'ކަލްކީ'ގެ ސީކުއަލްއިން ދިޕިކާ ވަތްކެއްނުކުރޭ

ފިލްމީ ދާއިރާގައި މަސައްކަތްކުރާ ވަގުތު ކުޑަ ކުރުމަށް އިންޑިއާގެ ފިލްމީ ތަރި ދީޕިކާ ޕަދުކޯން ކުރި ޑިމާންޑުތަކާ ގުޅިގެން އިތުރު ފިލްމެއް ބަތަލާއަށް ގެއްލިފައިވާ ކަމަށް ބުނެ ފެތުރި ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއް ރިޕޯޓުތައް ބުނެފިއެވެ. ސައުތު ސިނަމާގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕިރިޓް"އިން ބަތަލާ ދީޕިކާ ޕަދުކޯން ދޫކޮށްލީ ފިލްމަށް ކުރި ޑިމާންޑުތަކުގެ ތެރޭ މަސައްކަތުގެ ވަގުތު އަށް ގަޑިއިރަށް މަދުކޮށް ދިނުމަށް ހުށަހެޅުމުގެ އިތުރުން ފިލްމަށް ކީ އަގު އިންތިހާއަށް ބޮޑުވުމާ ގުޅިގެންނެވެ. ދީޕިކާގެ ފަރާތުން ހުށަހެޅި މި ކަންކަމާ ގުޅިގެން ޑައިރެކްޓަރު ސަންދީޕާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ދެ ފަރާތުން އެއްބަސްވެވުމަކަށް ނާދެވި ދީޕިކާއަށް ޖެހުނީ ފިލްމު ދޫކޮށްލާށެވެ. މި މައްސަލަ ވަރަށް ބޮޑު ބަހުސަކަށްވެ ބައެއް ފަރާތްތަކުން ބުނެފައިވަނީ ދީޕިކާ މުހިއްމު ރޯލެއް ކުޅުނު ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ"ގެ ސީކުއަލްއިން ވެސް ބަތަލާ ވަކިކޮށްފައިވާ ކަމަށެވެ. ފިލްމު "ކަލްކީ"ގެ ކާސްޓުންގެތެރޭ ހިމެނޭ ސައުތު ސިނަމާގެ އެކްޓަރުން ކަމަށްވާ ޕްރަބާސް، ކަމަލް ހަސަން އަދި އިންޑިއާގެ މެގަ ސްޓާ އަމީތާބް ބައްޗަން ބަތަލާ ދީޕިކާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ ނަމަވެސް، ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުގައި މިއީ މުޅިން ދޮގު ޚަބަރެކެވެ. ފިލްމު "ކަލްކީ"ގެ ޕްރޮޑަކްޝަން ޓީމުގެ ފަރާތުން ބޮލީވުޑްހަންގާމާއަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ، ދީޕިކާއަކީ "ކަލްކީ"ގެ ފުރަތަމަ ބައިގައި ގެނެސްދިން ވާހަކައިގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކަމަށެވެ. އެ ފިލްމުގެ ވާހަކައިގެ ފުރަތަމަ ފެށުމަކީ ވެސް ދީޕިކާ ކަމަށާއި ފިލްމުގައި ކިޔައިނުދެވި ބޮޑު ބައެއް އޮތްއިރު ދީޕިކާއާނުލާ އެ ފިލްމު ފުރިހަމަވާނެ އެއްގޮތެއް ވެސް ނޯންނާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. ހަމައެއާއެކު އަދި މަސައްކަތް ވެސް ނުފަށާ ފިލްމަކުން ދީޕިކާ ވަކިވިކަމަށް ބައެއް މީޑިއާތަކުން ޚަބަރުތައް ފަތުރަމުން އަންނައިރު "ކަލްކީ"ގެ ދެވަނަ ބައެއްގެ މަސައްކަތް ފަށަން ވެސް އަހަރެއްހާ ދުވަސް އަދި ނަގާނެ ކަމަށް މި މީހާ ވަނީ ބުނެފައެވެ. ފިލްމު "ކަލްކީ"ގައި ދީޕިކާއާ އެކު އެކްޓަރު ޕްރަބާސް މުހިއްމު ރޯލްއިން ފެނުނުއިރު ބަތަލާ ދޫކޮށްލި ޑައިރެކްޓަރު ސަންދީޕް ރެޑީގެ ފިލްމުގެ ލީޑް އެކްޓަރަކީ ވެސް ޕްރަބާސްއެވެ. ސަންދީޕްގެ ފިލްމު ދޫކޮށްލިއިރު މީގެ އެއް ދުވަސް ކުރިން ދީޕިކާ ވަނީ ތަމަޅަ ޑައިރެކްޓަރު އެޓުލީ އުފައްދާ ސައިންސް ފިކްޝަން ފިލްމަކަށް ސޮއިކުރިކަން އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ