މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދޭން ގޮވާލައި ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާއިން ހައްޔަރުކުރި އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދު ފުލުހުންގެ ބަންދުން ދޫކޮށްލުމާއެކު މުޒާހަރައާ ގުޅިއްޖެ އެވެ.
މިރޭ ޒުވާނުން މުޒާހަރާ ކުރަނީ ކާނިވާ ސަރަހައްދުގަ އެވެ. މި ހަރަކާތް ލީޑުކުރުމުގައި އުޅޭ މި ދެ ޒުވާނުން އައުމާއެކު އެތަނަށް އެއްވެ ތިބި ޒުވާނުން ވަނީ މަރުހަބާ ކިޔާފަ އެވެ. މިއީ ޒުވާނުން މުޒާހަރާ ކުރަމުންދާތާ 11 ވަނަ ރެޔެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުރި ޒުވާނުންގެ މުޒާހަރާއިން ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެވެ. އަދި ފުލުހަކަށް މަހްޒޫމަށް ހަމަލާދޭން މަސައްކަތްކުރި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.
ޝިމަން، 19، އާއި މަހްޒޫމް، 28، ގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި ބަންދު މަޖިލީހުގައި ފުލުހުންގެ ބަޔާނަށް އެކި ރިޔާޔަތްކޮށް އެ ދެ މީހުން ތިން ދުވަހަށް ބަންދުކުރަން ނިންމި އެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުގެ ކުރިން އެ ދެ މީހުން ދޫކޮށްލީ ބަޔާން ނެގުމަށްފަހު އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް 10 ޑިމާންޑެއް ކޮށްފަ އެވެ. އޭގެތެރޭގައި ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އިސްތިއުފާ ދިނުމަށް ގޮވައިލުން ހިމެނެ އެވެ.
ޒުވާނުން ކުރި ޑިމާންޑުތަކުގެ ތެރެއިން މިހައިތަނަށް ފުއްދާފައި ވަނީ ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއު އިސްތިއުފާ ދިނުމާއި ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދުމެވެ.
ޔުމްނު ވެއްޓުނުއިރު އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޒުވާނުން މުޒާހަރާ ކުރަން ފެށި ފަހުން، ހާދިސާ ހިނގިތާ ހަ ދުވަސް ވެސް ފާއިތުވި ފަހުންނެވެ.
ބަންދުން ދޫކޮށްލުމާއެކު ޝިމަން އާއި މަހްޒޫމް މުޒާހަރާއަށް ބަންދުން ދޫކޮށްލުމާއެކު ޝިމަން އާއި މަހްޒޫމް މުޒާހަރާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ