އިޒްރޭލް އައި.ސީ.ޖޭގެ ލަފާދޭ ރައުޔަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށާއި އިޒްރޭލް ދެކެނީ އެ ގައުމުއޮތީ ގާނޫނަށްވުރެ މަތީގައި ކަމަށް ސައުދީން ބުނެފި

ސައުދީ އަރަބިޔާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި ބުދަދުވަހު ބުނެފައިވާގޮތުގައި އިޒްރޭލުން ދެކެނީ އެ ގައުމަކީ ހުރިހާ ގާނޫނުތަކަށްވުރެ މަތީގައި އޮންނަ ގައުމެއްކަމަށާ، ގާޒާއާ ދެކޮޅަށް އިޒްރޭލުން ހިންގާ ހަނގުރާމަ ހުއްޓާލުމަށް ކޯޓުން ނެރެފައިވާ ލަފާދޭ ރައުޔަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށެވެ.
ސައުދީ އަރަބިޔާގެ ފޮރިން މިނިސްޓްރީގެ ގާނޫނީ ކަންތައްތަކާބެހޭ ޑިރެކްޓަރު މުހައްމަދު ސައުދު އަލްނާސަރު ވަނީ އިޒްރޭލުން ވެސްޓްބޭންކާއި އީސްޓް ޖެރޫސަލަމް އަދި ގާޒާގައި "ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު" ހަރަކާތްތައް ހިންގާފައިވާ ކަމަށް ވިދާޅުވެ އެ އަމަލުތައް ކުށްވެރިކޮށްފަ އެވެ. އަދި އިޒްރޭލުން ގާޒާއާ ދެކޮޅަށް އަޅާފައިވާ ބްލޮކޭޑުން ގާޒާގައި  އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ފެންނަކަމަށްވެސް ވިދާޅުވި އެވެ.
"އަހަރެއް ނުވަނީސް، ކޯޓުން ނިންމީ، އިޒްރޭލްގެ ސިޔާސަތުތަކާއި އޮކިޔުޕައިޑް ޓެރިޓަރީގައި ހިންގަމުންދާ އަމަލުތައް، އޭގެ ތެރޭގައި ސެޓެލްމަންޓް އަޅަމުންދިއުމާއި ހިފާފައިވާ ސަރަހައްދުތައް އެނެކްސްކުރުމަކީ ބައިނަލްއަގްވާމީ ގާނޫނާ ފާޅުގައި ޚިލާފުވުންތަކެއް ކަމަށް، އަދި ވަގުތުން މިކަންކަން ނިމުމަކަށް ގެންނަން ޖެހޭނެކަމަށް،" އަލްނާސަރު ވިދާޅުވި އެވެ.
ފަލަސްތީނު މީހުންނަށް  ރެޑް ކްރޮސް އެކްސެސް ދިނުމަކީ  ޖެނީވާ ކޮންވެންޝަންގެ ދަށުން އިޒްރޭލަށް މަޖްބޫރުކަމެއް
މިދިޔަ ބުރާސްފަތި ދުވަހު ހޭގްގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އަޑުއެހުންތަކުގެ ހަތަރުވަނަ ދުވަހު އިނގިރޭސި ސަރުކާރުގެ ގާނޫނީ ވަކީލުން ބުނެފައިވަނީ އިޒްރޭލަކީ ޖެނީވާ ކޮންވެންޝަނަށް އިހްތިރާމްކޮށް އަމަލުކުރަންޖެހޭ ފަރާތެއްކަމަށް ވާތީ، އެ ގައުމުން ހައްޔަރުކޮށްފައިތިބި ފަލަސްތީނު މީހުންނަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އެކްސެސް ދޭންޖެހޭނެ ކަމަށެވެ.
ސެލީ ލެންގްރިޝް ވިދާޅުވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްގެ ހަމަލާއަށްފަހު "އިޒްރޭލުގެ ބެލުމުގެ ދަށުގައި ތިބި ފަލަސްތީނު މީހުންނަށް ނުރަނގަޅުގޮތުގައި މުއާމަލާތްކުރެވޭކަމުގެ ވަރަށް ގިނަ އިތުބާރުކުރެވޭ ރިޕޯޓުތައް ލިބިފައިވާ" ކަމަށެވެ.
އިނގިރޭސިވިލާތުގެ ގާނޫނީ ވަކީލުން ވިދާޅުވެފައިވަނީ އ.ދގެ ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އޭޖެންސީ، އަންރުވާ، އަކީ ވަކިފަރާތަކަށް ނުޖެހޭ އަދި ތަފާތުކުރުމެއްނެތް ޖަމިއްޔާއެއްގެ ގޮތުގައި ބެލެވެންޖެހޭނެ ކަމަށެވެ. އެހެންކަމުން އިޒްރޭލުގެ ސަރުކާރުން ފަލަސްތީނު މީހުންނަށް އެހީ ފޯރުކޮށްދިނުމަށްޓަކައި އަންރުވާއާއެކު އެއްބާރުލުން ދިނުމަކީ އެގައުމުގެ ޒިންމާއެއް ކަމަށެވެ.
"އިޒްރޭލުން ގާޒާގެ ރައްޔިތުންނަށް ކާނާ، ފެން، ކަރަންޓު ހިމެނޭގޮތަށް އިންސާނީ އެހީގެ ފުރިހަމަ، އަވަސް، ރައްކާތެރި އަދި ހުރަހެއްނެތްގޮތުގައި އެހީ ފޯރުކޮށްދިނުން ފަސޭހަކޮށްދީ، ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ އެއްގޮތަށް މެޑިކަލް ފަރުވާ ލިބުން ކަށަވަރުކުރަންޖެހޭނެ،" ލެންގްރިޝް ވިދާޅުވީ އެވެ.
މި ގަރުނުގެ އެންމެ ބޮޑު އިންސާނީ ކާރިސާ
އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީރު ސުގިއޮނޯ ބުރާސްފަތި ދުވަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ މިހާރު ކުރިއަށްދާ އަޑުއެހުމުގެ ތިންވަނަ ދުވަހު ވިދާޅުވެފައިވަނީ އިޒްރޭލުން ގާޒާގައި "މި ގަރުނުގެ އެންމެ ބޮޑު އިންސާނީ ކާރިސާ" ކުރިމަތިކޮށްފައިވާ ކަމަށެވެ.
ސުގިއޮނޯ ވިދާޅުވީ ކޯޓުގެ ނިންމުމަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމަށް އ.ދގެ ޖެނެރަލް އެސެމްބްލީއަށް މަގުދައްކާނެ އިރުޝާދެއް ކަމުގައި ވެގެންދާނެ ކަމަށެވެ. އެމަނިކުފާނު ބާރުއަޅުއްވާ ވިދާޅުވެފައިވަނީ އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމަށެވެ.
"އިޒްރޭލުން އަންރުވާ ހިމެނޭ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ރޯލުތައް ގަބޫލުކޮށް، އޮކިއުޕައިޑް ޓެރިޓަރީތަކުގައި އެ އޭޖެންސީ އަދި އެ އިދާރާގެ މުވައްޒަފުންނަށް ދެވޭ އިމިއުނިޓީއަށް ހުރުމަތްތެރިކޮށް ހިތަންވާނެ" ކަމަށް ވިދާޅުވި އެވެ. އަދި އިޒްރޭލުން އަސާސީ ޚިދުމަތްތަކާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފިޔަވަޅުތައް އަޅައި، ފަލަސްތީނު މީހުންނަށްދޭ ދޭ ހަމަލާތަކާއި ހަނގުރާމަވެރި އަމަލުތައް ހުއްޓާލުމަށް ގޮވާލެއްވި އެވެ.
އިންޑޮނޭޝިއާގެ އިސް ޑިޕްލޮމެޓް އަދިވެސް ފާހަގަކުރައްވާފައިވަނީ ހަތިޔާރުބޭނުންކުރެވޭ ހަނގުރާމައިގެ ދުވަސްވަރުގައިވެސް އިންސާނީ ހައްގުތަކަށް ރައްކާތެރިކަން ދެމިއޮންނަންވާނެ ކަމަށާއި، އެއީ އިޒްރޭލްގެ ޒިންމާއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ