ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުންދާ ކަމަށާއި، އެމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ހަމަލާތައް ބަދަލުކުރަން ފަށާފައިވާއިރު،ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް އިންޑިއާ އިން ދިން ހަމަލާތަކުގައި 31 މީހަކު ވަނީ މަރުވެފައެވެ.
އަދި ޕާކިސްތާނުން އަންނަނީ ރައްދު ހަމަލާތައް އިންޑިއާ އަށް ދެމުންނެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އަދި ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ.
”ޕާކިސްތާނުގެ މަސްރަހު މިހާރަށްވުރެ ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަމެވެ،“ އެ ބަޔާނުގައިވެއެވެ.
ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ޕާކިސްތާނުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް ވަނީ އެދިފައެވެ.
އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ގުޅޭނެ ނަންބަރު: 923008504143 +
މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 7983400
ޕާކިސްތާނުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން: ފޮރިން މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ