ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އޮޓޮމެޓިކް އިމްޕްލާންޓަބަލް ކާޑިއޯވާޓާ-ޑީފިބްރިލޭޓާ (އޭއައިސީޑީ) ޓްރާސްޕުލާންޓް ޕްރޮސީޖާ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި އެވެ.
އިމްޕްލަންޓަބަލް ކާޑިއޯވާޓާ-ޑިފިބްރިލޭޓާ (އައިސީޑީ) އަކީ ހިތުގެ ނުރައްކާތެރި ރިދަމްތަކުގެ ނުރައްކަލުގައި ތިބޭ ފަރާތްތަކަށް ފުރާނަ ސަލާމަތްކޮށްދޭ ޒަމާނީ އާލާތެކެވެ. އެއީ ކުޑަ ޖެނެރޭޓަރަކާއި ވަޔަރުތަކެއް ހިމެނޭ، ހަށިގަނޑުގައި އިމްޕްލާންޓް ކުރެވޭ ވަސީލަތެކެވެ.
އެ ޑިވައިސްއިން ހިތުގެ ވިންދު ދާއިމީކޮށް ބަލަހައްޓަމުން ގެންގޮސް، ނުރައްކާތެރި ރިދަމެއް ދެނެގަނެވިއްޖެނަމަ އެކަށީގެންވާ މިންވަރެއްގެ ކަރަންޓު ޝޮކެއް ދެ އެވެ.
ޒަމާނީ އޭއައިސީޑީތަކުން ޕްރޮއެކްޓިވްކޮށް ބަލިމީހާގެ ކިބައިން އަލާމާތްތައް ފެނުމުގެ ކުރިން ހިތުގެ ހިނގުން ރަނގަޅު ކޮށްދެ އެވެ. މީގެ އިތުރުން ކާޑިއޮލޮޖިސްޓަކާއި ދުރުން މުއާމަލާތު ކުރުމުގެ ގާބިލުކަން ލިބި، ދެނެގަނެވިފައިވާ މައްސަލަތަކުގެ މައްޗަށް ބިނާކޮށް ވަގުތުން ވަގުތަށް އިންޓަވެންޝަން ހެދުމުގެ ފުރުސަތު ފަހިކޮށްދީ، ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށް މަގުފަހިކޮށްދެ އެވެ.
މި ޑިވައިސްގެ ސަބަބުން ބަލިމީހުންނަށް އިތުރު ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.
މިއީ ޓްރީ ޓޮޕްގެ ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ގާބިލުކަން އިތުރަށް ހާމަކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ރާއްޖޭގެ ތަޖުރިބާކާރު ކާޑިއޮލޮޖީ ސްޕެޝަލިސްޓް ޑރ. މިގުދާދު ޝަރީފް އަދި ޓްރީ ޓޮޕްގެ ކާޑިއޯ ޑިޕާޓްމަންޓްގެ ހެޑް ޑރ. އަމިތު އަގަރްވާލްގެ އެހީތެރިކަމާއިއެކުގަ އެވެ.
ޑރ. އަމިތު ވިދާޅުވީ އެ ޕްރޮސީޖާ ކުރިއަށް ގެންދަން ބަލިމީހާއަށް ލަސްވުމެއްނެތި ފަރުވާ ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.
"ބަލި ދެނެގަނެވުނު ހިސާބުން ފެށިގެން މި ފަރުވާއަށް ބޭނުންވާ އާލާތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ހޯދައި، ބަލިމީހާއަށް ލަސްވުމެއްނެތި ފަރުވާ ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައި، މީގެން މި ފެންނަނީ އަޅުގަނޑުމެންގެ ރެސްޕޮންސް ޓައިމް، އަދި އަޅުގަނޑުމެން އަބަދުވެސް މިފަދަ ކަންކަމަށް ތައްޔާރު ވެފައިވާ މިންވަރު ރަނގަޅުކަން،" އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.
އެގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީ ޓޮޕްގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
ޓްރީ ޓޮޕުން ފުރަތަމަ ފަހަރަށް އޭއައިސީޑީ ޓްރާންސްޕްލާންޓެއް ހަދައިފި ޓްރީ ޓޮޕުން ފުރަތަމަ ފަހަރަށް އޭއައިސީޑީ ޓްރާންސްޕްލާންޓެއް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ