ވޭޕު އެތެރެކޮށްގެން އަމިއްލަ ފަރުދުން 48 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައި ހުރިއިރު، އެ ފައިސާ ހޯދޭނެ ގޮތެއް ނެތުމުން ކަންބޮޑުވާ ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު ދިރާސާކުރާ ކޮމިޓީގައި ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އަހުމަދު ސިމާހު ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަމިއްލަ ފަރުދުން މިލިއަނުން ޖޫރިމަނާ ކުރުމުން އެ ފައިސާ ހޯދޭނެ ގޮތަކާ މެދު ވެސް ވިސްނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިވަގުތު ފާހަގަކުރެވުނު ކޭސްތަކުގައި އެބަހުރި އިންޑިވިޖުއަލް އަމިއްލަ ފަރުދުން އެނގޭތޯ 48 މިލިއަނުން، 40 މިލިއަނުން ޖޫރިމަނާ ކުރެވިފައި. ކުރަން ޖެހޭ އެނގޭތޯ ގާނޫނާ އެއްގޮތަށްދެން އެހެންނަމަވެސް އެ ފައިސާ އެ ހޯދުމަކީ އަޅުގަނޑުމެންގެ ބުއްދި ގަބޫލެއް ނުކުރޭ އަމިއްލަ ފަރުދެއް އެނގޭތޯ،" ސިމާހު ވިދާޅުވި އެވެ.
"ބޭރުން އަންނައިރުގައި މި ގެންނަ ޕެކޭޖެއްގެ ތެރޭގައި މި ހުންނަނީ ހަމަ އޭގެ ފްލޭވާސް، އެކި އާލަތްތައް އެއްކޮށްލީމަ ކޮންމެ އެއްޗެއް 10،000 އިން ޖޫރިމަނާ ކުރާ ގޮތަށް. އެހެންވީމަ އެއީ ދެން އަޅުގަނޑުމެންގެ ކަންބޮޑުވުމެއް."
މިދިޔަ އަހަރުގެ ނޮވެމްބަރު 15، އިން ފެށިގެން, ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވެ އެވެ.
މީގެއިތުރުން އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް މުހައްމަދު ރިޔާޒް ވިދާޅުވީ ހިފަހައްޓާ ތަކެތި ނައްތާލަން ވަކި ބަޖެޓެއް ކަނޑައެޅިފައި ނުވާއިރު، ރޯކޮށްލައިގެން ނައްތާލާ ތަކެތި އިތުރުވުމުން ދަތިތައް ކުރިމަތިވަމުން އަންނަކަން އެ އޮފީހުން ފާހަގަކުރި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ދަތިތައް ދިމާވޭ ތަކެތި ނައްތާލަން. އަޅުގަނޑުމެންނަށް ވަކި ހާއްސަ ބަޖެޓެއް ވަކި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އައި ބަދަލާ ގުޅިގެން އިތުރަށް ބަޖެޓެއް ނެތް. އެހެންނަމަވެސް ނައްތާލަންޖެހޭ ތަކެތި އިތުރުވަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އިބްރާހިމް ފަޔާޒް ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހު ގެންނައިރު ކަސްޓަމްސް އިން ތަކެތި ނައްތާލުމަށް ހިނގާ ހަރަދު ޖޫރިމަނާ ފައިސާއިން ހަމަޖައްސަން ހުށަހަޅާ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 15، އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. އެގޮތުން ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.
މީގެއިތުރުން ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.
ވޭޕް އެތެރެކޮށްގެން 48 މިލިއަނުން ޖޫރިމަނާކޮށްފައި އެބަހުރި، ހޯދޭނެ ގޮތެއް ނެތުމުން ކަންބޮޑުވޭ: ކަސްޓަމްސް ވޭޕް އެތެރެކޮށްގެން 48 މިލިއަނުން ޖޫރިމަނާކޮށްފައި އެބަހުރި، ހޯދޭނެ ގޮތެއް ނެތުމުން ކަންބޮޑުވޭ: ކަސްޓަމްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ