ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ބޭނުންކުރެއްވުމަށް ގާނޫނުން ކަނޑައަޅާފައިވާ ރަށް ކަމަށްވާ ކ. އާރަށަށް ވަޑައިގަންނަވަން މިހާތަނަށް ހަރަދުވެފައިވަނީ 844،635ރ. ކަމަށާއި އެ ރަށަށް އާންމުކޮށް ވަޑައިގަންނަވަަނީ މާލޭގައި ފުޓްސަލް ކުޅުއްވަން އުނދަގޫވާތީ އެކަން ކުރައްވަން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ އަދަދާއި އެ ދަތުރުފުޅުތަކަށް މިހާތަނަށް ހަރަދުވެފައިވާ ވަރު ރައީސް ވަނީ ހާމަކުރައްވާފަ އެވެ. މި އަދަދުތައް ރައީސް ހާމަކުރެއްވީ ދައުލަތުގެ ހަރަދުން ބޮޑު ބައެއް އާރަށުގެ ދަތުރުފުޅުތަކަށް ރައީސް ބޭނުންކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މިއަދުގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ބުނީ ކީކޭ؟ - އެމްއެންޑީއެފްއިން އެއްކޮށްފައިވާ މައުލޫމާތުތަކާ ހަވާލާދެއްވައި ރައީސް ވިދާޅުވި ގޮތުގައި، ރައީސްކަމާ ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން މިއަދާ ހަމައަށް އެ ރަށަށް ވަޑައިގެންފައިވަނީ 116 ފަހަރު އެވެ. ގާތްގަނޑަކަށް ހަފްތާއަކު ތިން ފަހަރު އެ ރަށަށް ވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުން:
އާރަށަށް މިހާތަނަށް ވަޑައިގެންނެވި 116 ފަހަރުގެ ތެރެއިން 85 ފަހަރު ވަޑައިގަތީ ފުޓުބޯޅަ ކުޅެން
އާއިލާއާ އެކު ވަޑައިގަތީ 31 ފަހަރު
އާރަށަށް ދަތުރުކުރައްވާ 3 ލޯންޗުގެ ތެލުގެ ހަރަދަށް ހޭދަވެފައިވަނީ 844،635ރ.
ރައީސް ވިދާޅުވީ ގާނޫނަކުން ރައީސްއަށް ކަނޑައަޅާފައި އޮންނަ އެ ރަށަށް ވަޑައިގަންނަވަނީ އެހެން މީހަކަށް އުނދަގުލެއް ނުވެ، އެ ރަށުގައި ފަސޭހައިން ފުޓުބޯޅަ ކުޅުއްވޭނެތީ ކަމަށެވެ. މާލޭގައި ޓްރެފިކްގައި ޖެހިގެން ފުޓުބޯޅަ ކުޅުއްވަން ވަޑައިގަތުމަށް އުނދަގޫވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމެއް ފުޓުބޯޅަ ކުޅުމަކީ. ދެން ކުޑައިރު އެކަން ކުރަން އުޅެ ނުވެސް ވެފައި މިހުރީ ވެސް. ދެން ސިއްހަތު ރަނގަޅަށް ބެހެއްޓުމަށާއި ކަސްރަތު ކުރަން ބަލާއިރު ފުޓްސަލް ދަނޑެއް އާރަށުގައި އެބައޮވޭ ރަނގަޅު ފެންވަރުގައި ހަދާފައި ކުރީގައި. މާލޭގައި ހުރި ފުޓްސަލް ދަނޑުތަކަށް ދާންވެއްޖެއްޔާ ޓްރެފިކް ވަރަށް ތާށި ބޮޑު،" ރައީސް ވިދާޅުވި އެވެ.
މުލިއާގޭގެ ބަޖެޓުން ރައީސް ކުރައްވާ ހަރަދުތައް ބޮޑު ކަމަށް ބުނެ ވެސް ސޯޝަލް މީޑިއާގައި ބިލުތަކެއް ހިއްސާކޮށްފައިވާތީ އެ ކަމަށް ހިނގާ ހަރަދު ވެސް މިއަދު ރައީސް ހިއްސާކުރެއްވި އެވެ. އެގޮތުން، ރައީސް ވިދާޅުވީ:
މިދިޔަ އަހަރު މުލިއާގޭން ކެއިންބުއިމަށް ހަރަދުވެފައިވަނީ 565،703ރ.
މިއަހަރުގެ މިދިޔަ މަހުގެ ނިޔަލަށް ކެއިންބުއިމަށް ހަރަދުވެފައިވަނީ 175،564ރ.
އާރަށުގެ ކެއުން ވެސް ހަމަޖައްސަނީ މުލިއާގޭގެ ބަޖެޓުގެ ތެރެއިން
ރައީސް ވިދާޅުވީ މުލިއާގޭގެ ކެއުމުގެ ހަރަދާއި އާރަށުގެ ދަތުރުތަކާ ބެހޭ ގޮތުން ވެސް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަަކަކީ އެ މަނިކުފާނާއި އެ މަނިކުފާނުގެ އާއިލާއާ ގުޅުވައިގެން ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ތެރެއިން ވާހަކައެއް ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - އާރަށުގެ ހަރަދުތައް ރައީސް މިއަދު ހާމަކުރެއްވިއިރު، އެ ރަށަށް ރައީސްގެ އާއިލާއިން ވަޑައިގެންނެވި އަދަދާއި އެ ކަމަށް ދިޔަ ހަރަދު އަދި ދާ ބޭފުޅުންގެ މައުލޫމާތު ސާފުކުރަން މީގެ ކުރިން ބައެއް މީޑިއާތަކުން ހުށަހަޅާފައިވެ އެވެ. ނަމަވެސް އެ މައުލޫމާތަކީ ރައީސްގެ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ބުނެ އެ މައުލޫމާތު އޭރު ނުދެ އެވެ.
އާރަަށަށް އާންމުކޮށް ވަޑައިގަންނަވަނީ ފުޓުބޯޅަ ކުޅެން؛ ހަރަދުވީ 8 ލައްކައެއްހާ ރުފިޔާ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ