މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ފިހާރައިން، ހުކުރު ގަޑީ ޓިނު ނަގައިގެން ވައްކަންކޮށްފި
މިއަދުގެ ހުކުރު ވަގުތަށް ފިހާރަ ބަންދުކޮށްފައި ހުއްޓައި، މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ފިހާރައިގެ ފުރާޅުގެ ޓިނު ނަގައިގެން ވަދެ، ވައްކަންކޮށްފިއެވެ. ފުލުހުން މިއަދު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ވަނީ، މާލޭގައި ހުންނަ، އެމްޓީސީސީގެ ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ފިހާރައިން ވައްކަން ކޮށްފައި ވަނީ ހުކުރު ވަގުތަށް ފިހާރަ ބަންދުކޮށްފައި ހުއްޓައި، އެ ތަނުގެ ޓިނު ނަގައިގެން ވަދެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ފިހާރައިން ފޯނަކާއި ފައިސާ ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާ ކަމަށެވެ. ފިހާރަތަކަށް ވަގަށް ވަދެ ނުވަތަ ހުޅުވާފައި ހުންނަ ގަޑިތަކުގައި ވެސް ފިހާރަތަކުން ވައްކަންކޮށް އެ ތަނުގައި ތިބޭ މީހުންނަށް ބިރުދައްކައި ފައިސާއާއި ތަކެތި ފޭރުމަކީ މިހާރު މާލޭގައި އާންމުވެފައިވާ މައްސަލައެކެވެ. ވައްކަމުގެ މައްސަލަތައް މާލޭގައި އާންމުވެފައި ވާއިރު މިދިޔަ މަހު އެކަނި ވެސް ވައްކަމުގެ 310 މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ