ފައިސަލްއަށް ވަޒީރުކަން ދިނީ އަބްދުއްރަހީމްއާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވެއްޖެ ފައިސަލްއަށް ވަޒީރުކަން ދިނީ އަބްދުއްރަހީމްއާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވެއްޖެ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއަށް ވަޒީރުކަމުގެ މަގާމު ދެއްވީ އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް މިހެން ވިދާޅުވީ ފައިސަލް މަގާމަށް އައްޔަން ކުރީ އަބްދުއްރަހީމް އާއެކު ހެދި ޑީލް އެއްގެ ދަށުންތޯ ނޫސްވެރިއަކު އެހި ސުވާލެއް ދޮގުކުރައްވަމުންނެވެ.
"ޑީލް އެއް ނަހަދަން. އެކަމު އެއީ އަޅުގަނޑުމެންގެ ތެރޭގަ އޮތް ގާތް ގުޅުމުގެ ސަބަބުން ހަމަޖެއްސި ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ފައިސަލްއަކީ މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރެވެ. ފުރަތަމަ ކެބިނެޓު އެކުލަވާލިއިރު އޭނާ ހިމެނުމުން، އެ ދާއިރާގެ ތަޖުރިބާއެއް އަދި ތައުލީމެއް ނެތް ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. ނަމަވެސް ރައީސް އޭރު ގެންދެވީ ފައިސަލް ދިފާއު ކުރައްވަމުންނެވެ.
މިނިސްޓަރު ކަމުން ފައިސަލް ވަކި ކުރީ މި އަހަރުގެ ޖެނުއަރީ 28، ގަ އެވެ. އޭރު އޭނާގެ ބައްޕަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.
ފައިސަލް ވަކިކުރަން ނިންމީ ކޮން ސަބަބަކާ ހުރެތޯ މިއަދު ސުވާލުކުރުމުން ރައީސް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އަދި ވިދާޅުވީ މިނިސްޓަރުން ވަކިކުރުމާއި އައްޔަނުކުރުމަކީ ރައީސަށް ލިބިދޭ ބާރެއް ކަމަށާއި އެކަން އެގޮތަށް ކުރެއްވީ އެމަނިކުފާނަށް ފެނިވަޑައިގަތުމުން ކަމަށެވެ.
ވަޒީރުކަމުން ވަކިކުރުމުން ފައިސަލް ވަނީ ސިޔާސީ މައިދާނުން ފެޔަށް ޖެހި އުފަން ރަށަށް ދިރިއުޅުން ބަދަލުކުރައްވާފަ އެވެ.
ފައިސަލް ވަކިކުރުމާ ގުޅިގެން އޭނާގެ ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުއިއްޒު އާ ދެމެދު އޮތް ގުޅުން ގޯސްވީ ކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އަދި މަޖިލީހުންގެ ރައީސްކަމުން އަބްދުއްރަހީމް ވަކިކުރުމުގެ މަޝްވަރާތަކެއް ވެސް ވެރިކަން ހިންގާ ޕީއެންސީ ތެރޭގައި ކުރި ކަމަށް އެ ދުވަސްވަރު މައުލޫމާތު ލިބުނެވެ.
ރައީސްގެ ނިންމުމަށް ފަހު ރާއްޖޭގެ ނޫހަކާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ދެ ރައީސުންގެ ގުޅުން ރަނގަޅު ނަމަ މިހެން މިކަން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ރައީސް އޭގެ ފަހުން ވިދާޅުވަމުން އަންނަ ބީދައިން މިއަދު ވެސް ވިދާޅުވީ އަބްދުއްރަހީމް އާ މައްސަލަ ނުޖެހޭ ކަމަށެވެ. އަދި މިހާރު ވެސް ގުޅުން ވަރަށް ރަނގަޅު ކަަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ