ޒުވާނުންގެ އެއްވުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ރޫޅާލުން އާޒިމް ކުށްވެރިކޮށްފި ޒުވާނުންގެ އެއްވުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ރޫޅާލުން އާޒިމް ކުށްވެރިކޮށްފި

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލާ ޒުވާނުން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ރޫޅައިލުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކުށްވެރި ކުރައްވައިފި އެވެ.
މަޖީދީ މަގުގައި ކުރަމުންދިޔަ މުޒާހަރާގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައި، މުޒާހަރާގެ ބައިވެރިން ބޭނުންކުރަމުންދިޔަ ސްޕީކަރުތައް ރޭ ވަނީ އަތުލާފަ އެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ދެ ޒުވާނުން ވަނީ ހައްޔަރުކޮށް ބަންދުކޮށްފަ އެވެ.
"ހިޔާލު ފާޅުކުރުމާ މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީ އިން ލިބިދީފައިވާ ހައްގެއް. ދިވެހި ޒުވާނުންގެ އެއްވުމުގެ ތެރެއަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުން ކުށްވެރިކުރަން،" އާޒިމް އެކްސްގައި ލިޔުއްވި އެވެ.
އޭގެ އިތުރުން، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން ވެސް އާޒިމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެކަން ސިއްރު ކުރަން އުޅެފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަމަށް ގޮވާލުމަކީ ކުށެއްނޫން. މިކަން ހިނގާދިޔަ ގޮތް ސިއްރުކުރަން އުޅުނުކަން ފުލުހުންގެ ކޮންފަރެންސުން އެނގި ހާމަވެގެންދިޔަ. ސިއްރުކުރަން ފުރުސަތު ދީފިއްޔާ މާދަން އަނިޔާއެއްގެ ޝިކާރައަކަށްވާނީ ކާކުބާ؟ އަނިޔާވެރިކަމާ އަބަދުވެސް އަޅުގަނޑު ދެކޮޅު،" އޭނާ ލިޔުއްވި އެވެ.
އަނިޔާވެރި ގޮތަކަށް ފުރާޅެއްގެ މައްޗަށް ކުއްޖަކު ދޫކޮށްލާަފަ އޮތުމުން އެކަން ހިނގިގޮތް ޝައްކެއް ނެތް މިންވަރަށް ހާމަކޮށްދޭން ގޮވާލުމަކީ ކޮންމެ ރައްޔިތަކު ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ނިމިގެންދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ފަންގިފިލާއިން، އެގެއާ އިންވެގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގައި މީހަކު ހައްޔަރުކޮށް، ތަހުގީގަށް ފޯނުތައް އަތުލައި، މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވުނު ތަންތަން ބަލައި ފާސްކުރީ ޒުވާނުން މަގު މައްޗަށް ނުކުމެ މުޒާހަރާ ކުރަން ފެށުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ