ޑި ބްރުއިނާ ނަޕޯލީ އާއި ގުޅިއްޖެ

އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއިން ނިމިދިޔަ ސީޒަނަށް ފަހު ދޫކޮށްލި ބެލްޖިއަމްގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ކެވިން ޑި ބްރުއިނާ އިޓާލިއަން ސެރީއާގެ މިފަހަރުގެ ޗެމްޕިއަން ނަޕޯލީއާ ގުޅިއްޖެއެވެ. ޑި ބްރުއިނާ ނަޕޯލީ އާ ގުޅިފައިވަނީ ފްރީ ޓްރާންސްފާ އެއްގެ ދަށުންނެވެ. އަދި ބުނެވޭގޮތުގައި އުމުރުން 33 އަހަރުގެ ޑި ބްރުއިނާ ވަނީ ނަޕޯލީއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޑި ބްރުއިނާ ދޫކޮށްލާކަން ސިޓީއިން ހާމަކޮށްފައިވަނީ މިދިޔަ ސީޒަން ނިމެން ގާތްވެފައިވަނިކޮށެވެ. އެހެން ކަމުން އޭނާ ވޭތުވެދިޔަ 10 އަހަރު ވަންދެން ކުޅުނު ދޫކޮށްލާކަން ސީޒަން ނިމުމުގެ ކުރިން އޭނާ އާއި އެހެން ފަރާތްތަކަށް އޮތީ އެނގިފައެވެ. އަދި އޭނާގެ ހިދުމަތް ހޯދުމަށް ނަޕޯލީގެ އިތުރުން އެހެން ބައެއް ކްލަބްތަކުން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ނަޕޯލީގެ އިތުރުން ދެން އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ އެމެރިކާގެ މޭޖާ ލީގު ސޮކާގެ ޝިކާގޯ ފަޔާއެވެ. ނަޕޯލީއިން އެ ޓީމާ ޑި ބްރުއިނާ ގުޅުނުކަން ހާމަކޮށްފައިވަނީ ޑި ބްރުއިނާ ތަހުތެއްގައި ތާޖެއް އަޅައިގެން އިންނަ ގޮތަށް ކޮމްޕިއުޓާއިން ފަރުމާކޮށްފައިވާ މަންޒަރެއް އާންމު ކުރުމާއެކުއެވެ. އަދި ލިޔެފާވަނީ ކިންގް ކެވް އެ ޓީމާ ގުޅުނު ވާހަކައެވެ. 2015 ވަނަ އަހަރު ޖަރުމަނު ބުންޑެސްލީގާގެ ވުލްފްސްބާގް އިން ސިޓީ އާއި ގުޅުނު ޑި ބްރުއިނާ ސިޓީގައި ހޭދަކުރި ކާމިޔާބު 10 އަހަރުގައި އޭނާ ވަނީ 19 ތަށި ކާމިޔާބު ކޮށްފައެވެ. މިގޮތުން އޭނާ ވަނީ ސިޓީ އާއި އެކު ޕްރިމިއާ ލީގު ހަ ފަހަރު، ލީގު ކަޕް ފަސް ފަހަރު، އަދި އެފް އޭ ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ. އަދި 2023 ވަނަ އަހަރު ޑި ބްރުއިނާ ވަނީ ސިޓީއިން އެ ކްލަބްގެ ތާރީހްގައި ފުރަތަމަ ފަހަރަށް ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ޑި ބްރުއިނާ ސިޓީގެ ދަނޑުގައި އެ ޓީމަށް ކުޅުނު ފަހު މެޗަކަށް ވެގެންދިޔައީ ލީގުގައި މެއި މަހުގެ ތެރޭގައި ބޯންމޯތާއި ދެކޮޅަށް ކުޅުނު މެޗެވެ. އަދި ސިޓީއިން ވަނީ ޑި ބްރުއިނާއަށް ވަރަށް ފުރިހަމަ އަލްވަދާއު އެއްވެސް ކިޔާފައެވެ. ޑި ބްރުއިނާ އޭރު ބުނި ގޮތުގައި އޭނާވަނީ ސިޓީގައި ފާހަގަ ކޮށްލެވޭ އަދި ހަނދާނުން ފޮހެލަން ދަތި 10 އަހަރު ހޭދަކޮށްފަ ކަމަށެވެ. އަދި ވެތުވެދިޔަ 10 އަހަރު މެންޗެސްޓާ ވެގެންދިޔައީ އޭނާ އާއި އޭނާގެ އާއިލާގެ ގެ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ