މާލޭ ސިންތެޓިކް ޓްރެކުގައި، ދާދިފަހުން، ނިިމިގެންދިޔަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި، 17 ކްލަބަކުން 250 އެތުލީޓުން ވާދަކުރިއިރު، 56 އިވެންޓެއް ކުރިއަށްދިޔަ އެވެ. އަދި، އެ އިވެންޓްތަކުގައި، 26 މީޓް ރެކޯޑް ހެދުނުއިރު، ގައުމީ ރެކޯޑެއް ވެސް މުގުރާލި އެވެ.
އެ ގޮތުން، މުގުރާލި ގައުމީ ރެކޯޑަކީ، 16 އަހަރު ވަންދެން ދެމި އޮތް އަހުމަދު ޒަބީރު (ޒަބީ)ގެ ހައި ޖަމްޕް ރެކޯޑެވެ. ޔޫސުފް ނާއިކް ވަޖީހު ވަނީ 1.88 މީޓަރު މަތިން ފުންމައި، 2009 ވަނަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި، 1.85 މީޓަރު މަތިން ފުއްމައިގެން ޒަބީ ހެދި ރެކޯޑް މުގުރާލައިފަ އެވެ.
"އަސްލު ވަރަށް ޕްރެޕެއާ ކުރަން (ހައި ޖަމްޕު ރެކޯޑް) ބްރޭކް ކުރަން، ވަރަށް ބޭނުންވި އަސްލު ރެކޯޑް ބްރޭކުކުރަން، ކުރެވުނީތީ ވަރަށް އުފާވޭ. އިރާދަކުރެއްވިއްޔާ، މި ރެކޯޑް މި އަށް ވުރެ މަތި ކުރެވޭތޯ ބަލާނަން، އުންމީދަކީ، މި އަހަރު ނިމުމުގެ ކުރިން ޓޫ މީޓާސް ބްރޭކްކުރުން،" އުމުރުން 16 އަަހަރުގެ ނާއިކް، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނާ އެކު، ހައި ޖަމްޕްގެ ޓްރެއިނިން ހަދަން ނާއިކް ފެށީ މީގެ ތިން އަހަރު ކުރިންނެވެ. އޭނާގެ އުމުރުފުރާގެ މުބާރާތްތަކުން ކާމިޔާބު ލިބެމުން އައިއިރު، ހިތްވަރު ހޯދަން އަމިއްލަ އަށް ވެސް ނާއިކް އެކި ކަންކަން ކުރެ އެވެ.
"ކުރިން އަހަރުތަކުގައި ރެކޯޑްތަކާ ކައިރިވި އޭގެ ކުރިން ގޯލްޑް ލިބޭ އިންޓަ ސްކޫލް ކަހަލަ މުބާރާތްތަކުން، އެޗީވްމަންޓް ހޯދާއިރު، ކްރައުޑް އިން ކަމެއް ވެސް އަސްލު ނުފެނޭ، އިވެންޓަށް ފޯކަސް ކޮށްގެން އިނދެވޭތޯ ބަލަނީ،" ނާއިކް ބުންޏެވެ.
އެތުލީޓުން އަމިއްލަ އަށް ފޯކަސްކޮށްގެން ކުރިއެރުން ހޯދަން އެކި ކަންކަން ކުރެ އެވެ. އެ ގޮތުން، އެއް މުބާާރާތުން އަނެއް މުބާރާތަށް ރަނގަޅުުކުރަން ޖެހޭ ކަންކަމާއި ފޯކަސް ދަމަހައްޓަން ނާއިކް ވެސް މުހިންމު ކަމެއް ކުރެ އެވެ.
"ކޮންމެ މުބާރާތަކަށް ފަހު ވެސް، ގޭގައި އިންނާނެ ބިބް، ފާރުގައި ހަރުކޮށްފައި، ކޮންމެ މުބާރާތެއްގެ އެޗީވްމަންޓާއި ދުވަހާ އެއްޗެހި ލިޔަން. ދެން، އަސްލު ވަރަށް މޯޓިވޭޓްވޭ ކޮންމެ ފަހަރަކު ވެސް އިމްޕްރޫވްމަންޓް ފެންނާތީވެ، ކޮންމެ މުބާރާތެއްގައި ވެސް ޕާސަނަލް ބެސްޓް ބްރޭކްކުރެވޭތޯ ބަލަނީ އަސްލު،" ކެރިއަރު ކުރިއަށްގެންދަން ކުރާ މުހިންމު ކަމަކަށް އިޝާރާތްކޮށް، ނާއިކް ބުންޏެވެ.
މިދިޔަ މާޗް މަހު، މަހު ސައުދީ އަރަބިއްޔާގައި ކުރިއަށްދިިޔަ، އޭޝިއާގެ 18 އަހަރުންދަށުގެ އެތުލެޓިކްސް މުބާރާތުގައި ވާދަކުރި ނާއިކް ވަނީ ރާއްޖޭގެ 18 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ހައި ޖަމްޕް ރެކޯޑް އާ ކޮށްފަ އެވެ. އެ ގޮތުން، ނާއިކް، ރެކޯޑް އާ ކުރީ 1.84 މީޓަރު މަތިން ފުއްމައިގެންނެވެ. މީގެ ކުރިން ވެސް މި ރެކޯޑް އޮތީ ނާއިކް އަތުގަ އެެވެ. އެއީ، މި އަހަރުގެ ފެބްރުއަރީ މަހު ދައްމާމް ޓްރަޔަލްސްގައި، 1.80 މީޓަރު މަތިން ފުއްމައިގެންނެވެ. ކުރިއެރުމަށް ބަލާއިރު، ހަތަރު މަސް ތެރޭގައި ނާއިކް މި ވަނީ ބޮޑުތަނުން ތަފާތު ދައްކައިފަ އެވެ.
ނާއިކް، ހައި ޖަމްޕުގެ އިވެންޓްގައި ވާދަކުރަނީ.--- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނާ އެކު، ޕްރެކްޓިސްތައް ގަވާއިދުން ކުރަމުން އަންނަ ނާއިކް ބުނީ މުބާރާތްތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ގަދައަޅާ މަސައްކަތް ކުރާ ކަމަށެވެ.
"ކޮންމެ ދުވަހަކުހެން ޕްރެކްޓިސް ކުރަން. އަސްލު އަބުޅޯ ކޯޗާއި ސުޖިތު ސާއާ ނުލައި މިކަމެއް ނުވާނެ، އެ ދެ ކޯޗުންގެ ފަރާތުން ލިބޭ ޓްރެއިނިންތަކާ މެދު ވަރަށް އުފާވޭ،" ނާއިކް ބުންޏެވެ.
ރާއްޖޭން ބޭރުގެ މުބާރާތަށް ފުރަތަމަ ދިޔައިރު، ކޮންފިޑެންސް ހުރީ އެންމެ ރަނގަޅު ލެވަލްގައި ނޫންކަން ނާއިކް ފާހަގަކުރި އެވެ. އެކަމަކު، ގައުމު ތަމްސީލްކުރަން ލިބުނު ފުރުސަތުގެ މުހިންމުކަން އިހުސާސްވެ، އެ ހިތްހަމަޖެހުމާ އެކު، ރަނގަޅު ވާދައެއް ކުރުމުގެ އަޒުމުގައި، ދެން ތިބި ކުދިންނާ ވާދަކޮށް، ނާއިކް ހުރީ ކުރިއަށްދިއުމަށްޓަކައި ވަަރުފަދަ ރޫހެއްގަ އެެވެ.
"އުންމީދަކީ، އެ ކުދިންނާ (ބައިނަލްއަގުވާމީ ލެވަލްގެ އެތުލީޓުންނާ) ކޮމްޕީޓް (ވާދަ) ކުރެވޭ ވަރަށް މޮޅުވުން،" ނާއިކް ބުންޏެވެ.
ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިމަގަށްޓަކައި، އެންމެ ބޮޑު އުންމީދެއް ކުރާ އެތުލީޓުންގެ ތެރޭގައި ނާއިކް ހިމެނެ އެވެ.
16 އަހަރުވީ ރެކޯޑް މުގުރާލުމަށް ފަހު ނާއިކްގެ އާ އުންމީދުތަކެއް 16 އަހަރުވީ ރެކޯޑް މުގުރާލުމަށް ފަހު ނާއިކްގެ އާ އުންމީދުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ