އެމްޑީއާރްއޯ ޖަރާސީމު ފެނުނީ އަލަށް ވިހޭ ފަސް ކުއްޖެއްގެ ގައިން؛ ބައެއް ކުދިން އިތުރު ފަރުވާއަށް ބޭރަށް ފޮނުވަނީ

ނުރައްކާތެރި ޖަރާސީމެއް ކަމަށްވާ، މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ފެނުނީ އަލަށް ވިހޭ ފަސް ކުއްޖެއްގެ ގައިން ކަމަށާއި، އޭގެ ތެރެއިން ބައެއް ކުދިން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އައިޖީއެމްއެޗްގެ އަލަށް އުފަންވާ ކުދިންގެ އަވަސް ފަރުވާދޭ ޔުނިޓު، އެންއައިސީޔޫގެ ތެރެއިން މި ޖަރާސީމު ފެނިފައިވާކަން އެ ހޮސްޕިޓަލުން ހާމަކުރީ އިއްޔެ އެވެ. އެގޮތުން އައިޖީއެމްއެޗުން ބުނިގޮތުގައި:
ހާލު ދެރަ ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި ބައެއް ފަހަރު މި ފަދަ ޖަރާސީމުތައް އުފަންވޭ 
މި ޖަރާސީމު އާއްމު އެންޓިބަޔޮޓިކަށް ނުގުޑާތީ، ނުރައްކާތެރި އިންފެކްޝަނަަކަށް މަގު ފަހިވޭ
ބުނީ ކީކޭ؟ - އެކަމާ ގުޅޭ އިތުރު މައުލޫމާތާ އެކު އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޖަރާސީމު ފުރަތަމަ ފެނުނީ 27 މާޗުގައި ދުވަސްނުފުރާ ވިހޭ ކުއްޖެއްގެ ގައިން ކަމަށެވެ. ބަނޑަށް 28 ވަނަ ހަފްތާގައި ވިހޭ އެ ކުއްޖާ އެންއައިސީޔޫގައި އެޑްމިޓުކުރެވި، އެކުއްޖާގެ ހަށިގަނޑުން ނެގި ސާމްޕަލުން އެ ޖަރާސީމު ފެނުމާ އެކު ކުއްޖާ އެކަހެރިކޮށް، ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށާއި، އިންފެކްޝަން ކޮންޓްރޯލުކުރަން އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށް، ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލުން ބުންޏެވެ.
މި ކޭސްއަށް ފަހު އެންއައިސީޔޫ ތެރެއިން އިތުރަށް ނެގި ސާމްޕަލްތަކުން އަލަށް ވިހޭ އިތުރު ހަތަރު ކުއްޖެއްގެ ގައިން ވެސް އެ ޖަރާސީމު ފެނިފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. މި ހުރިހާ ކުދިންނަަށް ވެސް އޭރު ފަރުވާދެމުން އައީ، ހޮސްޕިޓަލުން ބުނިގޮތުގައި، ވެންޓިލޭޓަރުގަ އެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި:
އަވަސްކަމާ އެކު އެޅި ފިޔަވަޅުތަކުގެ ސަބަބުން އިންފެކްޝަން އިތުރަށް ފެތުރުން ހުއްޓުވުނު
މިިދިޔަ މަހުގެ 15ގެ ފަހުން އިތުރު ކޭސްއެއް ފެނިފައެއް ނުވޭ
27 މާޗުން ފެށިގެން ޖުމްލަ 84 ކުދިންނަށް އެންއައިސީޔޫގައި ފަރުވާ ދިން. މިވަގުތު ފަރުވާދެމުންދަނީ 10 ކުދިންނަށް
އެންއައިސީޔޫގައި ތިބި މި ކުދިންގެ ތެރެއިން ޖަރާސީމަށް ޕޮޒިޓިވް ވެފައިވަނީ ފަސް ކުދިން
"މި ފަސް ކުދިންގެ ފަރުވާގެ ކަންކަން ކުރިޔަށް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެކަހެރިކުރެވިގެން. މި ކުދިންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރިޔަށްދާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުންޏެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި މި ފަސް ކުދިންނަށް އެންޓިބަޔޮޓިކް ފަރުވާދީފައިވަނީ ކޮންމެ ކުއްޖެއްގެ ހާލަތަށް ބަލައިގެންނެވެ. އެންއައިސީޔޫގެ މާހައުލުގައި ޖަރާސީމެއް އުފަންވެދާނެ ސަބަބުތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ޓެސްޓުތައް ހަދާފައިވާ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ