މުޒާހަރާ ކުރެވެންޖެހޭނެ ކަމަށް ބުނި ނަމަވެސް ޒުވާނުންގެ ސުލްހަވެރި އެއްވުން ރޫޅާލުން އެޗްއާރްސީއެމް އިން ކުށްވެރިއެއް ނުކުރި މުޒާހަރާ ކުރެވެންޖެހޭނެ ކަމަށް ބުނި ނަމަވެސް ޒުވާނުންގެ ސުލްހަވެރި އެއްވުން ރޫޅާލުން އެޗްއާރްސީއެމް އިން ކުށްވެރިއެއް ނުކުރި

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ދޭންޖެހޭނެ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މިރޭ ބަޔާނެއް ނެރުމަށްފަހު، ރޭ ޒުވާނުން ކުރި ސުލްހަވެރި މުޒާހަރާ ރޫޅާލުމާމެދު އެ ބަޔާނުގައި އެއްޗެއް ބުނަން ދެކޮޅު ހަދައިފި އެވެ.
އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ރޭ ކުރި މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލީ ކުރިން އިންޒާރު ދިނުމަކާ ނުލަ އެވެ. ފުލުހުން ވަނީ ރޭގައި އެ މުޒާހަރާ ލީޑު ކުރާ ޒުވާނުންގެ ތެރެއިން ދެ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.
އެ މައްސަލައިގައި އެޗްއާރްސީއެމް އިން ކޮމެންޓެއް ކުރަން ދެކޮޅު ހަދާ ވާހަކަ މި ނޫހުން ގެނެސްދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީގައިވާ ގޮތަށް މުޒާހަރާ ކުރެވެންޖެހޭނެ ކަމަށެވެ.
"ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގާ އެއްގޮތްވާ ގޮތުގެ މަތިން ސުލްހަވެރި އެއްވުންތަކާއި އެފަދަ އެއްވުންތަކުގައި ގިނަ ޒުވާނުންތަކެއް ބައިވެރިވެ އުޅުމަކީ މި ކޮމިޝަނުން ބަލައިގަންނަ ކަމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް ރޭ ފުލުހުން ކަންތައް ކުރި ގޮތާމެދު ސީދާ އެޗްއާރްސީއެމް އިން އެއްޗެއް ނުބުނެ އެވެ. ހަމައެކަނި ބުނީ މުޒާހަރާ ރޫޅާލާއިރު ގާނޫނީ އިމުގެ ތެރެއިން އަމަލު ކުރަން ފުލުހުންނަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މުޒާހަރާ ރޫޅާލުމުގައި ސުލްހަވެރިކަން އިސް ކުރަން ވެސް ކޮމިޝަނުން ގޮވާލި އެވެ.
ކޮމިޝަނުގެ ބަޔާނުގައި ވަނީ ނުސީދާކޮށް ޒުވާނުންގެ މުޒާހަރާއަށް ފާޑުކިޔައިފަ އެވެ. އެގޮތުން، އެއްވާއިރު ދަރިވަރުންގެ އިމްތިހާނުތަކަށް ވިސްނުމަށާއި ހިނގާ މީހުންނަށް އުނދަގޫ ނުކުރުމަށާއި ވެހިކަލްތަކަށް އުނދަގޫނުވާނެ ގޮތަކަށް އަމަލު ކުރަން ވެސް އެ ކޮމިޝަނުން ގޮވާލި އެވެ. ކޮމިޝަނުން އެހެން ބުނި ނަމަވެސް ޒުވާނުން މުޒާހަރާ ކުރަމުންދިޔައީ ވެހިކަލްތަކަށް ޖާގަ ދީގެން، ހިނގާ މީހުންނަށް ވެސް އުނދަގޫނުވާނެ ގޮތަށެވެ.
މުޒާހަރާއިން ރޭ ހައްޔަރު ކުރީ އައިޝަތު ޝިމަން އަހުމަދު، 19، އާއި އަހުމަދު މަހްޒޫމް މާޖިދު، 28، އެވެ. އެ ދެ މީހުންގެ ބަންދަށް މިއަދު ވަނީ ކޯޓުން ތިން ދުވަސް ޖަހައިފަ އެވެ. އެކަމަކު ބަންދުގެ މުއްދަތު އިތުރު ކުރީ ހަމައެކަނި ފުލުހުން ދީފައިވާ ބަޔާންތަކަކަށް އެކަނި ބެލުމަށްފަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ