއޭ، ކަލޭމެން ވެސް ތަހުގީގު ކުރަނީއޭ. މިކަންކަމަށް ހައްލު ގެންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މުނައްވަރު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ކޮމިޝަން އުފެއްދެވިއިރު ފުލުހުން ހިންގަން ޖެހޭ ތަހުގީގު ހިންގާފައިވޭތޯ ނުވަތަ ނޫންތޯ ބަލައި، އެކަން ނުކުރާނަމަ ކޮމިޝަނުން ކުރަން ޖެހޭ ކަންކަންކޮށް ތަހުގީގު ފުރިހަމަ ކުރާނެ ކަމަށެވެ.
"އަޅުގަނޑަށް މައްސަލައަކީ އަޅުގަނޑުމެންނާ ހަވާލުކުރި މެންޑޭޓުގައި އޮތް ގޮތުން، މި އޮތީ ހާދިސާ ހިނގި ސަބަބު އެނގޭތޯ. މާނައަކީ ވެއްޓުނު މީހާ ވެއްޓުނު ގޮތާއި ވެއްޓުނު ސަބަބު އެ އެއްޗެހި ތަހުގީގު ކުރަން ޖެހޭ ފަރާތުން ކޮށްފިތޯ ނުވަތަ ނުކުރޭތޯ. ބަލާފައި ނެތިއްޔާ ދެން އަޅުގަނޑުމެން ޖެހޭނީ ކުރަން" އޭނާ ވިދާޅުވި އެވެ.
އޭގެއިތުރުން އޭނާ ވިދާޅުވީ ކޮމިޝަނުގެ މަސައްކަތް ކުރާނީ ދައުލަތުގެ އެކި މުއައްސަސާތަކުން ކުރާ މަސައްކަތް ޑުޕްލިކޭޓް ނުވާ ގޮތަށް ކަމަށެވެ. ނަމަވެސް އިންސާފު ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްކޮށް އެކަން ކަށަވަރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ކޮމިޝަނުން މިއަދު ފުލުހުންނާއި ބައްދަލުކޮށް ތަހުގީގު ކުރައަށް ގޮސްފައި އޮތް ހިސާބު ބަލައި ހޯދަން ޖެހޭ މައުލޫމާތު ސާފުކުރާނެ ކަމަށެވެ. އެގޮތުން ކުރިއަށްދާނެ ގޮތެއް ދެން އެނގޭނީ ފުލުހުން ބުނާ އެއްޗަކަށް ބަލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުން ކުރާ މަސައްކަތުގައި ފުލުހުންގެ ތެރެއިން އެއްވެސް ބޭފުޅަކު ކޮމިޝަނުގެ މަސައްކަތަށް ހުރަސްއަޅައި، ތަހުގީގަށް އަސަރުކުރާފަދަ ކަމެއް ކުރާނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސްއަށް އަންގާނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަގްސަދަކީ މި ހިނގާ އޭޕްރީލް 18، ގައި ޔުމްނު ވެއްޓިފައި އޮތް ހާދިސާގެ ހަގީގަތް ހޯދުމެވެ. އަދި އެ މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަހުގީގު ހިންގި ގޮތް ބެލުމަކީ ވެސް ރިޔާސީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.
މުނައްވަރުގެ އިތުރުން ރިޔާސީ ކޮމިޝަނުގައި ދެން ހިމެނެނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި މެޑިކަލް ޑޮކްޓަރެއް ކަމަށްވާ މޫސާ މުރާދާއި ކްލްނިކަލް ނަރުހެއް ކަމަށްވާ ޖަބީން މުހައްމަދާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސް ވެރިއެއް ކަމަށްވާ އައިމިނަތު އީނާސް އެވެ.
ޔުމްނުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ގޮތާމެދު އާންމުންގެ ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު މައްސަލައަކީ ފުލުހުން ކިޔައިދީފައިވާ ވާހަކަތައް ދިމާނުވުމެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހުންނާމެދު އާންމު އުސޫލާ ހިލާފަށް ލުއި ގޮތަކަށް އަމަލު ކުރި ކަމަށް ވެސް ފުލުހުންނަށް ތުހުމަތު ކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ