މެލޭޝިއާއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގެންފި މެލޭޝިއާއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގެންފި

މެލޭޝިއާއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު އަދި އެމަނިކުފާނާއެކު ދަތުރުގައި ބައިވެރިވި ވަޒީރުންނާއި ވެރިންގެ ވަފުދު އެނބުރި މާލެ ވަޑައިގެންނެވީ މިއަދު ހެދުނު ކަމަށެވެ. ހޯމަ ދުވަހު ރައީސް މެލޭޝިއާއަށް ވަޑައިގެންނެވީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށެވެ.
މި ދަތުރުގެ ތެރެއިން ރައީސް ވަނީ މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފަ އެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކެއް ވެސް ބޭއްވި އެވެ.
ދެ ގައުމުގެ ވެރިންގެ މަޝްވަރާތަކަށް ފަހު އިއްވި ގުޅިފައިވާ ބަޔާނުގައި ރައީސް އިއުލާންކުރެއްވި ގޮތުގައި ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެވުނު ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާ އާއި ޓޫރިޒަމާއި ކުޅިވަރާއި މާލީ ހިދުމަތްތަކާއި ޑިޕްލޮމެޓުން ތަމްރީނުކުރުން ހިމެނެ އެވެ. އަދި ދިފާއި ދާއިރާ އާއި ޑިޖިޓަލް ދާއިރާގައި މެލޭޝިއާގެ އެހީތެރިކަން ހޯދަން އެމްއޯޔޫތަކެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.
މީގެ އިތުރުން، ރައީސް އަދި ވަޒީރުންގެ ވަފުދުން ވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފަ އެވެ. މެލޭޝިއާ އަކީ އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ އެއް ގައުމެވެ.
މި ދަތުރުގެ ތެރެއިން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާއިން ވަނީ ރައީސް މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓުކަން އަރުވާފަ އެވެ.
އެ ޔުނިވާސިޓީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ރައީސްއަށް އަރުވާފައި ވަނީ އޮނަރަރީ ޑިގްރީ އޮފް ޑޮކްޓާ އިން ފިލޯސޮފީ އިން އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމެންޓް އެވެ. އެ ޑިގްރީ ރައީސް މުއިއްޒުއަށް އެރުވީ އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް، ތުންކޫ އަޒީޒާ އާމިނާ މައިމޫނާ އިސްކަންދަރިއްޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ