ބިލް ގޭޓްސް ހުރިހާ ފައިސާއެއް ދޫކޮށް 20 އަހަރު ތެރޭގައި ގޭޓްސް ފައުންޑޭޝަން އުވާލަނީ

މައިކްރޯސޮފްޓުގެ ބާނީ ބިލް އާއި މެލިންޑާ ފްރެންޗް ގޭޓްސް 2000 ވަނަ އަހަރު އުފެއްދި ގޭޓްސް ފައުންޑޭޝަން އުވާލަން ނިންމައިފިއެވެ. އެ ފައުންޑޭޝަންގެ ބާނީ ބިލް ގޭޓްސްއާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ރާވާފައި ވަނީ ޑިސެމްބަރު 31، 2045 ގައި ފައުންޑޭޝަން ބަންދު ކުރުމަށެވެ. އަދި ކުރިއަށް އޮތް 20 އަހަރު އެ ފައުންޑޭޝަންގެ 200 ބިލިއަން ޑޮލަރު ޗެރިޓީތަކަށް ހޭދަކުރަން ވަނީ ނިންމާފައެވެ. ގޭޓްސް ފައުންޑޭޝަން ފުރަތަމަ ފެށިއިރު އެ ފައުންޑޭޝަން އުވާލަން ނިންމާފައި ވަނީ ބިލް ގޭޓްސް ނިޔާވާތާ 20 އަހަރަށް ފަހުގައެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު ޝާއިއުކުރި ބްލޮގް ޕޯސްޓެއްގައި ގޭޓްސް ވިދާޅުވީ މި ފިޔަވަޅަކީ އެހެން ބިލިއަނަރުންނަށް ވެސް ނަމޫނާއެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އެ ފަންޑުން ދޭ އެހީތެރިކަން ދެގުނަ އަށް އިތުރު ކުރާނެ ކަމަށެވެ. އަހަރެން މަރުވުމުން މީހުން އަހަރެންނާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދައްކާނެ. ނަމަވެސް އަހަރެން މަރުވީ މުއްސަނދި ކަމުގައޭ ނުބުނާނެ،" އޭނާ ބްލޮގްގައި ލިޔުއްވާފައިވެއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި މައިކްރޮސޮފްޓް އުފެދުނު ފަހުން ގޭޓްސް ފައުންޑޭޝަން މިހާރު ވެސް ވަނީ އެކި ކަން ކަމަށް 100 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަދިޔާކޮށްފައެވެ. ގޭޓްސް ވަނީ ފާއިތުވި އަހަރުތަކުގައި، ޚާއްސަކޮށް ކޮވިޑް-19 އާއި ގުޅިގެން އެހީތެރިވެދީފައެވެ. އެ ފައުންޑޭޝަނުން ވަނީ ޕޯލިއޯ ބަލި ނައްތާލުމުގެ ބައިނަލްއަގްވަމީ ކެމްޕެއިނަށް އެހީވެފައެވެ. އަދި ކުޑަކުދިންނަށް ބޭރަށްހިންގުން ޖެހިގެން މަރުވާ ރޮޓަވައިރަސްއަށް އާ ވެކްސިނެއް ތައާރަފްކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ކުރިއަށް އޮތް 20 އަހަރު ތެރޭގައި ގޭޓްސް ފައުންޑޭޝަނުން އަމާޒުކުރާނީ މައިގަނޑު ތިން ކަމަކަށެވެ. އެއީ މައިންނާއި ތުއްތު ކުދިން މަރުވާ މިންވަރު މަދުކުރުމާއި، މަރު ބަލިތައް ނައްތާލުމާއި، ދުނިޔޭގެ އެތައް ސަތޭކަ މިލިއަން މީހުން ފަގީރުކަމުން ސަލާމަތް ކުރުމެވެ. ބްލޫމްބާގުގެ ބިލިއަނާސް އިންޑެކްސް އިން ކަނޑާއަޅާފައިވާ ގޮތުގައި ގޭޓްސްގެ މިލްކިއްޔާތުގައި މިހާރު 108 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި އޭނާއަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ މުއްސަނދި މީހާއެވެ. ދެހާސް ސާޅީސް ފަސް ވަނަ އަހަރުގެ ނިޔަލަށް ގޭޓްސްގެ މިލްކިއްޔާތު %99 ދަށްވާނެ ކަމަށާއި ކުރިއަށް އޮތް 20 އަހަރު ތެރޭގައި އެ ފައުންޑޭޝަން މެދުވެރިކޮށް ދޭނެ ކަމަށް ލަފާކުރާ 200 ބިލިއަން ޑޮލަރު ލިބޭނީ އެ ފައުންޑޭޝަންގެ މިހާރު ހުރި 77 ބިލިއަން ޑޮލަރުގެ އެންޑޯމަންޓާއި އޭނާގެ އަމިއްލަ މުއްސަނދިކަމުންނެވެ. އޭގެ ތެރޭގައި އޭނާ އުފެއްދި ނިއުކްލިއާ ހަކަތަ ކުންފުނި ޓެރާޕަވާ ފަދަ މިހާރު ހިނގަމުންދާ ވިޔަފާރީގެ އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީ ވެސް ހިމެނޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ