ރައީސް ވިދާޅުވަނީ މޯލްޑިވްސް 2.0 އާ އެކު ކޮރަޕްޝަން ނައްތާލެވޭނެ ކަމަށް
'މޯލްޑިވްސް 2.0' އަކީ ދައުލަތުގެ ހިދުމަތްތަކާއި މަސައްކަތް ކުރާ ނިޒާމު ޑިޖިޓަލައިޒްކުރުން ކަމަށާއި އޭގެ އެންމެ ބޮޑު މަގުސަދަކީ ކޮރަޕްޝަން ނައްތާލުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. "ވަރަށް ގިނަ މީހުން އެ މީހުންގެ މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި މި ހިފަނީ އެ މީހަކު އަމިއްލައަށް ހިދުމަތްތައް ދިނުމުގައި ކަންތައް ކުރާނެ ފުރުސަތު އޮވެގެން،" ރައީސް ވިދާޅުވި އެވެ."އޭގެ ބަދަލުގައި ވަރަށް ގިނަ ކަންކަން އޮޓޯ ނިޒާމެއްގެ ތެރެއިން ޑިޖިޓަލައިޒް ކުރެވިގެން ކުރިއަށްދާ ނަމަ ވަރަށް މަދުވާނެ މީހަކަށް އޭގެ ތެރެއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު. އަނެއްކާ އޭގެ ދެފުށް ފެންނަ ވަރު ބޮޑުވޭ. އެހެންވީމާ ވަރަށް ބޮޑުތަނުން ކޮރަޕްޝަން ނައްތާލެވޭނެ."ރައީސް ވިދާޅުވީ ދުނިޔޭގައި އެންމެ ރަނގަޅަށް ޑިޖިޓަލް ހިދުމަތްތައް ދޭ އެއް ގައުމަކީ އެސްޓޯނިއާ ކަމަށާއި އެ ގައުމަށް ކުރެއްވި ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ ވެސް ޑިޖިޓަލައިޒްކޮށް އެ ކަންތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން ކަމަށެވެ."ވަރަށް ދެފުށް ފެންނަ ނިޒާމެއް، ވަރަށް ކޮރަޕްޝަން މަދު އެފިޝިއަންޓް ނިޒާމެއް، ހިންގުންތެރި ނިޒާމެއް އޮންނަނީ،" ރައީސް ވިދާޅުވި އެވެ.ދިވެހިރާއްޖެ 2.0 ގެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް ބޭނުންފުޅުވަނީ، ކުރު ރާސްތާއެއްގައިކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. މި ސަރުކާރުން މަސައްކަތްކުރައްވަނީ، އެސްޓޯނިއާއިން ފަންސަވީސް އަހަރުން ކުރި ކަންތައް، ހަތަރު އަހަރުން ކުރެވޭތޯ ކަމަށާއި، އެސްޓޯނިއާގެ ތަޖުރިބާއިން ދަރިވަރުވެގެން އެކަން ޙާޞިލުކުރެވޭނޭ ކަމަށް ޚުދު އެސްޓޯނިއާއާގެ ކަމާބެހޭ ފަރާތްތަކުންވެސް ޤަބޫލުކުރާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.އަދި މި ފަދަ ބޮޑެތި ބަދަލުތައް ގެނެވޭނީ ބަދަލުތައް ބަލައިގަންނަ މިންވަރަކުންކަން ފާހަގަކުރައްވައި، މި ބިޔަ މަޝްރޫޢުގެ ތެރެއިން "ޗޭންޖް މެނޭޖްމަންޓް" ނުވަތަ ބަދަލުތައް އިންތިޒާމުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. މީގެ އިތުރުން، 2030 ވަނަ އަހަރު އަންނަ އިރު ދިވެހި ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިޤްތިޞާދަށް ބަރޯސާވާ މިންވަރަކަށް ހެދުމަށް ކުރައްވާ އުންމީދު، މިއަދުގެ ޕޮޑްކާސްޓުގައިވެސް އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ