ލީގު ކަޕްގައި އުފަން ރަށް މަހިބަދޫ އަށް ކުޅެން ބިޗަޑަށް ފުރުސަތު ދީފި ލީގު ކަޕްގައި އުފަން ރަށް މަހިބަދޫ އަށް ކުޅެން ބިޗަޑަށް ފުރުސަތު ދީފި

ކުރިއަށް އޮތް އެފްއޭއެމް ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި އުފަން ރަށުގެ ޓީމު، މަހިބަދޫ ސްޕޯޓްސް ކްލަބަށް ކުޅުމުގެ ފުރުސަތު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަށް ދޭން އޭނާގެ ކޮންޓްރެކްޓް އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބުން ނިންމައިފި އެވެ..
މާދަމާރޭ ފަށާ ލީގު ކަޕްގައި ބައްދަލުކުރަނީ، ފުރަތަމަ ޑިވިޝަންގެ ތިން ޓީމާއި ދެ ވަނަ ޑިވިޝަނުގެ ތިން ޓީމެވެ. ފުރަތަމަ ޑިވިޝަނުން ވާދަކުރަނީ އޮޑި ސްޕޯޓްސް ކްލަބް އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން އެންމެ ފަހުން ހަތަރު އަހަރު ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. ދެ ވަނަ ޑިވިޝަނުން މި މުބާރާތުގައި ވާދަކުރަނީ މަހިބަދޫ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ.
ދެ ވަނަ ޑިވިޝަނުގައި އޮތް މަހިބަދޫ އާއި ނިއު އަށް ފުރުސަތު ދޭން އެފްއޭއެމް އިން ނިންމީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއް މި މުބާރާތުގައި ނުކުޅެން ނިންމުމުންނެވެ. މި އަހަރު ފުރަތަމަ ޑިވިޝަނުގައި އަލުން ވާދަކުރަން ތައްޔާރުވި ވިކްޓަރީން ލީގު ކަޕްގައި ކުޅެން އެފްއޭއެމަށް ސިޓީ ފޮނުވީ މާލީ އެހީތެރިކަމެއް ފޯރުކޮށްދޭނަމަ މުބާރާތުގައި ކުޅެވޭނެ ކަމަށް ބުނެ އެވެ.
އެކަމަކު، އެ އަށް ހައްލެއް ހޯދޭ ގޮތްނުވެ، ވިކްޓަރީން ލީގު ކަޕްގައި ނުކުޅޭއިރު، އެ ކްލަބުން ވަނީ، ބިޗަޑް، މަހިބަދޫ އަށް ކުޅެން ރިލީސް ދީފައިވާ ކަމަށް ބުނެފަ އެވެ.
މުބާރާތުގެ ގަވާއިދުގައި ހިމަނާފައިވާ ގޮތުން، މި މުބާރާތުގައި ބައިވެރިނުވާ ކްލަބެއްގެ ކުޅުންތެރިއަކަށް މުބާރާތުގައި ބައިވެރިވެފައިވާ ކްލަބަކަށް ކުޅެވޭނީ އެ ކުޅުންތެރިޔަކު ރަޖިސްޓްރީ ކޮށްފައިވާ ކްލަބުގެ ފަރާތުން މިމުބާރާތުގައި ބައިވެރިވިވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ހުއްދަ ލިޔުމުން އެފްއޭއެމް އަށް ހުށަހެޅުމުންނެވެ.
ބިޗަޑް އެންމެ ފަހުން، ފުރަތަމަ ޑިވިޝަނުގައި ކުޅުނީ ވެލެންސިއާ އަށެވެ. ވެލެންސިއާއެެކު ބިޗަޑް ވަނީ 2021 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އުފަން ރަށް، މަހިބަދޫ ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަނުގައި، 2014 ވަނަ އަހަރު ކުޅުނުއިރު ވެސް ތަފާތު ދެއްކި ބިޗަޑް ފަހުން ވަނީ ނިއުގެ ނޫ ޖޯޒީގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ލީގު ކަޕްގައި މަހިބަދޫގެ ފުރަތަމަ މެޗުގައި މި މަހު ނުވަ ވަނަ ދުވަހު ކުޅޭނީ އޮޑި ސްޕޯޓްސް ކްލަބާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ