ސްރީލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު އިތުރުވެއްޖެ

މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު އިތުރުވެއްޖެއެވެ.
ސްރީލަންކާގެ ޓޫރިޒަމް ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މެއިމަހުގެ ނިޔަލަށް އެޤައުމަށް 13,296 ދިވެހިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 5،256 މީހުންގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލަންކާއަށް ޒިޔާރަތްކުރި ދިވެހިންގެ އަދަދު އުޅެނީ 8,040 ގައެވެ. މެއިމަހުގެ ނިޔަލަށް ސްރީލަންކާއަށް ޖުމްލަ 1,029,803 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
ނިމިގެންދިޔަ 2024 ވަނަ އަހަރު ނިމުނުއިރު ލަންކާއަށް 47,222 ދިވެހިން ޒިޔާރަތްކުރިއެވެ.
2019 ވަނަ އަހަރު އީސްޓާ ބޮމުގެ ހާދިސާ އާއި އަދި އެޤައުމަށް މިފަހުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމާއެކު ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންގެ އަދަދު ވަނީ ވަރަށްބޮޑަށް ދަށަށްގޮސްފައެވެ. އަދި ވިޔަފާރިއާއި ސިއްހީކަންކަމުގެ އިތުރުންވެސް އެނޫންވެސް ބޭނުންތަކުގައި އެޤައުމަށް ޒިޔާރަތްކުރާ ދިވެހިްނގެ އަދަދުވެސް ވަނީ ދަށްވެފައެވެ. މީގެ ކުރިން ސްރީލަންކާ ފާހަގަކުރެވިފައިވަނީ ބޭރު ގައުމެއްގައި އެންމެގިނަ ދިވެހިން އުޅޭ ޤައުމުގެ ގޮތުގައެވެ. 
ސްރީލަންކާއަށް ދިމާވެފައިވާ ދަރަނީގެ ހާލަތުން އަރައިގަތުމަށް އެޤައުމުން މަސައްކަތް ފަށާފައިވާއިރު، ޓޫރިޒަމް ފަދަ ސިނާއަތްތަކަށް އެދެވޭފަދަ ކުރިއެރުމެއް ލިބެމުން އަންނަކަމަށް އެޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ