މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ ގުރޫޕް އޭގައި މިރޭ މުރައިދޫ އާއި މާފަހި ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް މުރައިދޫ އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މުބާރާތުގައި މުރައިދޫ ކުޅުނު ފުރަތަމަ މެޗުގައި ދިއްދޫ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މާފަހިގެ ފުރަތަމަ މެޗުގައި ފިނޭ އަތުން އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި މުރައިދޫގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް މުރައިދޫ އިން ކާމިޔާބުކުރީ 22 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 3-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި މާފަހިން އެޓީމުގެ ކުޅުން ކޮންމެ ވެސް ވަރަކަށް ރަނގަޅުކުރި ނަމަވެސް މި ސެޓުވެސް މުރައިދޫ ކާމިޔާބުކުރީ މާކަބޮޑު ވާދަވެރިކަމެއްނެތި 12 ޕޮއިންޓްގެ ލީޑަކާއެކު 13-25 ގެ ނަތީޖާއަކުންނެވެ.
މުރައިދޫ ޓީމުގެ ހުސެއިން ވިޝާލް... ފޮޓޯ: ހުސެއިން ފަލާހް
މެޗުގެ ތިންވަނަ ސެޓުގައި މާފަހިން އެޓީމުގެ ކުޅުން ރަނގަޅުކުރި ނަމަވެސް މިސެޓް މުރައިދޫ އިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 23-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުރައިދޫގެ ހުސެއިން ވިޝާލް އެވެ.
ޝަރަފްވެރި މެހެމާން މުހައްމަދު ނިޔާޒް މެޗުގެ މޮޅު ކުޅުންތެރިޔާ ވިޝާލްއަށް ޓްރޮފީ ހަވާލުކޮށްދެނީ.. ފޮޓޯ: ހުސެއިން ފަލާހް
މިނަތީޖާއެކު ގުރޫޕް ސްޓޭޖުން ކުޅުނު ދެމެޗުން މޮޅުވެ، ހަ ޕޮއިންޓާއެކު މުރައިދޫ ގުރޫޕްގެ އެއްވަނައިގައި އޮތްއިރު، މިމެޗުން ބަލިވި މާފަހި ކުޅުނު ދެމެޗުން ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
10 ޖޫން 2025 އިން 21 ޖޫންް 2025 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މުރައިދޫގެ އިތުރުން ތިލަދުންމަތީގެ އިތުރު ނުވަ ރަށަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މުރައިދޫ ޓީމުގެ ހުސެއިން ވިޝާލް... ފޮޓޯ: ހުސެއިން ފަލާހް
މި މުބާރާތުގެ މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ސްވާން ފެމިލީ ހަމަޖައްސާފައިވާއިރު، ކޯ ސްޕޮންސަރުންގެ ގޮތުގައި ވެލްކޯ, ހަނދުވަރު މޯލްޑިވްސް، ސީގަލް ގުރޫޕް، ގްރީން ކާޕެޓް އަދި އެސްޖޭ މޯލް ވާނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މުބާރާތުގެ ސަޕޯޓިން ޕާޓްނަރުންގެ ތެރޭގައި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި މުރައިދޫ ކައުންސިލް އިދާރާ ހިމެނޭއިރު، ކިޓްސް ޕާޓްނަރަކީ ޖާޒިޔާ އެވެ. އަދި ބެވަރޭޖް ޕާޓްނަރަކަށް ރެޓޯ ސޮލިއުޝަން ހަމަޖައްސާފައިވާއިރު، ކޭޓަރިންގ ޕާޓްނަރަކީ ކޮފީ ހަޓެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓް ލެބް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މިޑީޔާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.
ވިޝާލްގެ މޮޅު ކުޅުމާއެކު މާފަހި އަތުން މުރައިދޫއަށް ފަސޭހަ މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ