ފިރިމީހާ ކައިވެނި ރުޖޫޢަކޮށްފިނަމަ އަނބިމީހާއަށް އެކަމަށް އިންކާރުކުރެވިދާނެތަ؟ މިފަދަ ސުވާލުތަކަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ
ރަޖްޢީ ވަރިއަކުން ވަރިކޮށްފައިވާ އަންހެނާ ރުޖޫޢަ ކުރުމަކީ ފިރިމީހާ އަށް ލިބިގެންވާ ބާރެކެވެ. އެކަމުގައި އަނބިމީހާގެ ރުހުން އޮތުން ލާޒިމެއް ނޫނެވެ. ސޫރަތުލް ބަގަރާގެ 228 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَاثَةَ قُرُوءٍ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ اللَّـهُ فِي أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِاللَّـهِ وَالْيَوْمِ الْآخِرِ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ إِنْ أَرَادُوا إِصْلَاحًا وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ وَاللَّـهُ عَزِيزٌ حَكِيمٌ )
މާނައަކީ: " އަދި، ވަރިކޮށްފައިވާ އަންހެނުން، އެކަނބަލުންގެ އަމިއްލަ نفس ތަކާއިގެން ތިން قُرء ވަންދެން انتظار ކުރާހުށިކަމެވެ! (قُرء އަކީ، حيض ނުވަތަ طُهر އެވެ.) އަދި، އެކަނބަލުން، اللَّه އަށާއި، آخرة ދުވަހަށް، إيمان ވާ ކަމުގައިވާނަމަ، އެކަނބަލުންގެ رَحِم ތަކުގައި اللَّه އުފައްދަވާފައިވާ އެއްޗެއް (އެބަހީ: حيض ވުމާއި ބަލިވެއިނުންފަދަ ކަންތައް) ވަންހަނާކުރުން އެކަނބަލުންނަށް ހުއްދައެއް ނުވާނެތެވެ. އަދި، އެއުރެން إصلاح ކުރުމަށް އެދޭނަމަ، عدّة ގެ ދުވަސްވަރުގައި އެކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރީންނަށް حق ވެގެން ވެއެވެ. އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ."
މި އާޔަތުގައި މިވަނީ ރުޖޫޢަ ކުރުމުގެ ޝަރްޠުތައް ބަޔާން ކުރައްވާފައެވެ. އެއީ:
1. ރުޖޫޢަ ކުރެވޭނީ ވަރީގައެވެ. ކައިވެނި ފަސްޚު ވެފައިވާނަމަ ރުޖޫޢަ ކުރުމެއް ނެތެވެ. ﷲ ވަޙީ ކުރައްވަނީ (وَالْمُطَلَّقَاتُ) މާނައަކީ: "ވަރިކޮށްފައިވާ އަންހެނާ" އެވެ.
2. ވަރިއަކީ ރަޖްޢީ ވަރި އެއް ކަމުގައިވުން: ރަޖްޢީ ވަރި އަކަށް ވާނީ ފުރަތަމަ ފަހަރާއި ދެވަނަ ފަހަރަށް ކުރެވޭ ވަރި އެވެ. ތިން ވަނަ ފަހަރަށް ވަރިކޮށްފިނަމަ ރުޖޫޢަ ކުރުމެއް ނެތެވެ.
3. ޢިއްދާގެ މުއްދަތުގެ ތެރޭގައި ކަމުގައިވުން:
ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ.
(وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ إِنْ أَرَادُوا إِصْلَاحًا)
މާނައަކީ: "އަދި، އެއުރެން އިޞްލާޙް ކުރުމަށް އެދޭނަމަ، ޢިއްދައިގެ ދުވަސްވަރުގައި އެކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރީންނަށް ޙައްޤު ވެގެން ވެއެވެ." ޢިއްދާ ހަމަވުމަށް ފަހު ރުޖޫޢަ ކުރުމެއް ނެތެވެ. ދެން ޖެހޭނީ އަލުން ރަން ކިޔައިގެން ޢާ ޢަގްދަކުން ޢަގްދު ކުރާށެވެ.
4. ރުޖޫޢަ ކުރުމުގެ ބޭނުމަކީ އަނބިމީހާ އަށް އަނިޔާވެރިވުން ކަމުގައި ނުވުން. އަދިކިއެއްތަ، ރުޖޫޢަ ކުރަނީ އިޞްލާޙު ވުމުގެ ބޭނުމުގައި ކަމުގައި ވުން. މާތް ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (إِنْ أَرَادُوا إِصْلَاحًا) މާނައަކީ: " އެއުރެން އިޞްލާޙް ކުރުމަށް އެދޭނަމަ" އެވެ. ރުޖޫޢަ ކުރުމުގެ ބޭނުމަކީ އަނބިމީހާއަށް އަނިޔާވެރިވުން ކަމަށް ވަނީނަމަ އެވާހަކަ ގާޟީގެ ގާތުގައި ބުނުމުގެ ޙައްގު އަނބިމީހާ އަށް ލިބިގެން ވެއެވެ.
އިސްވެ ބަޔާން ކުރެވުނު އާޔަތުން ޞަރީޙަކޮށް އިނގެނީ ފިރިމީހާ ރުޖޫޢަ ކުރަން ބޭނުންވެއްޖެނަމަ، އެކަމުގައި އަނބިމީހާގެ ރުހުން ބޭނުން ނުވާ ކަމެވެ. އަދި ރުޖޫޢަ ވުމުން މަނާވެގަތުމަކީ އަނބިމީހާ އަށް ލިބިގެންވާ ޙައްގެއް ނޫނެވެ. ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ إِنْ أَرَادُوا إِصْلَاحًا ) މާނައަކީ: " އަދި، އެއުރެން އިޞްލާޙްކުރުމަށް އެދޭނަމަ، ޢިއްދައިގެ ދުވަސްވަރުގައި އެކަނބަލުން ކައިވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރީންނަށް ޙައްޤުވެގެން ވެއެވެ." ވީމާ، ފިރިމީހާ ރުޖޫޢަ ކޮށްފިނަމަ، އަނބިމީޙާ އެކަން ގަބޫލު ނުކޮށް ގެއަށް ދިޔަނަމަވެސް އެވަނީ ރުޖޫޢަ ވެފައެވެ. والله أعلم
އިތުރު ސުވާލެއް:
ޖިންސީ އެދުން ވެރިކަން ބަލިކަށި ބައެއްމީހުން އެއްދާން ކުރުމުގައި އެކަމުން ސަލާމަތް ވުމަށްޓަކާ އެކަމަށް ޚާއްޞަ ބޭހެއް ބޭނުން ކުރުން އެއީ ކޮންކަހަލަ ކަމެއްތޯ؟ އަދި ދީނީ ގޮތުން މިފަދަ މީހުންނަށް އެކަމަށް އޮތް ފަރުވާ އަކީ ކޮބައިތޯ؟
އެފަދަ ބޭހެއްގެ ސަބަބުން އިތުރު ގެއްލުން ތަކެއް ނުވާނެ ނަމަ މައްސަލަ އެއް ނެތެވެ. މިފަދަ ކަންތަކުން ސަލާމަތް ވުމަށްޓަކައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވާފައިވަނީ އެއްދާން ކުރުމުގެ ކުރިން ވުޟޫ ކުރުމަށެވެ. އަދި ދެމަފިރިން ލޯބި ކުރުމަށްފަހުގައި މެނުވީ ޖިމާޢު ވުމާއި ހަމައަށް ނުދިޔުމަށެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ފިރިމީހާ ކައިވެނި ރުޖޫޢަ ކޮށްފިނަމަ، އަނބިމީހާއަށް އޮތީ އެކަން ބަލައިގަތުން! ރުޖޫޢަ ކުރުމަކީ ފިރިމީހާއަށް ލިބިގެންވާ ބާރެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ