އިޒްރޭލުގެ އަސްކަރިއްޔާ އިން އީރާނުގެ އިސް ޖެނެރަލުންނާއި ނިއުކްލިއާ ސައިންޓިސްޓުން މަރާލުމާ ގުޅިގެން ދެ ގައުމުން އެއްްބަޔަކު އަނެއް ބަޔަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުން ދަނިކޮށް، އީރާނާއި އިޒްރޭލުގައި އަނެއްކާ ވެސް ވެސް ބޮމުގެ ސައިރަންގެ އަޑު ގަދަވާން ފަށައިފި އެވެ.
އީރާނުން ދިން ރައްދު ހަމަލާތަކުގައި ހުކުރު ދުވަހުން ފެށިގެން މިހާތަނަށް އިޒުރޭލުގެ ހަތަރު މީހަކު މަރުވެ، 200 އަށް ވުރެ ގިނަ މީހަކު ވަނީ ޒަހަމްވެފަ އެވެ. އީރާނުގެ މިސައިލްތަކުން ރޭ ވަނީ ގުދުސް އާއި ތެލްއަވީވްގެ އުޑުމަތި ކުލަ ބޮކިތަކުން އަލިކޮށްލައިފަ އެވެ. ހީވީ ހަވާ އަރުވާހެންނެވެ.
އީރާނުގެ ވެރިރަށް ތެހެރާނުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށާއި އަސްކަރީ ތަންތަނާއި ނިއުކްލިއާ މަރުކަޒުތަކަށް އިޒުރޭލުގެ އަސްކަރިއްޔާ އިން ދިން ހަމަލާތަކުގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް، 80 މީހަކު މަރުވެ، 320 އަށް ވުރެ ގިނަ މީހަކު ވަނީ ޒަހަމުވެފަ އެވެ. އަދި މިހާތަނަށް ނުވަ ނިއުކްލިއާ ސައިންޓިސްޓުން އަވަަހާރަކޮށްލައިފަ އެވެެ.
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ވިދާޅުވީ އިސްވެ ހަނގުރާމަ ފެށީ އިޒުރޭލުން ކަމަށާއި އީރާންގެ އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނާއި ސައިންސްވެރިން އަވަހާރަކޮށްލުމުގެ ބަދަލު އިޒްރޭލުގެ ކިބައިން ވޭންދެނެވި ގޮތަކަށް ހިފާނެ ކަމަށެވެ.
އާޔަތުالله އަލީ ހާމަނާއީއާ ހަވާލާދީ އީރާނުގެ ދައުލަތުގެ ޓީވީން ބުނީ "އިޒުރޭލުން ހަމަލާ ދީފައި އޮތުމުން، އެހާ ހިސާބުން އެކަން ނިމުނީ ކަމަށް ހީކޮށްގެން ނުވާނެ ކަމަށާ އަދި އެކަން ނިމުނީ ކަމަށް ގަބޫލުކޮށްގެން ވެސް ނުވާނެ" ކަމަށެވެ.
"ނޫން. އެމީހުން އިސްވެ ހަނގުރާމަ ފެއްޓީ. އެމީހުން ހިންގި މި ބޮޑު ޖަރީމާގެ އަދަބު ނުލިބި ދިއުމުގެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" ހާމަނާއީ ވިދާޅުވި އެވެ.
އީރާނާއި އިޒުރޭލާ ދެމެދު ދެކޮޅުވެރިކަމާއި ނުސީދާ ހަމަނުޖެހުންތަކެއް އޮންނަތާ އެތައް އަހަރަކަށް ފަހު، މިއީ އެ ދެ ގައުމުގެ ދެމެދު މިހާ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރި ފުރަތަމަ ފަހަރެވެ. އަދި އެއާ އެކު މުޅި ސަރަހައްދުގައި ދިގު ދެމިގެންދާ ހަމަނުޖެހުންތަކެއް ފެތުރިދާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ.
އިޒްރޭލުގެ ދިފާއީ ވަޒީރު އިސްރާއީލު ކާޓްޒް މިއަދު އިންޒާރު ދެއްވީ އިޒުރޭލުގެ އާންމުންނާ ދެކޮޅަށް އީރާނުން މިސައިލް ހަމަލާތައް ދެމުން ގެންދާ ނަމަ "ތެހެރާން އަންދައިލާނެ" ކަމަށެވެ. އަދި އީރާނުން އިޒުރޭލުގެ އާންމުންނަށް ދެމުންދާ މިސައިލް ހަމަލާތައް ކުރިއަށް ގެންދާ ނަމަ އީރާންގެ ރައްޔިތުންގެ ކިބައިން އެކަމުގެ ބަދަލު ހިފާނެ ކަމަށެވެ.
"ހާމަނާއީ އިޒުރޭލުގެ އާންމު ތަންތަނަށް މިސައިލްތައް ފޮނުވަމުން ގެންދާ ނަމަ ތެހެރާނުގައި އަލިފާން ރޯކުރާނަން،" ކާޓްޒް ވިދާޅުވި އެވެ.
މިއަދު އިޒުރޭލުން ވަނީ ތެހެރާނުގެ މެހެރާބާދު އެއާޕޯޓަށް ދެ މިސައިލެއް ފޮނުވާލައިފަ އެވެ. އެ އެއާޕޯޓަކީ ފައިޓާ ޖެޓާއި ޓްރާންސްޕޯޓް މަތިންދާ ބޯޓްތައް ހިމެނޭ އެއާފޯސް ބޭސްއެއް ހުންނަ ތަނެކެވެ.
އެ ހަމަލާތަކުގެ ސަބަބުން އެއާޕޯޓުގައި ބޮން ގޮއްވާލި ނަމަވެސް ރަންވޭއަކަށް ނުވަތަ އިމާރާތަކަށް އަދި ފެސިލިޓީއަކަށް އެއްވެސް އަސަރެއް ކޮށްފައެއް ނުވާ ކަމަށް އީރާނުން ބުނެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ވެސް ވައިގެ ހަމަލާތައް ދެމުންނެވެ.
އެޓޮމިކް އެނާޖީ އޯގަނައިޒޭޝަން އޮފް އީރާނުގެ ތަރުޖަމާނު ބެހްރޫޒް ކަމާލްވަންދީ އާ ހަވާލާދީ އީރާނުގެ ނިއުސް އެޖެންސީން ބުނީ ފޯޑޯ އެންރިޗްމަންޓް ސައިޓުގެ ބައެއް ސަރަހައްދުތަކަށް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އީރާނުގެ ބައެއް މިސައިލްތަކުން ވަނީ އިޒުރޭލުގެ ދަގަނޑު ޑޯމް ޑިފެންސް ސިސްޓަމް ފޫއަޅުވާލައި ވެރި ރަށް ތެލް އަވީވް އާއި ރިޝޯން ލެޒިއޯން އަދި ރަމަތު ގަންގެ މެދުގެ ސަރަހައްދުތަކަށް ހަމަލާތައްދީފަ އެވެ.
ތެލްއަވީވް އާއި ގުދުސްގައި ވައިގެ ހަމަލާތަކުގެ ސައިރަންތައް އަޅަން ފެށުމުން އާންމުން ވަނީ އަވަސް އަރުވާލައިގެން ހޮރުތަކަށް ވަދެ ފިލައިފަ އެވެ. އިޒްރޭލުގެ އޮފިޝަލަކު ވިދާޅުވީ އީރާނުން ތަފާތު ހަތަރު ގުއްރާސްއެއްގެ މަތީން 200 ބެލިސްޓިކް މިސައިލް އިޒުރޭލަށް އަމާޒުކޮށް ފޮނުވާލާފައިވާ ކަމަށެވެ.
ތެލްއަވީވްގެ މެދުތެރޭގެ އާބާދީ ބޮޑު ސަރަހައްދެއްގައި ހުރި އުސް އިމާރާތަކަށް ރޭ ވަނީ ހަމަލާދީފަ އެވެ. އިޒްރޭލުގެ ހާރެޓްޒް ނޫހުން ބުނި ގޮތުގައި ރަމަތު ގަމުގެ ނުވަ އިމާރާތެއް ވަނީ ސުންނާފަތިވެފަ އެވެ.
އެމެރިކާއިން އިޒުރޭލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މައިކް ހަކަބީ ވިދާޅުވީ އީރާނުން ދިން މިސައިލް ހަމަލާތަކުގެ ސަބަބުން ރޭ ފަސް ފަހަރެއްގެ މަތިން ހިމާޔަތް ހޯއްދަވަން ޖެހުނު ކަމަށެވެ.
އިޒުރޭލުގެ އަސްކަރިއްޔާއިން މިއަދު ބުނެފައި ވަނީ އިޒްރޭލުގެ މެދުތެރެއަށް އީރާނުން ދިން ބެލިސްޓިކް މިސައިލް ހަމަލާގައި އެގައުމުގެ ހަތް ސިފައިންގެ މީހަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި އެ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މިއީ މީގެ ދެ ދުވަސް ކުރިން އީރާނާއި އިޒުރޭލާ ދެމެދު ފެށުނު ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން އިޒުރޭލުގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަން ހާމަކުރި ފުރަތަމަ ދުވަހެވެ.
އީރާނުން ވަނީ އިޒުރޭލުގެ ދިފާއުގައި އެހީތެރިކަން ފޯރުކޮށްދީފި ނަމަ އެ ސަރަހައްދުގައި ހުރި އިޒުރޭލުގެ ބޭސްތަކާއި އުޅަނދުތަކަށް އަމާޒުކުރާނެ ކަމުގެ އިންޒާރު ވެސް އިޒުރޭލުގެ ބައިވެރިންނަށް ދީފަ އެވެ. އެއީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތަށް އިޝާރާތްކޮށް ބުނި ވާހަކަ އެކެވެެ.
"އީރާނުން އިޒުރޭލަށްދޭ ހަމަލާތަކުން ދިފާއުވުމުގައި ބައިވެރިވާ ކޮންމެ ގައުމަކަށް ވެސް އަމާޒު ކުރާނެ ކަމަށާއި އެކަމުގައި ޝާމިލްވާ ކޮންމެ ސަރުކާރަކަށް ނިސްބަތްވާ ސަރަހައްދީ ހުރިހާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ވެސް އީރާނުން ބުންޏެވެ. އޭގެ ތެރޭގައި ގަލްފުގެ ގައުމުތަކުގެ އަސްކަރީ މަރުކަޒުތަކާއި، ގަލްފާއި ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތައް ހިމެނޭނެ ކަމަށެވެ.
އީރާނުން މީގެ ކުރިން ވެސް ތުހުމަތުކޮށްފައި ވަނީ އިޒުރޭލުންދޭ ހަމަލާތަކުގައި އެމެރިކާ ބައިވެރިވާ ކަމަށެވެ. އަދި އެކަމުގެ ޒިންމާ އުފުލަން ޖެހޭ ކަމަށް ބުނެފަ އެވެ.
އޮސްޓްރޭލިއާގެ ޑީކިން ޔުނިވާސިޓީގެ މެދުއިރުމަތީގެ ސިޔާސީ ދާއިރާއަށް ހާއްސަ ޕްރޮފެސަރު، ޝަހްރާމް އަކްބަރުޒާދާ ދާޅުވީ އިޒުރޭލުން ބޭނުން ވަނީ އެމެރިކާ އެ ހަނގުރާމައިގެ ތެރެއަށް ވެއްދުން ކަމަށެވެ. އަދި އާހިރު ނަތީޖާއަކީ އިޒުރޭލުގެ ދިފާއުގައި އެމެރިކާ ހަނގުރާމައިގެ ތެރެއަށް ވަނުން ކަމަށެވެ.
އީރާނުގެ ހަމަލާތަކުގައި އިޒުރޭލުގެ ތަންތަން ސުންނާފަތި ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ