އިންޑިއާ މަނަވަރު "އައިއޯއެސް ސާގަރު" ދެ ދުވަހަށް ރާއްޖޭގައި ބަނދަރުކޮށްފި
އިންޑިއާގެ އަސްކަރީ މަނަވަރު، އޮފް ޝޯ ޕެޓްރޯލް ވެސެލް 'އައިއޯއެސް ސާގަރު' މިއަދު ހެނދުނު ރާއްޖެ އައިސްފިއެވެ. އިންޑިއާގެ އަސްކަރީ މަނަވަރު، އައިންއެސް ސުނައިނާ، އިންޑިއަން އޯޝަން ޝިޕް (އައިއޯއެސް) ސާގަރުގެ ގޮތުގައި ކަނޑައެޅީ، އެ ގައުމުގެ ނޭވީއިން އިސްނަގައިގެން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހުރިހާ ގައުމަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި މަނަވަރު މިއަދު ރާއްޖެ އައުމާއެކު ދިވެހި ސިފައިންގެ ކޯސްޓުގާޑުގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމު ވަނީ މަނަވަރަށް ވަޑައިގެން އޭގައި ތިބި އެކި ގައުމުތަކުގެ ސިފައިންނާ ބައްދަލުކުރައްވައި، ފަޅުވެރިންނާއި، އޮފިސަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. މަނަވަރުގައި ދަތުރުކުރާ ފަޅުވެރިންނާއެކު ދިވެހި ސިފައިންގެ ކޯސްޓުގާޑުގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމު -- ފޮޓޯ: ސަން މި ދަތުރުގައި ދިވެހި ސިފައިންގެ ހަތަރު މީހަކު ހިމެނެއެވެ. އެއީ ތިން ފަޅުވެރިންނާއި އެއް އޮފިސަރެވެ. "ސަން"އާ ވާހަކަދައްކަވަމުން އިންޑިއާ ނޭވީގެ ކޮމާންޑަރު، އަދި މަނަވަރުގެ ކޮމާންޑިން އޮފިސަރު ކަމަލް ސިންހް ރާނާ ވިދާޅުވީ މި ދަތުރަކީ ވަރަށް މުހިންމު ތަޖުރިބާތަކެއް ކުރެވުނު ދަތުރެއް ކަމަށެވެ. އެހެން އޮފިސަރުން ފާހަގަކުރި ގޮތުގައި، އެކި ގައުމުތަކުގެ ނޭވީ ސިފައިން އެއްވެ، ކުރިއަށް ގެންދެވުނު ޓްރެއިނިންތަކާއެކު އާ ކަންކަން ދަސްވި ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ އިތުރަށް ކުރިއަށް ދިއުމަށް ފަހިވި މަގެއް ކަމަށް ވެސް ފާހަގަކުރިއެވެ. މި މަނަވަރު ދަތުރު ފެށީ، އިންޑިއާ ކަނޑު ސަރަޙައްދުގެ ނުވަ ޤައުމަކުން 44 ފަޅުވެރިން ހިމެނޭހެންނެވެ. އޭގެ ތެރޭގައި، އިންޑިއާ ހިމެނޭހެން، ރާއްޖެ، ސްރީ ލަންކާ، މޮރިޝަސް، މޮޒަމްބިކް، ސީޝެލްސް، ކޮމޮރޮސްއާއި ކެންޔާގެ އިތުރުން ޓެންޒޭނިއާ ހިމެނެއެވެ. މި މަނަވަރު ރާއްޖޭގައި ދެ ދުވަސް ހޭދަކުރާނެއެވެ. އެއަށްފަހު ދެން ދަތުރު ފަށާނީ އިންޑިއާގެ، ކޮޗީ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ