އާއިލާގެ ތެރެއިން ކޮއްކޮއާ 'ބެހުމުން' ދެކޮޅަށް ނުކުތީ ބޮޑުބޭބެ

އަމިއްލަ އާއިލާގެ ތެރެއިން ކޮއްކޮއަށް ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެ ކުޑަކުއްޖެއްގެ ދިފާއުގައި އޭނާގެ ބޮޑުބޭބެ އިއްޔެ ނުކުމެއްޖެ އެވެ.
ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި ވާހަކަ ފަށަމުން އެ ޒުވާނާ ބުނީ އެއީ ދައްކަން ވަރަށް އުނދަގޫ ވާހަކައެއް ކަމަށެވެ. އެކަމަކު ފާޅުގައި އެ ވާހަކަ ދައްކައި އެކަމާ ދެކޮޅަށް ނުކުންނަން ނިންމީ، އޭނާ ބުނި ގޮތުގައި، އާއިލާގެ ތެރެއިން އަންހެން ކޮއްކޮއަށް ލިބުނު އަނިޔާ ހަމަ އާއިލާއިން ދިފާއު ކުރާތީ އެވެ.
ތަފްސީލް - "ކޮއްކޮއަށް ޖިންސީ ގޯނާ ކުރީ އާއިލާގެ ތެރެއިން ދެ ފިރިހެނުން. އެއީ އެ ކުއްޖާގެ ދޮންބައްޕަ އާއި އަހަރެންގެ ދައްތަގެ ފިރިމީހާ،" އަނިޔާ ލިބުނު އުމުރުން 17 އަހަރުގެ ކުޑަކުއްޖާގެ ބޮޑުބޭބެ ލިޔުނެވެ.
އޭނާ ބުނި ގޮތުގައި، ކުޑަކުއްޖާއަށް ޖިންސީ އަނިޔާ ލިބުނު ނަމަވެސް، އެކަން އެ ކުއްޖާގެ މަންމަ އަދި ޖެންޑާ މިނިސްޓްރީގައި އުޅޭ އޭނާގެ ދައްތަ ވެސް ގަބޫލެއް ނުކުރެ އެވެ. ބަދަލުގައި އެ މީހުން ދިޔައީ ދެ ފިރިހެނުން ދިފާއު ކުރަމުން ކަމަށް އޭނާ ބުންޏެވެ.
ކޮއްކޮއަށް އިންސާފު ހޯދައިދިނުމުގެ ބޭނުމުގައި މި މައްސަލަ ފުލުހަށް ހުށަހެޅީ އެ ޒުވާނާ އެވެ. އޭނާ މިހާރު ދަނީ ޖެންޑާ މިނިސްޓްރީގައި އުޅޭ ދައްތަ ވަޒީފާއިން ވަކިކުރުމަށް ގޮވާލައި ޕެޓިޝަނެއް ވެސް ތައްޔާރުކުރަމުންނެވެ.
"މިއީ އަހަރެންގެ އާއިލާ. އެކަމަކު މިއީ ލެޔަށް ވުރެ ބޮޑު ހަނގުރާމައެއް. މިއީ އަނިޔާ ލިބެމުންދިޔަ ކުއްޖަކަށް ރައްކާތެރިކަން ހޯދައިދީ، އަނިޔާ ދޭ މީހުންނާއި ހިތްވަރު ދޭ މީހުންނަށް ފިޔަވަޅު އެޅުމަށް ކުރާ ކަމެއް،" އޭނާ ބުންޏެވެ.
ފުލުހުންގެ ބަސް - ފުލުސް އޮފީހުން އިއްޔެ ބުނީ އުތުރުގެ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ތިބި ބަޔަކު އުމުރުން 17 އަަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.  މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހުށަހެޅި އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެކަމަކު ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ