އުރީދޫ އާއި އެމްއެމްޕީއާރްސީ ގުޅިގެން ރާއްޖެ އިޝްތިހާރުކުރަނީ އުރީދޫ އާއި އެމްއެމްޕީއާރްސީ ގުޅިގެން ރާއްޖެ އިޝްތިހާރުކުރަނީ

އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ގްރޫޕް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ އެވެ. އަދި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އެވެ.
އުރީދޫ މޯލްޑިވްސް އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫގެ ގްލޯބަލް ނެޓްވޯކްގެ ހަރުދަނާކަމާ އެކު، އަމާޒަކީ ރާއްޖޭގެ ދެވަނައެއްނެތް ރީތިކަމާއި ސަގާފަތާއި މެހެމާންދާރީ ތަޖުރިބާކުރުމަށް ބައިނަލްއަގްވާމީ މާކެޓުތަކުން އިތުރު ދަތުރުވެރިންނަށް ހިތްވަރު ދިނުން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫން ހަރާކާތްތެރިވާ 10 ގައުމެއްގައި، ރާއްޖެ ޕްރިމިއާ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ އެވެ.
މީގެ އިތުރުން އޭޝިއާ، މެދުއިރުމައްޗާއި އުތުރު އެފްރިކާގެ މުހިންމު މާކެޓުތަކުގައި އެމްއެމްޕީއާރުސީގެ ގްލޯބަލް ޑެސްޓިނޭޝަން މާކެޓިން މަސައްކަތްތަކަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
މިއީ އުރީދޫ ގްރޫޕްގެ ބައިނަލްއަގްވާމީ ފުޓްޕްރިންޓް ބޭނުންކޮށްގެން "ވިޒިޓް މޯލްޑިވްސް" ބްރޭންޑް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅު ކަމަށް އެ ކުންފުނިން ބުންޏެވެ.
ދުނިޔޭގެ ފެންވަރުގެ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ހަރުދަނާ ކުރަމުން އަންނައިރު، އުރީދޫ އާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ރާއްޖެއަށް ގިނަ ބަޔަކު ގުޅުވައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ