އިއުލާން: އުއްތަމަފަނޑިޔާރެއް ބޭނުންވެއްޖެ!
މިސާލަކަށް ބަލާމާތޯއެވެ. ވަރަށް ބުރަ މަސައްކަތުން އާއިލާއަކުން ބިނާކޮށް އުފަލާއެކު ދިރިއުޅެމުން ދިޔަ ގެއެކެވެ. އެ ގެއާ ޖެހިގެން ހުރި ގޭގެ މީހުން އެ ގޭގެ ކޮންޓްރޯލް ބޭނުންވީއެވެ. އެހެންވެ، އެ ގެއަށް ވަދެ, ކުށެއް ނެތި ދިރިއުޅެމުން ދިޔަ އެ އާއިލާގެ ބައެއް މީހުން އެ ގެއިން ނެރެ މަގުމަތި ކުރީއެވެ. އެވަރުން ނުވެގެން އެ މީހުންނަށް ބަހެއް ބުނަން ފުރުސަތު ނުދީ އެކިއެކި ތުހުމަތުތައްކޮށް, އެއްޗެހި ގޮވައި ބޭޒާރުކުރަން ފެށީއެވެ. އެންމެ ފަހުން އެ މީހުންނަކީ އެ ގޭގައި ދިރިނޫޅެވޭނެ ބައެއްކަން ޖެހިގެންހުރި ގޭގެ މީހުންގެ ނުފޫޒުން ނިންމީއެވެ. ހަމަގައިމު ވެސް އެ ހާލަތަށް ދާއިރު އެ ގޭގެ އިސް މީހާގެ ހައިސިއްޔަތުން އާއިލާގެ އެ މެންބަރުންނަށް އިންސާފު ހޯދައި ދިނުމަށް ބައްޕަ ނުވަތަ މަންމަ އެހެން ނޫނީ އެންމެ އިސްކޮށް ހުރި މީހަކު މަސައްކަތް ކުރަން ވާނެއެވެ. ބޭއިންސާފުން ކަންކަން ހިނގާކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ވާނެއެވެ. އެ ވަރުން ނުވެއްޖެ ނަމަ އެ ރަށުގެ ރައްޔިތުންނަށާއި ނޫސްވެރިންނަށް ވެސް އެކަން އަންގައިގެން ހައްލު ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ވާނެއެވެ. ގޭގެ އެންމެ އިސް މީހާގެ ހައިސިއްޔަތުން ޒިންމާ އަދާ ކުރުމަކީ އެއީއެވެ. https://www.sun.mv/205621 ރާއްޖޭގެ ޝަރުއީ ދާއިރާއާ މެދު މިހާރު ކަންތައް ވަމުންދާ ގޮތުން ވެސް އޮތީ ހަމަ މި ހަގީގަތެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ, ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ, ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރާ މެދު ކަންތައް ވެގެން މިދިޔައީ ވަރަށް ވެސް ނިކަމެތި, ދެރަ ގޮތަކަށެވެ. ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނައިފި ނަމަ ވަރަށް ހިތާމަ ކުރަންޖެހޭ އެތައް ކަމެއް މިކަމުގައި ފެންނަން އެބައޮތެވެ. ތުހުމަތު ކުރެވޭ ގޮތުގައި ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރާ މަޖިލިސް މެންބަރުން, ސިޔާސީ ޕާޓީން ބޭނުންއިރަކު ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް ތެޅިފޮޅިގެން ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން އިސްލާހު ގެނައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބޭނުންފުޅުވެގެންނެވެ. އެ މަނިކުފާނު ބޭނުންފުޅުވީ މިނިވަންކޮށް އޮންނަން ޖެހޭ ގާނޫނު ހެދުމުގެ ބާރުގެ ކޮންޓްރޯލް ނެގުމަށްކަމަށް ތުހުމަތުކުރެވެއެވެ. ހައެއްކަ ގަޑިއިރުގެ ތެރޭގައި ގާނޫނުއަސާސީއަށް ބަދަލު ގެނެސް ރައީސް ވަގުތުން ތަސްދީގުކުރެއްވި މި އިސްލާހަކީ ގާނޫނުއަސާސީއާއި އަދި ޑިމޮކްރަސީއާ ވެސް ހިލާފު ވަރަށް "ޖޯކް" ކަމެއް ކަމަށް ގާނޫނީ ބޭފުޅުން ސިފަކުރައްވަވައެވެ. އެ އިސްލާހު ބާތިލުކުރަން ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން, ރައީސް އައްޔަން ކުރައްވާފައިވާ ބަންޑާރަ ނައިބުގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ވަކީލުން ވަކާލާތު ކުރެއްވީ މި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. ހޫނު ސުވާލުތަކަކަށް ފަހު މައްސަލަ ބެލޭނެ ކަމަށް ފަނޑިޔާރުން ނިންމުމާ އެކު ރައީސް ވިދާޅުވާ "އިއްތިފާގު"ތައް ފެށުނެވެ. ސުޕްރީމް ކޯޓުގެ ބެންޗު ކުއްލިއަކަށް ކުޑަ ކުރުމުގެ އިއްތިފާގާއި މައްސަލަ ބަލަން ކުޑަތަންވެފައި އޮއްވައި އެންމެ މަތީ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ އިއްތިފާގު ވެސް ފެށުނެވެ. ޖޭއެސްސީއަށް ބަދަލުތަކެއް ގެނައުމުގެ އިއްތިފާގާއި އިސްތިއުފާދެއްވި ފަނޑިޔާރު ފިޔަވާ އަނެއް ދެ ފަނޑިޔާރުން ވަކި ކުރަން ނިންމުމުގެ އިއްތިފާގު ވެސް ފެށުނެވެ. ޖޭއެސްސީގެ ނިންމުން ނިންމިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަޖިލީހުގެ އެޖެންޑާގައި އެ މައްސަލަ ހިމަނައި އެ އިއްތިފާގު ވެސް ފެށިއްޖެއެވެ. މި ހާލަތަށް ކަންތައްތައް ދިޔައިރު ގިނަ ބަޔަކު ކުރާ އެއް ސުވާލަކީ މި ގައުމުގައި އުއްތަމަފަނޑިޔާރެއް އެބަ ހުންނެވިތޯއެވެ؟ ޖަވާބަކީ އާނއެކެވެ. ޑިސެންބަރު އަށެއް، 2019 އިން ފެށިގެން އެ މަގާމުގައި އަދިވެސް އަހުމަދު މުއުތަސިމް އަދުނާން އެބަ ހުންނެވިއެވެ. އެ މަނިކުފާނަކީ ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅިފައިވާ ބޮޑު އާއިލާއެއްގެ ބޭފުޅެކެވެ. މ. ބަގީޗާގެއަށް ނިސްބަތްވާ މުއުތަސިމްގެ ކާފާފުޅު ހުސެއިން ސަލާހުއްދީނާއި ބޮޑުބޭބޭފުޅު މުހައްމަދު ސައީދު ދީދީއަކީ ކުރީގެ ދެ އުއްތަމަ ފަނޑިޔާރުންނެވެ. މީގެ އިތުރުން ވެސް ޝަރުއީ އަދި ގާނޫނީ ދާއިރާގެ އިސް މަގާމުތައް އެ މަނިކުފާނުގެ އާއިލާގެ އެހެން ބޭބޭފުޅުން ވެސް ފުރުއްވާފައި އެބަވެއެވެ. އުއްތަމަ ފަނޑިޔަރު މުއުތަސިމް އަދުނާން -- ފޮޓޯ/ ޖޭއެސްސީ ރާއްޖޭގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތާއި އެހެނިހެން ހުތުރު ކުށްތަކުގެ ތުހުމަތުތައް ކުރެވުނު ނަމަވެސް މުއުތަސިމަކީ މިހާތަނަށް ވަރަށް އިހުލާސްތެރިކޮށް ޚިދުމަތް ކުރައްވަމުން ގެންދެވި, އާއްމުންގެ ލޯތްބާއި އިހުތިރާމު ހޯއްދަވާފައިވާ ބޭފުޅެކެވެ. ނަމަވެސް، ސުވާލަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް މިހާ ބޮޑު ހަމަލާތަކެއް ލިބެމުން ދާއިރު ޝަރުއީ ދާއިރާގެ އެންމެ އިސް މީހާގެ ހައިސިއްޔަތުން އުއްތަމަފަނޑިޔާރުގެ ޒިންމާ އަދާ ކުރެވޭތޯއެވެ؟ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް, ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރަކީ ދައުލަތުގެ ތިންވަނަ ބާރުގެ ހައިސިއްޔަތުން ޖުޑީޝަރީގެ އެންމެ އިސް މީހާ ކަމަށްވާއިރު ޤާނޫނުއަސާސީއިން ތަޞައްވަރު ކުރި ގޮތަށް ޖުޑީޝަރީގެ ކަންކަން ހިނގާކަން ކަށަވަރުކުރުމަކީ އުއްތަމަފަނޑިޔާރުގެ ޒިންމާއެކެވެ. އެ ނޫން ގޮތަކަށް ކަންކަން ދާނަމަ، އެކަމެއް، ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަކީ އެ މަނިކުފާނު ކުރައްވަންޖެހޭ ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. "އެހެން ފަނޑިޔާރުންނަކަށް ޢާންމުންނާ މުޢާމަލާތުކުރުމުގެ ޒިންމާއެއް ޤާނޫނީ ގޮތުން ނޯވޭ. އެ ކަން އޮންނަނީ، ހުރިހާ ފަނޑިޔާރުންގެ ފަރާތުން، އެ ފަނޑިޔާރުންގެ އެންމެ އިސް މީހާ، އުއްތަމަފަނޑިޔާރަށް. މިއީ، ޢާންމުކޮށް އޭނާ ކޮންމެ މުނާސަބަތަކާ ގުޅިގެން ބަޔާން ނެރޭ އުޞޫލުން ކޮށްގެންވާނެ ކަމެއް ވެސް ނޫން. އޭނާ ބަޔާނެއް ނުވަތަ ބަހެއް ބުނަންވާނީ، ކަންތައް ވަރަށް ބޮޑަށް ގޯސްވީމާ. އޭނާ ވާހަކަދެއްކީމާ، މިހާރު ކަންކަން މިދަނީ ގޯހުންކަމަށް ރައްޔިތުން ވެސް ޤަބޫލުކުރާނެ،" ރާއްޖޭގެ ތިއްބެވި އެންމެ ފުންނާބުއުސް ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވި ގޮތުގައި މިއަދު ރާއްޖޭގެ ކަންކަން މި އޮތީ އޮންނަން ޖެހޭ ގޮތާ އިދިކޮޅަށެވެ. ބާ ކައުންސިލާއި ނޫސްވެރިން ހިމެނޭހެން، ކިރިޔާ ވެސް މިނިވަންކަމާ އެކު ބަހެއް ބުނެވެން އޮތް ބަޔަކު، ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒޮ ފޯރުވާ ވާހަކަދައްކާއިރު، އުއްތަމަފަނޑިޔާރު ބަސްފުޅެއް ވިދާޅުނުވެ ހުންނެވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. "ނުފޫޒު ނުފޯރާނަމަ، ނުފޯރާކަމަށް ވެސް ވިދާޅުވާންވާނެ. އެހެން ނޫނީ ރައްޔިތުންނަކަށް ޔަޤީންކަމާ އެކު މިވެގެން އުޅޭގޮތެއް ސާފެއް ނުވާނެ. ރައްޔިތުންނަށް މި ކަންތައް އޮތް ހިސާބު ސާފުކޮށްދިނުމުގެ ޒިންމާއެއް އުއްތަމަފަނޑިޔާރަށް އެބައޮތް. އެ ޒިންމާ އޭނާ އަދާކުރައްވަން ޖެހޭ. މިހާރު މި ހިނގާ ކަންކަމަކީ ނުފޫޒެއް ނޫންނަމަ، އެހެން ވެސް ބުނަންޖެހޭ،" ޝަމީމް ވިދާޅުވިއެވެ. ކުރީގެ ޕީޖީ ހުސައިން ޝަމީމް: އޭނާ ވަކިކުރަން މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް އުއްތަމަފަނޑިޔާރު އެ ދައުރު އެބަ އަދާކުރައްވާ ކަމަށެވެ. އެގޮތުން، ދާދި ފަހުން އެމެރިކާގެ ސުޕްރީމް ކޯޓަށް، އެ ގައުމުގެ ރައީސް ޓްރަމްޕް އަމާޒުކުރެއްވި ފާޑުކިޔުންތަކާ ގުޅިގެން އެމެރިކާގެ އުއްތަމަފަނޑިޔާރު ހަރުކަށި ބަޔާނެއް ނެރުއްވިކަން ޝަމީމް ފާހަގަކުރެއްވެވިއެވެ. "އެއީ އޭނާ ޢާންމުކޮށް ކުރައްވާ ކަމެއް ވެސް ނޫން. އެހެންނަމަވެސް، ވަގުތު ޖެހުމުން، އެކަމުގެ ޟަރޫރަތްތެރިކަން އޮތްކަމަށް އޭނާއަށް ޤަބޫލުކުރެވޭތީ ބަޔާނެއް ނެރި، ސަރުކާރުން ޖުޑީޝަރީޢަށް ނުފޫޒު ފޯރުވުން ހުއްޓާލަން އެންގެވި. އެއާއެކު، އެމެރިކާގެ ނޫސްތަކާއި ޢާންމު ރައްޔިތުންގެ ޕްރެޝަރާ ހެދި، ޓްރަމްޕަށް ޖެހިވަޑައިގަތީ ފަހަތަށް ޖެހިވަޑައިގަންނަވަން،" މިސާލު ދައްކަވަމުން ޝަމީމް ވިދާޅުވިއެވެ. ޝަމީމް އެކަންޏެއް ނޫނެވެ. އުއްތަމަފަނޑިޔާރަށް އެންމެ ރަނގަޅަށް ޒިންމާތައް އަދާ ނުކުރެއްވޭ ކަމަށް ގާނޫނީ އެހެން ބޭބޭފުޅުންނާއި ކުރީގެ އުއްތަމަފަނޑިޔާރުން ވެސް އަންނަނީ ވިދާޅުވަމުންނެވެ. ކުރީގެ އުއްތަމަފަނޑިޔާރު، ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވާ ގޮތުގައި އަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކުރުމަކީ، ޝަރުއީ ދާއިރާގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ދުސްތޫރީ އަދި އަސާސީ އެއް މަސްއޫލިއްޔަތެވެ. އިސްތިޤްރާރުވެފައިވާ ދުސްތޫރީ އުޞޫލުތަކާ ޚިލާފަށް، ދައުލަތުގެ އެހެން ބާރުތަކުންނާއި އިދާރާތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އެ ކޯޓުގައި މިފަހުން ތާވަލުކުރެވި ހިނގަމުންދިޔަ ދުސްތޫރީ އަދި ޢާންމު މަޞްލަޙަތުގެ މައްސަލާގައި ފައިޞަލާކުރުވަނިވި ޙުކުމަކަށް ވާޞިލުވުމަށް ހުރަސް އެޅުމުގެ ނުބައި ނިޔަތުގައި އެ ކޯޓުގެ ފަނޑިޔާރުންތަކެއް ބޭއިންޞާފުން މަޤާމުން ވަކިކުރެވިގެން ދާއިރު، އެ ފަނޑިޔާރުންގެ ޙިމާޔަތުގައި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި މުޅި ޤަޟާއީ ނިޒާމުގެ ދިފާޢުގައި އަޑު އުފުލައި މުޚާޠަބުކުރަންޖެހޭ ފަރާތްތަކަށް މުޚާޠަބުކުރުމަކީ އުއްތަމަފަނޑިޔާރުގެ ޤާނޫނީ އަދި އަޚްލާޤީ ވާޖިބެއް ކަމުގައި ވާއިރު، އެ ވާޖިބު އަދާކޮށްފައިނުވާ ކަމަށް އަބްދުالله ދީދީ ވިދާޅުވިއެވެ. "ބުނެވުނު ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން (ފުލް ބެންޗް) ގެ މައްޗަށް އެކުލެވިގެންވާ މަޖިލީހަކުން ބަލަމުން ދަނިކޮށް، ތިން ފަނޑިޔާރުން ސަސްޕެންޑްކުރެވުމުން، އެއްވެސް ދުސްތޫރީ ސަބަބެއް ނެތީސް އެ މައްސަލައިގެ ޝަރީޢަތް މަޑު ޖައްސާފައި ބޭއްވުމަކީ ޢަދާލަތު ޤާއިމުކުރުމަށް އިންކާރު ކުރުންކަމުގައި މެނުވީ ނުވާނެ،" އަބްދުالله ދީދީ ވިދާޅުވިއެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުالله ދީދީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން އުއްތަމަފަނޑިޔާރުގެ މަސްއޫލިއްޔަތަކަށް ވާންޖެހޭނީ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އިންޞާފު ޤާއިމުކުރުން ކަށަވަރުކުރުން ކަމަށް އަބްދުالله ދީދީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ ސަބަބުން ޝަރީޢަތް މެދުކެނޑިފައިވާ، ދުސްތޫރީ މައްސަލައަކީ ޤާނޫނުއަސާސީން ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ނުވަތަ ވަކި ޢަދަދެއްގެ މައްޗަށް އެކުލެވިގެންވާ ބެންޗަކުން ބެލުމަށް ލާޒިމުކޮށްފައިވާ ބާވަތުގެ މައްސަލައެއް ނޫނެވެ. އެހެންކަމުން ފުލް ބެންޗުން ބެލުން ލާޒިމު ނޫން މައްސަލަތަކުގައި ޤާނޫނުއަސާސީ ލާޒިމުކުރާ ޝަރުޠަކީ އޮނަހިރި ޢަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ބެންޗަކުން މައްސަލަތައް ބެލުން ކަމަށް އޭނާ ވިދާޅުވިއެވެ. "ކޯޓުތަކުގެ ޤާނޫނުގައި ބައެއް ބާވަތުގެ މައްސަލަތައް ބަލަންވާނީ މަދުވެގެން ފަސް ފަނޑިޔާރުން ކަމުގައި ބުނެފައި އޮތް ކަމުގައި ވީނަމަވެސް، ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމަށް ދިމާވެފައިވާ ދުސްތޫރީ 'ކްރައިސިސް'ގެ ސަބަބުން ޢުޒުރުވެރިވާ ނަމަ، 'ސްޓޭޓް އޮފް ނެސެސިޓީ'އަށް ރިޢާޔަތްކޮށް ތިން ފަނޑިޔާރުންގެ ބެންޗަކުން ބުނެވުނު މައްސަލައިގައި ފައިޞަލާކުރުމަށް ދުސްތޫރީ އެއްވެސް ހުރަހެއް ނެތީސް، ބުނެވުނު ޢާންމު މަޞްލަޙަތުގެ މައްސަލަ ނުފޫޒުން އެއްކިބާވެ އޮންނަންޖެހޭ ދައުލަތުގެ އެންމެ މަތީ ކޯޓުން ނުބަލައި ބާއްވާފައި އޮތީ ކޮން މަޞްލަޙަތަކަށް ރިޢާޔަތްކޮށްކަން އެގޭކަށް ނެތް. އެގޭ އެއްޗަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ ދައުރު ކޮންމެ ސަބަބަކާ ހުރެނަމަވެސް، އަދާކުރުމަށް އުއްތަމަފަނޑިޔާރު ނުކުޅެދިފައިވާ ކަމެއް," އަބްދުالله ދީދީ ވިދާޅުވިއެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު އުއްތަމަފަނޑިޔާރު މުއުތަސިމް ވަނީ ފަނޑިޔާރުކަމުން ރިޓަޔާކުރައްވަން އުޅުއްވާކަމުގެ އިޝާރާތެއް ކުރައްވައިފައެވެ. ވަކީލުކަމާ އަލަށް ގުޅުނު ވަކީލުން ހުވާކުރަން އެ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މުއުތަސިމް ވިދާޅުވީ، އެ މަނިކުފާނަކީ މިހާރު ދުވަސްވީ ބޭފުޅެއް ކަމަށާއި އެފަދަ ޖަލްސާތަކުން ކުރިއަށް އޮތްތަނުގައި ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. "އަޅުގަނޑަކީ މިހާރު ދުވަސްވީ މީހެއް. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް،" އެ ދުވަހު އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، އޭގެ ފަހުން އެކަމުގެ އިޝާރާތެއް ވެސް އަދި ނެތެވެ. ޝަރުއީ ދާއިރާއަށް މިހާ ނުރައްކާތެރި ހަމަލާތަކެއް ދެމުން ދަނިކޮށް އެ ދާއިރާގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އުއްތަމަފަނޑިޔާރު އެއްޗެއް ވިދާޅުވާންވާނެއެވެ. ނާއިންސާފުން ކަންކަން ހިނގާނަމަ އިންސާފު ހޯދަން މަސައްކަތް ކުރައްވަން ވާނެއެވެ. ޒިންމާ އަދާކުރެއްވުމަކީ އެއީއެވެ. ނޫނީ ކަންކަން މި ދަނީ ދާން ވާނެ ގޮތަކަށެއް ނޫނެވެ. މިހާރު ކަންކަން މިއޮތް ގޮތުން ބުނެވޭނީ މި ގައުމަށް އުއްތަމަފަނޑިޔާރެއް ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ