އިންޑިއާގެ އަސްކަރީ ހެލިކަޕްޓަރު އުދުއްސަމުން ދަނީ ކުރީގެ އެއްބަސްވުމުގެ ދަށުން: ގައްސާން އިންޑިއާގެ އަސްކަރީ ހެލިކަޕްޓަރު އުދުއްސަމުން ދަނީ ކުރީގެ އެއްބަސްވުމުގެ ދަށުން: ގައްސާން

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮންނަ ހެލިކަޕްޓަރު މިހާރު ވެސް އުދުއްސަމުން ދަނީ 2010 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކަމަށް ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
އަސްކަރީ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަނުކުރާ މައްސަލައިގައި މަޖިލީހަށް މިއަދު ހާޒިރުކޮށް މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ގައްސާން ވިދާޅުވީ އިންޑިއާގެ ހެލިކަޕްޓަރު ރާއްޖޭގައި އުދުއްސަމުން މިހާރު ވެސް ދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަމަށެވެ.
"ތިޔަ އިޝާރާތް ކުރެއްވި އެއްބަސްވުމުގައި ސޮއި ކުރެވިފައި ވަނީ މެއި 4، 2010 ގައި،" އިންޑިއާގެ ހެލިކަޕްޓަރު އުދުއްސަމުން ދަނީ ކޮން އެއްބަސްވުމެއްގެ ދަށުންތޯ މަރަދޫ ދާއިރާ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލުގެ ޖަވާބުގައި ގައްސާން ވިދާޅުވި އެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ އަސްކަރީ ތިން އުޅަނދެއް ރާއްޖޭގައި އުދުއްސަމުންދެ އެވެ. އެއީ ދެ ޑޯނިއާ މަތިންދާ ބޯޓާއި ހެލިކަޕްޓަރެކެވެ. މީގެ ކުރިން އެ އުޅަނދުތައް ދުއްވުމަށް ރާއްޖޭގައި ގާއިމުވެ ތިބީ ވެސް އިންޑިއާގެ ސިފައިންނެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އެ އުޅަނދުތައް ދުއްވުމަށް ވަނީ މަދަނީން ގެނެސްފަ އެވެ.
އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ފޮނުވައިލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދާފައިވާ ކަމަށް ސަރުކާރުން ބުނަމުންދާއިރު، އަސްކަރީ އުޅަނދުތައް އަދިވެސް ރާއްޖޭގައި އުދުއްސަމުން ދާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އޭގެތެރޭގައި ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އެކުގައި މަސައްކަތް ކުރި މީހުން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ