ޝިމަން އާއި މަހުޒޫމް ފުލުހުންގެ ބަންދުން ދޫކޮށްލައިފި ޝިމަން އާއި މަހުޒޫމް ފުލުހުންގެ ބަންދުން ދޫކޮށްލައިފި

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދޭން ގޮވާލައި ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާއިން ހައްޔަރުކުރި އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުރި ޒުވާނުންގެ މުޒާހަރާއިން ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެވެ. އަދި ފުލުހަކަށް މަހްޒޫމަށް ހަމަލާދޭން މަސައްކަތްކުރި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.
ޝިމަން، 19، އާއި މަހްޒޫމް، 28، ގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި ބަންދު މަޖިލީހުގައި ފުލުހުންގެ ބަޔާނަށް އެކި ރިޔާޔަތްކޮށް އެ ދެ މީހުން ތިން ދުވަހަށް ބަންދުކުރަން ނިންމި އެވެ.
"ފުލުހުން އެ ވަގުތު ދަމާފައި ހުރި ލައިނު ފަޅާލާފައި އެތަނުން ދާން އުޅުމުން [ޝިމަން ހައްޔަރު ކުރެެވިފައި ވަނީ]،" އެ މައްސަލަ ބަލާ ފުލުުހުންގެ އައިއޯ ކޯޓުގައި ބުންޏެވެ.
ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރެއް ވެސް ނުދީ އެވެ. މުޒާހަރާ ރޫޅާލި ހަމައެކަނި ސަބަބަކީ މަގުމަތީ މުޒާހަރާ ކުރުމުން ވިޔަފާރިތަކަށް ދަތިވުމާއި އޯލެވެލް ޓެސްޓު ހަދާ ކުދިންނަށް މުޒާހަރާގެ ސަބަބުން އުނދަގޫވުން ކަމަށް ފުލުހުން ބުންޏެވެ.
މުޒާހަރާގެ ތެރެއިން އެ ދެމީހުން ހައްޔަރު ކުރީ ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްގެން ކަމަށް އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ބުންޏެވެ. ހައްޔަރު ކުރުމަށް ފުލުހުން އަމަލު ކުރި ގޮތުން އެ ދެމީހުންނަށް ވެސް އަނިޔާ ލިބުނެވެ.
ޝިމަން އާއި މަހުޒޫމް ހައްޔަރު ކުރުމާއި މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެގަނެ އަމަލު ކުރި ގޮތް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިތުރުން ސިޔާސީ ބައެއް ބޭބޭފުޅުން ވެސް ވަނީ ކުށްްވެރިކޮށް، އެ ދެ މީހުން ދޫކޮށްލަން ގޮވާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ