ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ބާއްވާ އެފްއޭއެމް ލީގު ކަޕްގެ ފުރަތަމަ މެޗުގައި، ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރަން ޖެހިއްޖެ އެވެ.
އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެރޭ ފަށާ ލީގު ކަޕްގައި ބައްދަލުކުރަނީ، ފުރަތަމަ ޑިވިޝަންގެ ތިން ޓީމާއި ދެ ވަނަ ޑިވިޝަނުގެ ތިން ޓީމެވެ. ފުރަތަމަ ޑިވިޝަނުން ވާދަކުރަނީ އޮޑި އާއި ޓީސީގެ އިތުރުން އެންމެ ފަހުން ހަތަރު އަހަރު ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. ދެ ވަނަ ޑިވިޝަނުން މި މުބާރާތުގައި ވާދަކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.
މުބާރާތް ފަށާ މެޗުގައި، އާދިއްތަ ދުވަހުގެރޭ ޓީސީ އާއި އޮޑި ބައްދަލުކުރާއިރު، ހޯމަ ދުވަހު ހަވީރު، ނިއު އާއި މާޒިޔާ ބައްދަލުކުރާނެ އެވެ. މިއީ، 2019 ވަނަ އަހަރުގެ ފަހުން، މާޒިޔާ އާއި ނިއުގެ ފުރަތަަމަ ކުރިމަތިލުމެވެ. ނިއު، 2019 ވަނަ އަހަރުގެ ފަހުން، ސަސްޕެންޝަނަކާ ހެދި ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި ފަހުން، އެ ޓީމު، 2022 ވަނަ އަހަރު އެނބުރި އައިސް މިދިޔަ ދެ ސީޒަނުގައި ކުޅެފައިވަނީ ދެ ވަނަ ޑިވިޝަނުގަ އެވެ.
މެއި 4 - 21:00 : ޓީސީ - އޮޑި
މެއި 5 - 16:00 : މާޒިޔާ - ނިއު
މެއި 9 - 16:00 : އޮޑި - މަހިބަދޫ
މެއި 9 - 21:00 : ޓީސީ - މާޒިޔާ
މެއި 13 - 16:00 : ޓީސީ - ނިއު
މެއި 13 - 21:00 : މާޒިޔާ - މަހިބަދޫ
މެއި 17 - 16:00 : ޓީސީ - މަހިބަދޫ
މެއި 17 - 21:00 : އޮޑި - ނިއު
މެއި 21 - 16:00 : އޮޑި - މާޒިޔާ
މެއި 21 - 21:00 : ނިއު - މަހިބަދޫ
ލީގު ބުރުގެ ކުޅުން ނިމުމަށް ފަހު، މެއި 25 ވަަނަ ދުވަހު ގަދަ ހަތަރު ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗުތައް ކުޅޭނެ އެވެ. ފުރަތަމަ ސެމީގައި އެއް ވަަނަ ޓީމު ކުޅޭނީ ހަތަރު ވަނަ ޓީމާ ދެކޮޅަށެވެ. އަދި، ދެ ވަނަ ސެމީގައި ދެ ވަނަ އާއި ތިން ވަނަ ޓީމު ކުޅޭނެ އެވެ. ފައިނަލް މެޗު އޮންނާނީ މެއި 28 ވަނަ ދުވަހުގެރޭގަ އެވެ.
އެފްއޭއެމް ލީގު ކަޕްގެ ހަރަދުތަކަށް، ފީފާ އިން ވަނީ 50،000 ޑޮލަރު (771،000 ރުފިޔާ) ދީފަ އެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ޗެމްޕިއަން ޓީމަށް، 3000،000 ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ. އަދި، ރަނަރަޕަށް 150،000 ރުފިޔާ ދޭއިރު، ފެއާޕްލޭ ޓީމަށް 50،000 ރުފިޔާ ދޭނެ އެވެ.
މީގެ އިތުރުން، މުބާރާތުގެ ގަވާއިދުގައި ހިމަނާފައިވާ ގޮތުން، މި މުބާރާތުގައި ބައިވެރިނުވާ ކްލަބެއްގެ ކުޅުންތެރިއަކަށް މުބާރާތުގައި ބައިވެރިވެފައިވާ ކްލަބަކަށް ކުޅެވޭނީ އެ ކުޅުންތެރިޔަކު ރަޖިސްޓްރީ ކޮށްފައިވާ ކްލަބުގެ ފަރާތުން މިމުބާރާތުގައި ބައިވެރިވިވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ހުއްދަ ލިޔުމުން އެފްއޭއެމް އަށް ހުށަހެޅުމުންނެވެ.
ކޮންމެ ޓީމެއްގައި ވެސް ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ހަތަރު ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނެ އެވެ. އެކަމަކު، ރާއްޖޭގައި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުން އެ ކުޅުންތެރިޔާއަށް އެކުލަބެއްގެ ނަމުގައި ލިބިފައިވާ ހުއްދައިގެ ލިޔުމާއި އެކުޅުންތެރިއާގެ މެޑިކަލް ޗެކްއަޕް ރިޕޯޓް (ޕީސީއެމްއޭ)، ވޯކް ވިސާގެ ކޮޕީ މެޗުކުޅުމުގެ 24 ގަޑިއިރު ކުރިން އެފްއޭއެމް އަށް ހުށައަޅާފައިނުވާނަމަ އެ ކުޅުންތެރިންނަކީ މެޗު ކުޅުމަށް ޝަރުތު ފުރިހަމަވެފައިވާ ކުޅުންތެރިންނެއް ނޫން ކަމަށް ކަނޑައެޅޭނެ އެވެ.
މުބާރާތުގައި ވާދަކުރާ ގިނަ ކްލަބްތަކުގެ އެދުމުގެ މަތިން، ކޮންމެ މެޗެއްގެ ތެރެއިން ހަ ބަދަލު ގެނެވޭ ގޮތަށް ވަނީ ނިންމައިފަ އެވެ. މި ބަދަލުތައް ގެނެވޭނީ މިހާރު ވެސް ގަވާއިދުގައި ބުނާ އުސޫލުގެ ތެރެއިން ތިން ފަހަރެއްގެ މަތިންނެވެ.
މިހާރު ކަނޑައަޅާފައިވާ ތާރީހަށް އެފްއޭއެމް ލީގު ކަޕްގެ ކުޅުން ފެށިއްޖެނަމަ، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބްތައް ހިމެނޭހެން އެފްއޭއެމް އިން މުބާރާތެއް މި ކުރިއަށްގެންދަނީ، 502 ދުވަސް ފަހުންނެވެ. އެންމެ ފަހުން، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ފަހުން، އެފްއޭއެމް އިން ފުރަތަމަ ޑިވިޝަނުގެ މުބާރާތެއް ބާއްވާފައިނުވާއިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެފްއޭއެމް ހިންގަމުން އަންނަނީ ފީފާ އިން އައްޔަނުކޮށްފައިވާ ނޯމަލައިޒިން ކޮމިޓީއެއް މެދުވެރިކޮށެވެ.
އެފްއޭއެމް ލީގު ކަޕް ފަށާނީ ޓީސީ އާއި އޮޑީގެ ކުރިމަތިލުމަކުން އެފްއޭއެމް ލީގު ކަޕް ފަށާނީ ޓީސީ އާއި އޮޑީގެ ކުރިމަތިލުމަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ