ލިވަޕޫލް ދޫކޮށްލާކަން އެލެގްޒެންޑާ އާނޯލްޑް ހާމަކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގެ މި ސީޒަންގެ ޗެމްޕިއަން ލިވަޕޫލަށް ކުޅެމުން އަންނަ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އެ ޓީމު ދޫކޮށްދާކަން ހާމަކޮށްފިއެވެ. އޭނާ މިކަން ހާމަކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައެވެ. އުމުރުން ހަ އަހަރުން ފެށިގެން ލިވަޕޫލަށް ކުޅެމުން އަންނަ މިހާރު 26 އަހަރު ވެފައިވާ އެލެގްޒެންޑާ އާނޯލްޑް އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ހަމަވާނެއެވެ. އެލެގްޒެންޑާ އާނޯލްޑް ހާމަކުރިގޮތުގައި 20 އަހަރު ދުވަހު ލިވަޕޫލް ފުޓްބޯލް ކްލަބްގައި ހޭދަކުރުމަށްފަހު މިހާރުމީ މި ސީޒަނަށްފަހު ކްލަބް ދޫކޮށްލާކަން ޔަގީން ކޮށްދޭ ވަގުތު ކަމަށެެވެ. އޭނާ ހާމަކުރިގޮތުގައި މިއީ އޭނާގެ ހަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ. އެލެގްޒެންޑާ އާނޯލްޑް ހާމަކުރިގޮތުގައި ވޭތުވެދިޔަ 20 އަހަރު މި ކްލަބަކީ އޭނާގެ ދިރިއުޅުން ކަމަށެވެ. އަދި އެކެޑަމީއިން ފެށިގެން މިހާތަނަށް އޭނާއަށް ކްލަބާއި ސަޕޯޓަރުންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި ލޯބި އަބަދަށް އޭނާ އާއެކު ވާނެ ކަމަށެވެ. އަދި އެ އެންމެންނަށް މުޅި އުމުރަށް އޭނާ ދަރަނި ވެރިވާކަމަށް ވެސް އޭނާ ހާމަކުރިއެވެ. އެލެގްޒެންޑާ އާނޯލްޑް ހާމަކުރިގޮތުގައި އޭނާއަށް ފުޓްބޯޅަ ނޫން އެހެން އެއްވެސް އެއްޗެއް ނޭނގޭ ކަމަށާއި އެހެން ކަމުން މި ނިންމުމަކީ އާ ގޮންޖެހުމެއް ތަޖުރިބާ ކޮށްލުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އެލެގްޒެންޑަ އާނޯލްޑަކީ މި ސީޒަނާއެކު އެގްރީމަންޓް ހަމަވާން އޮތް އެ ޓީމުގެ މުހިންމު ތިން ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެކެވެ. މީގެތެރެއިން މުހަންމަދު ސަލާހް އާއި ކެޕްޓަން ވާޖިލް ވެން ޑައިކް ވަނީ ވަރަށް ފަހުން އެ ޓީމުގައި އިތުރަށް މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފައެވެ. ނަމަވެސް މިހާތަނަށް އެލެގްޒެންޑާ އާނޯލްޑްގެ އެއްބަސްވުމުގެ ކަންތައްތައް ދަމުން ދާ މިސްރާބެއް ކްލަބަކުން ވެސް އަދި އޭނާވެސް ހާމަކޮށްފައެއް ނުވެއެވެ. އިނގިރޭސި ވިލާތުގެ ލިވަޕޫލަށް އުފަން މި ކުޅުންތެރިޔާ 2016 ވަނަ އަހަރު ސީނިއާ ޓީމަށް ކުޅެން ފެށީއްސުރެ މިހާތަނަށްވަނީ އެކްލަބަށް 352 މެޗު ކުޅެދީ 23 ލަނދު ޖަހައިދީ 86 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އެލެގްޒެންޑާ އާނޯލްޑް ވަނީ މި ސީޒަންގައި ލީގު ކާމިޔާބު ކުރުމުގެ އިތުރުން 2020 ވަނަ އަހަރުވެސް ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން ޔުއޭފާ ޗެމްޕިއަންސް ލީގާއި އެފް އޭ ކަޕްގެ އިތުރުން ލީގު ކަޕް ދެ ފަހަރު އޭނާ ވަނީ ލިވަޕޫލާއެކު ކާމިޔާބު ކޮށްފައެވެ. އެލެގްޒެންޑާ އާނޯލްޑް ހާމަކުރިގޮތުގައި އޭނާގެ މުސްތަގްބަލާ ގުޅޭގޮތުން ތަފާތު ގޮތްގޮތަށް މިސީޒަންގެ ތެރޭގައި ވާހަކަ ދެކެވިގެން ގޮސްފައިވާ ކަމަށާއި އަދި އޭނާ ނިންމާނީ ކޮން ނިންމުމެއް ކަމާމެދުވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ބައެއް ފަރާތްތަކުން ގަބޫލް ކުރާނެ ގޮތުގައި ކްލަބް ދޫކޮށްލާ ވާހަކަ މިއައްވުރެ އަވަހަށް ހާމަކުރަން ޖެހޭނެއެވެ. ނަމަވެސް އެހެން ފަރާތްތަކުން ގަބޫލް ކުރާނެ ގޮތުގައި މިއީ މިކަމަށް އެންމެ ރަނގަޅު ވަގުތެވެ. ނަމަވެސް އެލެގްޒެންޑާ އާނޯލްޑް ބުނިގޮތުގައި އޭނާގެ ވިސްނުން ފުރަތަމަ ހުރީ ޓީމުގެ ކާމިޔާބީއަށް ކަމަށެވެ. އަދި ޓީމުގެ ކުޅުމަށް އަސަރު ކުރާނެ އެއްވެސް ކަމެއް ކުރުމަށް އޭނާ ބޭނުން ނުވީކަމަށެވެ. ނަމަވެސް މިހާރު ލީގު ކާމިޔާބު ކުރެވިފައިވުމުން އޭނާއަށް ގަބޫލް ކުރެވުނު ގޮތުގައި މިއީ މިކަން ހާމަކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އެލެގްޒެންޑާ އާނޯލްޑް ލިވަޕޫލް ދޫކޮށްލާކަން ހާމަކުރިނަމަވެސް އޭނާ ދެން ފެނިގެންދާނެ ކްލަބަކާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ގިނަ ބަޔަކަށް އެނގޭގޮތުގައި ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އެލެގްޒެންޑާ އާނޯލްޑް ހޯދަން އުޅޭތާ މިހާރު ވަރަށް ދުވަސް ވެއްޖެއެވެ. އަދި އޭނާ ދެން ފެނިގެންދާނީ އޭނާގެ އިންގްލަންޑް ޓީމް މޭޓް އަދި ގާތް އެކުވެރިއެއް ކަމަށްވާ ޖޫޑް ބެލިންހަމާއެކު ރެއާލް މެޑްރިޑްގެ ހުދު ޖާޒީގައެވެ. ލިވަޕޫލުން ހާމަކުރިގޮތުގައި އެލެގްޒެންޑާ އާނޯލްޑް އެކްލަބް ދޫކޮށްދަނީ އޭނާ ޓީމަށް ހޯދާދީފައިވާ ކާމިޔާބީ އާއި މަސައްކަތަށްޓަކައި ކްލަބްގެ ލޯތްބާއި އިހްތިރާމާއި އެކުކަމަށާއި އެކަމުގެ އަގު ކްލަބުން ވަޒަން ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ